ޤައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަހުނިޔާއާ މަރުޙަބާ ދަންނަވައިފިއެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި މެންބަރުންނަށް އެމަނިކުފާނު މަރުހަބާ ދަންނަވާފައި މިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯއްދެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާ ފަރާތްތައްތޯ ނުވަތަ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތައްތޯ ބައެއް ފަރާތްތަކުން ސުވާލު ކުރަމުން ދަނިކޮށެވެ.

ރައީސް ސޯލިހްގެ ޓްވީޓްގައި ވިދާޅުވީ ޤައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ މެންބަރުންނަށް ތަހުނިޔާއާ މަރުޙަބާ ވިދާޅުވާ ކަމަށާއި އަދި މި އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެނޑިޑޭޓުންނާއި ވޯޓުލުމުގައި ބައިވެރިވި ޕާޓީގެ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

އިންތިހާބުގެ ކާމިޔާބާއި ގުޅޭ ގޮތުން އެމަނިކުފާނު އިތުރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ނަމަވެސް އިންތިހާބުގެ ފަހުން މިއަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގައި ހޮވުނު ގިނަ ކެންޑިޑޭޓުން ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަށް ކަމަށެވެ. ގައުމީ މަޖިލީހަށް އިންތިހާބުވި އެންމެންގެ ތާއީދު އޮތް ގޮތެއް ބެލުމަށް ނަތީޖާ ގުނުވާފައިވާ ކަމަށާއި އޭގެއިން ފެންނަނީ ބަރުލަމާނީ ކެންޑިޑޭޓުން ގިނަ ތަން ކަމަށް ނަޝީދު މިއަދު ވިދާޅުވިއެވެ.

ގައުމީ މަޖިލިސް އިންތިހާބަކީ ރައީސް ސޯލިހާއި، ނަޝީދާއި ދެބޭފުޅުންގެ ދެމެދުގައި އޮތް ހިޔާލު ތަފާތުވުންތަކާއިއެކު ކުރިއަށް ދިޔަ ދެފެކްޝަންގެ އިންތިހާބެއް ގޮތުގައި އޮތީ ބެލެވިފައެވެ.

ރައީސް ސޯލިިހްގެ ފެކްޝަނުން ބުނަނީ ގައުމީ މަޖިލީހުގެ ޖުމްލަ 97 ގޮނޑީގެ ތެރެއިން 65 ގޮނޑި އެފެކްޝަނަށް ކަށަވަރުވި ކަމަށެވެ. މިއީ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ރައީސަށް ލިބިވަޑައިގަތުން ކަމަށް ވެސް އެ ފެކްޝަނުން ދެކެ އެވެ. ނަމަވެސް ނަޝީދުގެ ފެކްޝަނުން ވިދާޅުވަނީ ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އެފެކްޝަނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަންގު

    ވާހަކައެއް ދަށްކާނެކަމެއްނެތް 2023 ގައި ޖަލަށް ދާން ތަށްޔާރުވޭ 35 މިލިޔަނަކީ މަދުއަދަދެއްނޫން ހިތާމަޔާއި މޮޅިވެރިކަން ގެނެސްދޭނެއަހަރަކަށް މަރުހަބާ.

    3
    2