ގދ. ތިނަދޫގައި ޖެންޑަރގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް އަނިޔާ ކޮށްފައިހުރި ކަމަށް އާއިލާއިން ތުހުމަތު ކޮށްފިއެވެ.

އުމުރުން 14 އަހަރުގެ މި ކުއްޖާ އިއްޔެ ބޭސްތަކެއް ކައިގެން ހާލުދެރަވެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

އާއިލާގެ ފަރާތުން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނީ އިއްޔެ ހޮސްޕިޓަލަށް ގެންދިއުމަށްފަހު ހުރިހާ ބޭސްތަކެއް 'ޑިޓޮކްސިފައި' ކޮށްފައިވާ ކަމަށެވެ. މިހާރުވެސް ކުއްޖާ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފަ ބާއްވައިގެން ފަރުވާދެމުން އަންނައިރު، ކުއްޖާ ބާއްވާފައި އޮތް ވޯޑަށް އެންމެ މީހަކަށް ފިޔަވައި، އާއިލާގެ މެމްބަރުންނަށް ނުވަދެވޭކަން އޭނާ ފާހަގަކުރިއެވެ.

އިއްޔެ ބޭސްތައް ކެއުމާއި ގުޅިގެން ކުއްޖާ ހާލުދެރަވެ ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، ޑޮކްޓަރު ދިން ލިއުމުގައި ބުނެފައިވަނީ ކުއްޖާ ކައިފައިވަނީ ޕެނިކް އެޓޭކް އަންނަ މީހުންނަށް ދޭ ބޭހެއް ކަމަށާއި، އޭގެ 9 ގުޅަ އެކުއްޖާ ކައިފައިވާ ކަމަށެވެ.

މި ކުއްޖާގެ ބެލެނިވެރިކަން ކުއްޖާ މަންމަ ފަރާތު އާއިލާގެ މީހަކާއި ހަވާލުކުރުމަށް ރޭ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވީ ކަމުގައި ވިޔަސް ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލަންދެން ޖެންޑާގެ މުވައްޒަފުން ކުއްޖާގެ ކަންތައްތައް ބަލަހައްޓަމުން ދާނެކަން އާއިލާއަށް އަންގާފައިވާ ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހާ ބުންޏެވެެ.

އޭނާ ބުނީ މި ކުއްޖާ އަކީ ނަފްސާނީ ބަލި ހުންނަ ކުއްޖެއް ކަމަށެވެ. އަދި މިފަދަ ކުއްޖެއްގެ އަތައް ޖެންޑާ މީހުން ބޭސް ދީފައިހުރުމުން އާއިލާއިން ވަނީ ކަންބޮޑުވުން ހާމަކޮށްފައެވެ. އާއިލާގެ ފަރާތުން މައުލޫމާތު ދިން ފަރާތުން ބުނީ ކުއްޖާގެ އަތުގައި ދުޅަވެފައި ހުރި ތަންތަނާއި، ފާރުވެފައި ހުރި ތަންތަން ހުރި ކަމަށެވެ. ކުއްޖާގެ ފަރާތުން ޖެންޑާގެ ތެރެއިން މީހުން އަނިޔާކުރާ ކަމުގެ ޝަކުވާތައް ލިބިފައިވާކަން އޭނާ ފާހަގަކުރިއެވެ. އޭނާ ބުނިގޮތުގައި އެ ކުއްޖާ ވަނީ ބަނދެފައި ބައިންދައިގެން އިންޖެކްޝަން ޖަހައި، އަނިޔާކުރާ ކަމުގެ ޝަކުވާ ކޮށްފައެވެ.

މި ހާދިސާއާއި ގުޅިގެން ޖެންޑާގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ މިފަދަ މައްސަލައެއް ސީ.އެފް.ޕީ.އެސްއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން މިނިސްޓްރީއިން ދަނީ ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފަހަކަށް އައިސް އަނެއްކާވެސް ޖެންޑާ މިނިސްޓްރީ އާއި ގުޅޭ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޏ. ފުވައްމުލަކުން: ބެއްޔާގެ ބެއްޔާ

    ކުރިން ޝިދާތާ ޝަރީފް އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑަރ މިނިސްޓަރުކަން ކުރާތީވެ، އެމްޑީޕީ ބައިގަނޑަށް ހަޖަމް ނުވީ. މިހާރު އެހެން އަންހެނަކަށް މަޤާމް ލިބުނީމަ ފުރަތަމަ ކޮޅުގައި އެއްވެސް އަޑެއް ބަޑެއް ނީވި، މިދިޔައީ. މިހާރު އަނެއްކާ ވެސް ކުޑަކުދިންގެ ޙައްޤުގތައް ގެއްލެމުންދާ ވާހަކަ ފަތުއަޑު ކިޔާފައި އިވެމުން ދަނީ. ކުރީގެ ޖެންޑަރ މިނިސްޓަރުގެ ނާޤާބިލުކަން ބުނެ އެއިރު ދެއްކިހާ ވާހަކަތައް މިހާރު ކޮބައިބާ؟

  2. ހަލީމު

    ތިއީ ލާދީނީ މީހުން ރުއްސަންވެގެން ނަމެއް ދީފައި ހުންނަ މިނިސްޓްރީއަކާއި މިނިސްޓަރެއް. އިސްލާމްދީނާ އެއްގޮތަށް އެއްކަމެއްވެސް ނުކުރާ ތަނެއް. ތިމިނިސްޓްރީން ކުރާ ކަމަކީ ދެމަފިރިންގެ ދެމެދުގައި ފިތުނަ އުފެއްދުމާއި ކުޑަކުދިންގެ ހައްގުތައް ގެއްލުވާލުން.

  3. ފާތުމަ އެޅި ވަގު މިސްކިތް

    ކޮބާ މީގެ ކުރިން ތިކުއްޖާގެ އާއިލާ....