އައްޑޫސިޓީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ދެމީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ހިތަދޫގައި ހުންނަ ޗެކްމާކް ފިހާރަ ކައިރީގައި ހިންގި މި މާރާމާރީގައި ޒަހަމްތަކެއް ވެފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ އެދެމަފިރިން އެސަރަހައްދު ކައިރިން ސައިކަލުގައި ދަނިކޮށެވެ. އެދެމީހުންނަށް ލިބުނު އަނިޔާތަކަށް ބަލާއިރު، ފިރިހެން މީހާގެ ކޮނޑަށް ކޮންމެ ވެސް ވަރެއްގެ އަނިޔާތަކަކާއި އަންހެން މީހާގެ އަތަށް ވަނީ އަނިޔާ ލިބިފައެވެ. އެހެން ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އެމީހުންގެ ބަންދަށް 10 ދުވަސް ޖެހީ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މާރާމާރީގެ އިތުރުން ހަމަ އެދުވަހު މެންދުރުގެ ވަގުތެއްގައި ހިތަދޫ ފްލެޓް ސަރަހައްދުގައި ވެސް ވަނީ ވަޅިން ހަމަލަދީ މީހަކު ޒަހަމް ކޮށްލާފައެވެ. އެހަމަލާގައި ވެސް މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެހަމަލާގައި ޒަހަމް ވެފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ.