ފެލިވަރުގައި މަސްވެރިންގެ ދުވަހުގެ ކުރިން އިތުރު 50 ޓަނުގެ އައިސް ޕްލާންޓް ގާއިމްކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު އެމަނިކުފާނު މަޖިލީހަށް ހާޒިރުކުރީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނައިފަރުގައި އައިސްޕްލާންޓެއް ގާއިމް ކުރުމަށް ވައުދުވެވަޑައިގަންނަވާފައިވާ ކަމަށް ފާހަގަކޮށް އެ މަސައްކަތް ކުރިއަށް ނުދަނީ ކީއްވެގެންތޯ ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރައްވާފައިވާ ސުވާލަކާއި ގުޅިގެންނެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ޑރ.ހުސެއިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި 2018 ވަނަ އަހަރު ނައިފަރުގެ މަސްވެރިންނާއި ރިޔާސި ކެނޑިޑޭޓެއްގެ ހައިސިއްޔަތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަސްވެރިންނާއި ބައްދަލުކުރެއްވި ކަމަށެވެ. މަސްވެރި އުޅަނދެއްގައި ބޭއްވި އެ ބައްދަލުވުމުގެ ރެކޯޑިން މިހާރު ވެސް އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ކަމަށް ފާހަގަކުރައްވާ ޑރ.ހުސެއިން ވިދާޅުވީ ނައިފަރުގެ މަސްވެރިން އެ ރަށުގައި އައިސްޕްލާންޓެއް ހަދައިދިނުމަށް އެދިފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް ނައިފަރާއި ދާދި ގާތުގައި އޮތް ފެލިވަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަކުރައްވާ އެ މަސައްކަތްތަކުގެ އަދާހަމަތައް މިނިސްޓަރ ވަނީ ހިއްސާކުރައްވާފައެވެ. އެ މަޝްރޫއުގެ ދަށުން ދުވާލަކު 200 ޓަނު މަސް ގަނޑުކުރާނެ ބްރައިން ފްރީޒިން އާއި، ދުވާލަކު 80 ޓަނު ފިނި ކުރާނެ ރެފްރިޖަރޭޓެޑް ސީ ވޯޓަރ ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ފެލިވަރުގައި ހުރީ ހަމައެކަނި 30 ޓަނުގެ އާރްއެސްޑަބްލިއު ކަމަށް ވާއިރު އެ އަށް ވުރެ އިތުރަށް އައިސް ގަނެވެނީ މަސް ފިނިކުރާ ބޯޓެއް ފަޅުގައި ބާއްވައިގެންނެވެ.

ފެލިވަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު ނިމުމުން ފާދިއްޕޮޅާއި އުތުރުގެ މަސްވެރިންނަށް މަސްވެރިކަން ކުރުމަށް އިތުރު ފަސޭހަތަކެއް ލިބި އެކަމުގެ ފައިދާ ހާސިލްކުރެވޭނެ ކަމަށް ޑރ. ހުސެއިން ވިދާޅުވިއެވެ.

"މިހާރު ފެލިވަރުގައި ހުރީ 550 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކަމަށް ވާއިރު އެ މަޝްރޫއުގެ ދަށުން 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަށް ބަދަލުކުރުމާއި، ފެލިވަރުގައި އިތުރު 100 ޓަނުގެ އައިސް ޕްލާންޓް ގާއިމް ކުރާނެ. މީގެ ތެރެއިން 50 ޓަނު މަސްވެރިންގެ ދުވަހުގެ ކުރިން ހުޅުވާނެ." އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. ނައިފަރުގެ މަސްވެރިން 2018 ވަނަ އަހަރު ރައީސް ސޯލިހު އާއި ބައްދަލުކޮށް ކޮށްދޭން އެދުނު ކަންކަން ފުރިހަމަ ކުރަމުންދާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ނައިފަރުގެ މަސްވެރިން އެދުނީ ލުއިގޮތަކަށް ފެލިވަރުން އައިސް ހޯދާ ދިނުމަށާއި، ސްލިޕްވޭއެއް އެޅުމާއި، އިންޖީނު ރިޕެއާ ސިސްޓެމެއް ގާއިމް ކުރުމާއި، ފާދިއްޕޮޅުގައި ޑައިވްކޮށްގެން އެން ހިފުން މަނާކުރުމާއި، ލޭނު އަޅައިގެން މަސްބޭނުމާއި ދާ އަޅައިގެން މަސް ބޭނުން ރާއްޖޭގައި މަނާކުރުން ކަމަށެވެ. އަދި ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ފެލިވަރުން އައިސް ޓަނެއް ވިއްކާ އަގު 1060 ރުފިޔާ އިން 750 ރުފިޔާ އަށް ދަށްކޮށްފައިވާ ކަމަށް ޑރ.ހުސެއިން ވިދާޅުވިއެވެ. އަދި ދާ އަޅައިގެން މަސްވެރިކަން ސަރުކާރުން މަނާކޮށްފައި ވާއިރު ލޭނު އެޅުން ވަނީ ހުއްޓިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ފާދިއްޕޮޅުގައި ހިމެނޭ ރަށްރަށާއި ސަރަހައްދުތަކުގެ ތެރެއިން އެނިމޯމް ތިލަފުށިފަރު، ދަނޑިފަޅު ކަނޑުއޮޅި އަދި ދަށުގިރި ފިނޮޅު ވަށައިގެންވާ ސަރަހައްދުން ޑައިވްކޮށްގެން އެން ހިފުން މިހާރު މަނާކޮށްފައިވާ ކަމަށް ޑރ.ހުސެއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރިއްޔާ

    ހުރިހާ ކަމަކަށް ފެލިވަރަށް ދާން ނުޖެހި ރާއްޖޭގެ ހުރިހާ މަސްވެރިންނަށްވެސް ކައިރިވާ ގޮތަށް ރާއްޖޭގެ އެކި ހިސާބުގަ އައިސް ޕްލާންޓާ ފެކްޓަރީ ވެސް ހެދުން މުހިންމު. މިހާރު ފެކްޓަރީ އިންނަނީ ރާއްޖޭ މެދުގަ. ދެން ހުޅުވަންވީ އުތުރުގަ ތަނެއް އަދި ދެކުނުގަ ތަނެއް.

  2. މުޖުތަބާ

    ހުޅުވާނަމޭ ބުނެފިތަ، ތިކަން ވާނެކަމާމެދު ޝައްކު.. ނުކުރާނަމޭ

  3. މުޖުތަބާ

    ހުޅުވާނަމޭ ބުނެފިތަ، ތިކަން ވާނެކަމާމެދު ޝައްކު.. ނުކުރާނަމޭ ބުނިނަމަ ތަންކޮޅެއް އުންމީދެއް އޮތީސް.