ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އާއި ދިރާގާ ގުޅިގެން ޗައިލްޑްހުޑް ކެންސަރު ނުވަތަ ކުޑަ ކުދިންނަށް ޖެހޭ ކެންސަރު ބައްޔާ އާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.

މީގެ ހަތް އަހަރެއްހާ ދުވަސް ކުރިން، 2018 ވަނަ އަހަރުން ފެށިގެން ސެޕްޓެމްބަރު މަހު ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ "ޗައިލްޑްހުޑް ކެންސަރ އެވެއަރނެސް ކެމްޕެއިން" ގައި ކުރިން ވެސް ވަނީ ދިރާގުން އެހީތެރިކަން ފޯރުކޮށްދީފައިއެވެ.

ދިރާގުން ބުނީ، މި އަހަރު މި ކެމްޕެއިންގެ ދަށުން ޗައިލްޑްހުޑް ކެންސަރ އަށް ކުދިން ކުރިމަތިވާ ކަންތައްތަކަކީ ކޮބާ ކަމާއި، ބަލީގެ އަލާމަތްތައް ދެނެގަންނާނެ ގޮތާއި، ކެންސަރ ގުޅިގެން ދިމާވާ ނަފްސާނީ ކަންތައްތަކާއި، ކެންސަރ އަށް ފަހު އަނބުރާ ސްކޫލަށާއި އަދި މުޖުތަމަޢުއަށް ކުދިން ނިކުންނާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

ދާދި ފަހުން އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސަރޗް އޮން ކެންސަރ އިން ހެދި ރިޕޯޓަކުން ދައްކާ ގޮތުގައި ދުނިޔޭގެ ނިސްބަތުން ބަލާ ކަމުގައި ވަނީ ނަމަވެސް މިހާރު ޗައިލްޑް ހުޑް ކެންސަރު ވަނީ ނުހަނު އިތުރުވެ، ޕަބްލިކް ހެލްތް ކްރައިސިސް އަކަށް ވެފައިއެވެ.

މީގެ އިތުރުން، މި ރިޕޯޓްތަކުން ދައްކާ ގޮތުގައި، ކެންސަރގެ ސަބަބުން އެންމެ ގިނަ ކުދިން މަރުވެފައިވަނީ އޭޝިއާ ބައްރުގައިއެވެ. ކުޑަކުދިންނަށް ޖެހޭ ކެންސަރ ބައްޔަކީ ދުނިޔޭގެ ނިސްބަތުން ކެންސރ ބަލީގެ 1 އިންސައްތައެވެ. އެހެންނަމަވެސް، ރާއްޖޭގެ ނިސްބަތުން ބެލެވޭގޮތުގައި ގާތްގަނޑަކަށް 6-7 އިންސައްތަ ކެންސަރ ބަލީގެ ޕޭޝަންޓުންނަކީ 19 އަހަރުން ދަށުގެ ކުދިން ކަމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ލަފާކުރެއެވެ.

އެހެންކަމުން، ކެންސަރާ ބެހޭ މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް އެނގުމަކީ މުހިންމު ކަމެކެވެ. ލުކީމިއާ އަދި ސިނކުޑިއަށް ޖެހޭ ކެންސަރ ފަދަ ކެންސަރ ބަލީގެ ބާވަތް ތަކަކީ ކުޑަކުދިންނަށް އެންމެ ގިނައިން ޖެހޭ ކެންސަރ ބަލީގެ ތެރެއިން ބާވަތްތަކެވެ.

މި އަހަރުގެ މި ކެމްޕެއިން ފެށުމުގެ ގޮތުން މިމަހުގެ އެއް ވަނަ ދުވަހު ދިރާގުން ވަނީ ޗައިލްޑް ހުޑް ކެންސަރގެ ރިބަންގެ ކުލައިން ނުވަތަ ރަންކުލައިގެ ރިބަނަކުން ދިރާގު ހެޑް އޮފީސް ދިއްލާލާފައިއެވެ. މިއަހަރުގެ ކެމްޕެއިންގެ ދަށުން ޗައިލްޑް ހުޑް ކެންސަރ އާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ ވީޑިއޯ ސީރީސް އެއްވެސް ވަނީ ނެރެން ގަސްތުކޮށްފައިއެވެ.

މި ސީރީސްގެ ދަށުން އަލި އަޅުވާލާނީ ރާއްޖޭގެ ޗައިލްޑް ހުޑް ކެންސަރ އާ ބެހޭގޮތުންނާއި، މި ބަލީގައި މިހާރު ފަރުވާ ލިބެމުންދާ ކުދިންގެ ވާހަކަތަކާއި، އަނބުރާ މުޖުތަމައު އަދި ސްކޫލަށް މި ކުދިން ނެރެމުމަށް މުޖުތަމައުގެ އެންމެންގެ އެއްބާރުލުން ދެވޭނެ ގޮތްތަކަށެވެ. މީގެ އިތުރުން މި ކެމްޕެއިނުގައި ސްކޫލް ކުދިންނަށް އަމާޒު ކޮށްގެން ޚާއްސަ އޮންލައިން އާޓް އެގްޒިބިޝަނެއްވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފައިއެވެ.

ދިރާގުގެ ޑިރެކްޓަރ އޮފް ކޯޕަރޭޓް ސަރވިސަސް އާތިފާ އަލީ ވިދާޅުވީ، ކުޑަ ކުދިންނަށް އެހީތެރިވުމާއި އަޅާލުމަކީ އެބޭފުޅުންގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށާއި މިފަދަ މުހިންމު ކެމްޕެއިނެއްގައި ބައިވެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

"ކެންސަރ ސޮސައިޓީ އޮފް މޯލްޑްވިސްއަށް މި ކެމްޕެނުގެ މެސެޖްތައް ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރު ކުރުމުގެ މި ޕްރޮގްރާމުގައި ދިރާގުން ވަރަށް ފުރިހަމަ އެއްބާރުން ދޭނެ ކަމުގެ ޔަގީންކަން ދެން" އާތިފާ އަލީ ވިދާޅުވިއެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއަރޕާސަން، ޖުވޭރިޔާ ސައީދު ވިދާޅުވީ، މި އަހަރުގެ މި ކެމްޕެއިނުގައި ކެންސަރ ބަލިން ރަނގަޅުވެގެން އަލުން އަނބުރާ ސްކޫލަށް ނިކުންނަށް ކުދިންނަށް މުޖުތަމައުން އެހީތެރިވެވޭނެ ގޮތްތަކާމެދު ޚާއްސަކޮށް އަލި އަޅުވާލެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން މި ބަލީގެ ސަބަބުން ކުދިންނަށާއި އާއިލާތަކަށް ނަފުސާނީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް އަލި އަޅުވާލާނަން ނިންމާފައިވާ ަކަމަށެވެ.

"ދިރާގުން އަޅުގަނޑުމެންގެ ޗައިލްޑް ހުޑް ކެންސަރ އެވަރނަސް ކެމްޕެއިނަށް 2018 ވަނަ އަހަރުން ފެށިގެން ދަނީ މެއިން ޕާޓްނަރއެއްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެމުން. އެހެންކަމުން ދިރާގަށް ވަރަށް ޚާއްސަކޮށް ޝުކުރު ދަންނަވަން" ޖުވޭރިޔާ ސައީދު ވިދާޅުވިއެވެ.

ދިރާގުން ދަނީ ކުޑަ ކުދިންކުދިންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ޕްރޮގުރާމުތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންމެވެ.

ކިޔުންތެރިންގެ ހިޔާލު