ޅ.އަތޮޅު ނައިފަރުގައި އައިސްޕްލާންޓެއް ގާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައި ނުގަންނަވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު އޭނާ މަޖިލީހަށް ހާޒިރުކުރީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނައިފަރުގައި އައިސްޕްލާންޓެއް ގާއިމް ކުރުމަށް ވައުދުވެވަޑައިގަންނަވާފައިވާ ކަމަށް ފާހަގަކޮށް އެ މަސައްކަތް ކުރިއަށް ނުދަނީ ކީއްވެގެންތޯ ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރައްވާފައިވާ ސުވާލަކާއި ގުޅިގެންނެވެ. އެ ސުވާލުގެ ޖަވާބުގައި ޑރ.ހުސެއިން ވިދާޅުވީ ރިޔާސީ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް ނައިފަރުގެ މަސްވެރިންނާއި ބައްދަލުކުރެއްވި އިރު އެތަނުގައި ހުންނެވި ކަމަށާއ، އެ ދުވަހު ދެކެވުނު ވާހަކަތަކުގެ ރެކޯޑިން ވެސް އެބަ އޮތް ކަމަށެވެ. ނައިފަރުގެ މަސްވެރިން އެ ރަށުގައި އައިސްޕްލާންޓެއް ހަދާދިނުމަށް އެދިފައި ނުވާ ކަމަށް ޑރ.ހުސެއިން ތަކުރާރުކޮށް ވިދާޅުވިއެވެ.

"އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ގަދަވެ ސަލާމަތުން އެބަ ތިއްބެވި. އެ ބޭފުޅުން ކައިރިން އައްސަވާ. ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ވައުދެއްގެ ގޮތުގައި ދެއްކެވި ވާހަކަފުޅު. އަޅުގަނޑު ވަރަށް އަދަބުވެރިކަމާއި އެކު މެމްބަރަށް މި ވާހަކަތައް އަރުވާނަން." ޑރ.ހުސެއިން ވިދާޅުވިއެވެ.

މިނިސްޓަރ އެހެން ވިދާޅުވުމުން ޝިޔާމްގެ އިތުރުން ބައެއް އެހެން މެމްބަރުންވެސް ވަނީ އަޑުގަދަކުރައްވާ މިނިސްޓަރގެ ވާހަކަފުޅުތަކާއި މެދު ނުރުހުން ފާޅުކުރައްވާފައެވެ. އެހިސާބުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލީހުގެ ނައިބު ރައީސް އީބާ އަބްދުﷲ ވަނީ މަޖިލީހުގައި އަޑުގަދަ ކުރާ ކޮންމެ ފަހަރު މަޖިލީހުގެ މަސައްކަތް ހުއްޓާ ނުލެވޭނެ ކަމަށް ބުނެ މެމްބަރުން ހުއްޓުވާ މިނިސްޓަރުގެ ވާހަކަތަކަށް ފުރުސަތުދެއްވާފައެވެ.

މިނިސްޓަރ ހުސެއިން ވަނީ ނައިފަރުގެ މަސްވެރިން އެދުނު ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވެ، އެކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އަދި މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ނައިފަރާއި ދާދި ކައިރީގައި އޮތް ފެލިވަރުން މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ނައިފަރުގައި އައިސްޕްލާންޓެއް ގާއިމް ކުރުމަށް ރައީސް ވައުދުވެވަޑައިނުގަންނަވާ ކަމަށް ވަޒީރު ވިދާޅުވުމުން، މިއަދަކީ މަސްވެރިންނަށް ކަޅު ދުވަހެއް ކަމަށް ޝިޔާމް ވަނީ ސިފަކުރައްވާފައެވެ. އަދި ނައިފަރުގައި އެކަނިވެސް މަސްވެރިކަން ކުރާ 24 އުޅަނދު އޮތް އިރު އެ އުޅަނދުފަހަރުތަކަށް އެކަނި ވާވަރަށް ވެސް އައިސް ނުލިބޭ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

"ވެދާނެ ޕޯޑިއަމްއެއްގައި ވިދާޅުނުވަނީ ކަމަށް. އެކި ޕްލެޓްފޯމްގައި ރައީސް އެހެން ވިދާޅުވި. އަޅުގަނޑުމެން މިނިސްޓަރަށް ރެކޯޑިން އަރުވަފާނަން. އިއްޒަތްތެރި ރައީސް. ފެލިވަރުގައި އުފައްދާ އައިސް އަކުން ނުވޭ. ރަނގަޅަށް މަސް ބާނަން ފަށައިފިއްޔާ ފެލިވަރުން އައިސް ހޯދާ ގޮތް އެނގޭނެ އެންމެންނަށް." ޝިޔާމް ވިދާޅުވިއެވެ.

ނައިފަރުގެ މަސްވެރިން 2018 ވަނަ އަހަރު ރައީސް ސާލިހު އާއި ބައްދަލުކޮށް ކޮށްދޭން އެދުނު ކަންކަމުގެ ތެރޭގައި ލުއިގޮތަކަށް ފެލިވަރުން އައިސް ހޯދާ ދިނުމަށާއި، ސްލިޕްވޭއެއް އެޅުމާއި، އިންޖީނު ރިޕެއާ ސިސްޓެމެއް ގާއިމް ކުރުމާއި، ފާދިއްޕޮޅުގައި ޑައިވްކޮށްގެން އެން ހިފުން މަނާކުރުމާއި، ލޭނު އަޅައިގެން މަސްބޭނުމާއި ދާ އަޅައިގެން މަސް ބޭނުން ރާއްޖޭގައި މަނާކުރުން ހިމެނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައީސް ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ފެލިވަރުން އައިސް ޓަނެއް ވިއްކާ އަގު 1060 ރުފިޔާ އިން 750 ރުފިޔާ އަށް ދަށްކޮށްފައިވާ ކަމަށް ޑރ.ހުސެއިން ވިދާޅުވިއެވެ. އަދި ދާ އަޅައިގެން މަސްވެރިކަން ސަރުކާރުން މަނާކޮށްފައި ވާއިރު ލޭނު އެޅުން ވަނީ ހުއްޓިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފެލިވަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު ނިމުމުން ފާދިއްޕޮޅާއި އުތުރުގެ މަސްވެރިންނަށް މަސްވެރިކަން ކުރުމަށް އިތުރު ފަސޭހަތަކެއް ލިބި އެކަމުގެ ފައިދާ ހާސިލްކުރެވޭނެ ކަމަށް ވެސް ޑރ. ހުސެއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލް

    ރައްޔިތުންނަށް ދޮގު ހަދައިގެން ވެރިކަމަށް އަންނަ މީހުންނަށް ވެރިކަން ކުރަން ވަރަށް އުނދަގޫވާނެ. ޚުދު އަމިއްލަ ޕާޓީންވެސް ފިއްތުންތައް ކުރިމަތި ކުރާނެ. ވީމާ ވެރިކަމަށް އަންނަ ކޮންމެ ބަޔަކުވެސް ވާންވީ ގައުމަށާއި ރައްޔިތުންނަށް ތެދުވެރި އިޚުލާސްތެރި ބަޔަކަށް. އޭރުން ރައްޔިތުން ފާޑު ކިޔާފާނެތީ ބިރުގަންނާކަށް ނުޖެހޭނެ. ވެރިމީހާއަށް ސަނާ ނުކިޔައިގެން ދެރަވާކަށްވެސް ނުޖެހޭނެ.

  2. ހުސޭނުބޭ

    ނައިފަރާ ހިންނަވަރާ ބުރިޖަކުން ގުޅާލާ ވާހަވެސް ބުނި. އެ ބުނާ ބުރިޖެއް އަޅަނީ ކޮން ދުވަހަކުންތަ؟