ސްކޫލް ކުދިންގެ ލަވަ މުބާރާތުން ފެނުނު އަދި އޭގެ ފަހުން ދިވެހިންގެ މެދުގައި މަގުބޫލް ލަވަތަކެއް ކުރިން ހުށަހަޅައިދީފައިވާ ލަވަކިއުންތެރިޔާ މުހައްމަދު ޝަހުބާން ކުއްލި ގޮތަކަށް އިއްޔެ ހަވީރު ނިޔާވެއްޖެއެވެ.

މއ.ތަބައްގޭ ޝަހުބާން ނިޔާވިއިރު އުމުރަކީ 53 އަހަރެވެ. އޭނާ އަކީ މަޝްހޫރު ބޮޑުއަކުރު ލިއުންތެރިޔާ ތަބައްގޭ އަލީ ފަހުމީ (ތަބަށް އަލިފުޅު) ކާފަ ދަރިއެކެވެ. ޝަހުބާން ނިޔާވިކަން އެނގުނީ، ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓްގައި، މަޣުރިބު ނަމާދަށް ވުޟޫކުރަން ފާހާނާއަށް ވަން ގޮތަށް ޚަބަރެއް ނުވެގެން ދޮރު ހުޅުވައިގެން ބެލުމުންނެވެ.

ނިޔާވިއިރު ޝަހުބާންގެ ދެ ފިރިހެން ކުދިން އެބަތިއްބެވެ.

ޝަހުބާން ސްކޫލް ކުދިންގެ ލަވަ މުބާރާތްތަކުގައި އާއްމުންގެ މަގުބޫލުކަން ހޯދީ އެމްއީއެސް އިންނެވެ. އޭނާ ކިޔާފައިވާ މަޝްހޫރު އެއްލަވައަކީ "ރީތި ނަލަނަލަ ހަނދެއް ކުރި އަލީގައި.." އެވެ.

ލަވަކިއުން ހުއްޓައިލުމަށްފަހު އޭނާ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މިއުޒިކް ގްރޫޕުގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވެއެވެ.

ޝަހުބާންގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

އޭނާ ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އޭނާ އަށް ހެޔޮ ދުއާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާއިޒް

    ﷲ މަރްޚޫމްގެ ފުރާނަޔައް ހެޔޮ ރަހުމަތް ލައްވާށި...

    16
  2. -

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

    17
  3. ކައުންސެލަރު

    އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން. މަރުހޫމްގެ ފުރާނައަށް ހެޔޮރަޙުމަތް ލައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

    14
  4. yt

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون