މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހްގީގަށް މީހަކު ފުލުހަށް ހާޒިރުވާން އަންގައި ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.

ފުލުހުން ވެބްސައިޓްގައި ވިދާޅުވީ ސ. ހުޅުދޫ / ކޯޒީކޯނަރ، މޫސާ މަނިކު (33އ) އަކީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ. އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއަދު ފުލުހުން މޫސާ މަނިކު ހޯދަން އިއުލާން ކުރީ އޭނާ އަށް ޗިޓް ރައްދުކޮށް ނުދެވުމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ އުސޫލުގެ ދަށުންނެވެ.

މޫސާ މަނިކު ފުލުސް އޮފީހަށް ހާޒިރުވާން އަންގަނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށާއި މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުންގެ އިއުލާނުގައި ވިދާޅުވިއެވެ. ނަމަވެސް މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.

މޫސާ މަނިކު 2021 އޮކްޓޯބަރ 5 ވަނަ ދުވަހުގެ 13:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑީންގަށް ހާޒިރުވުމަށް ފުލުހުންގެ އިއުލާނުގައި ވަނީ އަންގާފައެވެ.

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ފުލުސް އޮފީހަށް މީހަކު ހާޒިރު ކުރަން އިއުލާން ކުރިއިރު ފަހަކަށް އައިސް މަކަރާއި ހީލަތުގެ މައްސަލަތަކުގައި ހިމެނޭ ވަރަށް ގިނަ މީހުން ފުލުހަށް ހާޒިރުވާން އަންގައި އިއުލާން ކުރަމުން ގެންދެއެވެ.