ސަފާރީއަކަށް ދިޔަވެ އަޑިއަށް ދިޔަ ހާދިސާގައި ކަނޑުވި ފިރިހެނަކު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ "ހޭންޑީ ގްރޫޒާ" ނަމަކަށް ކިޔާ ސަފާރީގައި ދަތުރު ކުރި މީހެކެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މިއަދު ވިދާޅުވީ ސަފާރީއެއް އަޑިއަށް ގޮސް ހިނގި ހާދިސާގައި ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ހަތް މީހަކު ގެނައި އިރު، އެ ހުރިހާ އެންމެންނަކީ ވެސް ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ބާކީ ތިބި މީހުންނަށް އީއަރުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 41 އަހަރުގެ ބިދޭސީ މީހެކެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި 17 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ސަފާރީ ދިޔަވާން ފެށީ މިއަދު ހެނދުނު 8:30 ހާއިރުއެވެ. ސަފާރީގައި ދަތުރު ކުރި އެންމެން ވެސް މިހާރު މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ސަފާރީގެ ބައިތައް ކަނޑުމަތީގައި --- ފޮޓޯ: އެމްއެންޑީއެފް

މި ސަފާރީ އަޑިއަށް ދިޔައީ ބޮލިފުށި ކައިރިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށެވެ.

މޫސުން ގޯސްވެ، ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މަޢުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބެމުންދާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އެންމެހާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް ވެސް އެމްއެންޑީއެފްއިން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކީއްކުރާނީ

    މީހެއްގެ ފުރާނަ ގެންދަވަންވީމަ، ގެންދަވާނެ. އެކަމުދޯ، މާލެއާއި މިހާ ކައިރީގައި ހިނގި ހާދިސާއަކަށް އެމް.އެން.ޑީ.އެފުން ކީއްވެބާ އެހާ އަވަހަށް އެޓެންޑު ނުވެވުނީ، ދިޔަވާން ފެށި ހިސާބުން އަންގައިފި. ކީއްކުރާ ޓްރެއިނިންގ ނެއްބާ މި ހަދަނީ. ކިހިނެއް އެލާރޓުގަ ތިބޭ ބައެއްބާ އެއީ.

    29
    4
  2. ސޯލިހު

    ކޮންނަމެއް ކިޔާ ސަފާރީއެއް ބޭރުގެ ސަފާރީއެއްތަ؟ ދިވެހި ސަފާރަިއެއް ނަމަ މުޅިން ބިދޭ ސީން އޭގައި ތިބެންވީ ކީއްވެ