ގދ. ހޯޑެއްދޫގައި މަސް ފެކްޓަރީއެއް ގާއިމްކުރުމަށް ފިޝަރީޒް މިނިސްޓްރީ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސް ކުންފުނި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި މަސައްކަތް ފުރިހަމަ ކުރުމަށް އިތުރު 5-6 މިލިއަން ޑޮލަރު އިތުރަށް ބޭނުންވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

ނައިފަރުގައި އައިސްޕަލްނާޓެއް ނޭޅި ގިނަ ދުވަސްވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރުމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ ހޮރައިޒަންއާ ހަވާލު ކުރި މަސް ފެކްޓަރީގެ މަސައްކަތް ލަސްވާ ސަބަބު އޮޅުންފިލުއްވައި ދެއްވުމަށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ހޮރައިޒަންގެ މަސް ފެކްޓްރީ ގާއިމް ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް އެތަނުގައި ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން ވަރަށް ގިނަ ސާމާނު އަނދައިގެން ދިޔަ ކަމަށެވެ. އޭގެ ފަހުން އެތަން އަލުން ހެދުމަށް ކުރަން ޖެހޭ ޚަރަދުކޮށް، އެތަން ފުރިހަމަ ކުރުމުގެ މަސައްކަތް މަޑުމަޑުން ކުރިއަށް ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރުކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އެތަނަށް ޒިޔާރަތްކޮށް، އެތަނުގެ އިސް މުއައްސިސުންނާއި ބައްދަލުކުރެއްވި ކަމަށާއި، އިތުރަށް އިންވެސްޓް ކުރުމަށް ބޭނުންވާ ފައިސާ ބޭންކު މެދިވެރިކޮށް ހޯދުމަށް ދަތިތައް ހުރިކަން އެ ބޭފުޅުން ފާހަގަކުރައްވާފައިވާ ކަމަށް ވެސް ޑރ.ހުސެއިން ވިދާޅުވިއެވެ.

" އަދި މަހުގެ އަގު ހުރު ގޮތުންނާއި، އިންޓަނޭޝަނަލް ބާޒާރުގައި މި ދެންނެވި އަގުތައް ހުންނަ ގޮތުން އެ ކެޕިޓަލް އިންވެސްޓްކޮށްގެން އެކަން ކުރުމަށް މިވަގުތަކު ތިމަންނަމެންނަށް އެހާ ތަނަވަސްކޮށެއް ނެތޭ. އެހެން ވިދާޅުވެފަ ވެސް ވިދާޅުވި ތިމަންނަމެން އެ މަސައްކަތް ކުރިއަށް އެބަގެންދަމޭ." ޑރ.ހުސެއިން ވިދާޅުވިއެވެ.

ނަމަވެސް އެ މަސައްކަތް ނުނިމި ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެ މަސައްކަތް އަވަސްކޮށް މަންފާ ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން ކުރާ މަސައްކަތްތަކާއެކު މަހުގެ އަގު އުފުލުމަކީ އެފަދަ އިންވެސްޓްމެންޓްތައް ކުރި އަރައިދިއުމަށް ލިބޭނެ ފުރުސަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކަޅުބިލަ މަހުގެ ސިނާއަތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ރާއްޖެ ހަތަރު ޒޯނަކަށް ބަހާލާ، މަސް ގަތުމަށް ހުޅުވާލި ފުރުސަތުގައި، ބީލަން ކާމިޔާބުކޮށްގެން ޒޯން ތިނެއްގެ މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއް މަސްވެރިކަމާ ބެހޭ ވުޒާރާ އާއި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއިކުރީ ސެޕްޓެމްބަރު 10، 2003 ގައެވެ.

ހޯޑެއްދޫގައި މަސް ފެކްޓަރީއެއް އެޅުމަށް ހޮރައިޒަން ފިޝަރީޒްއާ އެކު އެއްބަސްވުމެއް ހެދިތާ 15 އަހަރުވެފައިވާ އިރު، އެމަސައްކަތް ކުރެވިފައި ނުވާތީ ގދ.ގެ މެމްބަރުން ވަނީ ތަކުރާރުކޮށް އެކަމާ މެދު ނުރުހުން ފާޅުކުރައްވައިފައެވެ.

އެއްބަސްވުމުގެ ދަށުން ހޯޑެއްދޫން 8.9 ހެޓަރު ބިމާއި، އެ ބިމާއި އިންވެގެން ހިއްކާފައިވާ 4.5 ހެކްޓަރު ބިން ހިމެނޭ ގޮތަށް، ޖުމްލަ 13.5 ހެކްޓަރު ބިން ވަނީ ހޮރައިޒަން ފިޝަރީޒަށް ކުއްޔަށް ދީފައެވެ.

މީގެ އިތުރުން، 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 160 ޓަނުގެ ބްރައިން ޓޭންކެއް އަދި 50 ޓަނުގެ ޕްލާންޓެއް ގާއިމްކުރުމަށް އެ ކުންފުންޏާއި ހަވާލުކުރި އިރު އެންމެ ފުރަތަމަ އެ މަސައްކަތް ލަސްވީ 2007 ވަނަ އަހަރު، ޝޯ ބޭސްޑް އިންވެސްޓްމެންޓް ގާއިމް ކުރުމަށް، ހޯޑެއްދޫ ބަނދަރު ފުންކުރި އިރު ނަގާފައިވާ ވެލި، ޑްރެޖް މެޓީރިއަލްސް ބޭނުންކޮށްގެން ހޯނޑެއްދޫ އާއި މަޑަވެއްޔާއި ދެމެދުގައިވާ ސަރަހައްދު ހިއްކަން އޭރުގެ ސަރުކާރުން ނިންމުމުން، އެ މަސައްކަތް ނުކުރެވި، ހޮރައިޒޮންގެ މަސައްކަތް ކުރަން ޖެހޭ ބައެއް ތަންތަނުގައި އެ ވެލި ފުނިތައް ބަހައްޓާފައި ހުރުމުންނެވެ.

އޭގެ ފަހުން 2007ގައި، ހޯނޑެއްދޫގެ މަސްފެކްޓްރީގެ މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި، އެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ސަރަހައްދުގައި ހުއްޓާ، ދިމާވި އަލިފާނުގެ ހާދިސާއެއްގައި ވަނީ އަނދައިފައެވެ. ހޯޑެއްދޫ މަސްފެކްޓްރީ ހަދަން ކަނޑައެޅި ބިމުގައި ވެލިފުނިތައް ނެގުމުގެ މަސައްކަތް ނުކޮށް މަޑު ޖެހިފައިވާތާ ނުވަ އަހަރު ފަހުން، 2016 ގައި ހައުސިންގެ އިމާރާތެއް އެޅުމަށް އެ ވެލި ބޭނުން ކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހުއްދަދީފައެވެ.

އެއަށް ފަހު އެ ވެލިފުނިތައް ނަގާ މުއްދަތުން ފެށިގެން ދެ އަހަރު ދުވަސް ތެރޭގައި އެ މަސައްކަތް ނިންމުމަށް ހޮރައިޒަން ފިޝަރީޒަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން އެންގި ނަމަވެސް އޭގެ ފަހުން މިހާތަނަށް އެ މަސައްކަތް ކުރުމަށް ބާރު އެޅުމުގެ ގޮތުން، އެ ވުޒާރާއިން އިތުރު މަސައްކަތެއް ކުރިކަން ހާމަކޮށްފައެއް ނުވެއެވެ.

އެ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގޮސް ވަނިކޮށް، މަސް ފެކްޓްރީއެއް އެޅުމަށް ފިޝަރީޒް މިނިސްޓްރީ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސް ކުންފުނި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ހޮރައިޒަނުން އަމަލުކުރަމުން ނުދާ ކަމަށާއި އެކަމާ މެދު ފިޔަވަޅު އެޅުމަށް އެދި އެޓާނީ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާ ކަމަށް މިދިޔަ އަހަރުގެ ކުރީކޮޅު ފިޝަރީޒް މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.
.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    އަދި އޭގެ އިތުރުން ދެތިން ފަޅުރަށާއި ހައެއްކަ ފަޅުވެސް ބޭނުންވޭ ދޮގެއްތޯ!

  2. Anonymous

    ގާސިމައް 6 ބިލިޔަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދެވޭނެ ވަރު ބޭފުޅެއް މިގައުމުގަ އެބައުޅުއްވާތޯ. ގާސިމްހާ ނިކަމެއްޖަކު މިގައުމަކު ނޫޅޭ.

  3. އަބްދޫ

    އެ މަސް ފެކްތާޜި އަލަން 6.5 މިލިއަންޑޮލަރގެ ލޯނު ނަގާ 2023 ގަ ގާސިމްގެ ރިޔާސީ ކެމްޕެނަށް ހަރަދު ކުރާނެ .ހޮރައިޒަން އަށް ކިތައް އަހަރުވެއްޖެ ކިތައްލޯނު ނަގައިފި ރިޔާސީ އިންތިހާބަ ދމާވިމަ މަސް ގަތުމުގެ ބަދަލުގަ ގަންނަނީ ވޯޓް.

  4. މުހައްމަދު

    ގދ.ހޯޑެއްދޫގައި ޤާއިމްކުރަން އުޅޭ މަސްފެކްޓަރީގެ އެއްވެސް މަސައްކަތެއްނުކޮށް އެރަށުގެ ބިމުން ބޮޑުބައެއް ބޭނުންކޮށް ތިމަސައްކަތް ކުރުމުގެ ނަމުގައި ފަޅުހިއްކާ މުޅިރަށުގެ ފަޅު ހިލާކުކޮށް ރީތިގޮނޑުދޮށް ގެއްލި ޗަކަތަނެއްގެ ގޮތުގައި އަތިމަށްޗާއިފަޅުވެ މުޅިރަށް ހަލާކުވެ ރައްޔިތުންނަށް ފައިދާއެއްނުކޮށް ޤާސިމްގެ މުށުތެރެއަށް ލައިގެ ނުހަމގޮތުގައި ބޭނުންކުރަމުންދާތީވެ ރަށުގެ ރައްޔިތުންނަށް ފިސާރިބޮޑެތިގެއްނުންތަކާއި އަދި ހިތްހަމަނުޖެހުން ބޮޑު ރައްޔިތުންނަށް ފައިދާއެއްނެތި ޤާސީމަށް މިތަންދީގެން މިއުޅެނީ ކޮންކަމަކާތޯ !