އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގައި ދައުލަތަށް ގިނަ ސުވާލުތަކެއް އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ކުރިމަތިކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ އެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު އެންމެ ފުރަތަމަ ވެސް އަމާޒުކުރި ސުވާލަކީ މީގެ ކުރީގައި މިފަދަ މައްސަލަތައް ނިމިގެން އަންނަ ގޮތަކުން ދައުލަތުގެ ސްޓޭންޑް ބަދަލު ވެފައި އޮތުމުން އެ ކަން އިއާދަ ވެދާނެތޯއެވެ.

ފަނޑިޔާރު އަޒްމިރަލްދާ އެއީ ސީދާ ކޮން މައްސަލައެއް ކަން ވިދާޅުނުވިޔަސް އިޝާރާތް ކުރެއްވީ މީގެ ކުރީގައި ހިނގި ސިޔާސީ ބައެއް ލީޑަރުންގެ މައްސަލަތަކަށް ކަމަށް ބެލެވެއެވެ. އޭރު ވެސް ޝަރުއީ ތިން މަރުހަލާ ނިމުނު ފަހުން ވެސް ދައުލަތުގެ ސްޓޭންޑް ނުވަތަ ދައުލަތުން މައްސަލައެއްގައި ވަކާލާތު ކުރައްވާ ގޮތް ބައެއް މައްސަލަތަކުގައި ބަދަލުވެފައި އެބަ އޮތެވެ.

ފަނޑިޔާރުގެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ދައުލަތުގެ ސްޓޭންޑް ބަދަލު ކުރުމުގެ އެއްވެސް އިހުތިމާލެއް ނެތް ކަމަށެވެ. ޚިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ އެހެން ބައެއް މީހުންގެ މައްސަލަތައް ލަސްވުމަކީ ޔާމީން އޭގައި ބައިވެރިވި ކަމަށް ފެންނަ ހެކިތައް ނެތިދާނެ ސަަބަބެއް ނޫން ކަމަށް ދައުލަތުން ވިދާޅުވެއެވެ. ޔާމީންގެ މައްޗަށް ދައުވާ އުފުލީ ތަހުގީގު ފުރިހަމަ ކޮށްފައިތޯ ދައުލަތާއި ސުވާލު ކުރުމުން، ދައުލަތުން ވިދާޅުވީ ޔާމީން އެ ކަމުގައި ބައިވެރިވި ކަމުގެ އެކަށޭނަ ހެކި ލިބުމުން ދައުލަތުން ގަބޫލު ކުރަނީ ތަހުގީގު އޮތީ ފުރިހަމަ ވެފައި ކަމަށެވެ.

އެހެންވިޔަސް ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށުނު ފަހުން އާ ހެކިތަކެއް ލިބިގެން އެ ކަން ފާހަގަ ކުރެއްވި ކަމަށް ދައުލަތުން ވިދާޅުވިއެވެ. އެ ހެކި ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމިޔަސް، ދެން ހުރި ހެކިތަކާއެކު ކުށް ސާބިތުވާ ކަން ކަނޑައެޅި ކަން ދައުލަތުން ފާހަގަ ކުރެއްވިއެވެ.

އެސްއޯއެފްއާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް

އެސްއޯއެފްއަކީ އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާ ޖަމާކުރި ކުންފުންޏެވެ. އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެގެން ދިޔައީ މި ކުންފުންޏަށެވެ. ފަނޑިޔާރު އަޒްމިރަލްދާ ވަނީ އެސްއޯއެފްގެ އެކައުންޓްގައި ހުރީ ހަމައެކަނި ޚިޔާނާތުގެ ފައިސާތޯ ސުވާލު ކުރައްވައިފައެވެ. އަދި އެސްއޯއެފްގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގުނުތޯއާއި ދައުވާ ކުރަން ނިންމާފައިވޭތޯ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.

ދައުލަތުން ވިދާޅުވީ އެސްއޯއެފްގެ އެކައުންޓަށް އެއް ބިލިއަން ރުފިޔާ ނުވަތަ 70 މިލިއަން ޑޮލަރު ވަދެފައި އޮތް ކަން ފާހަގަ ކުރެވޭއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތަށް ފަހު އެ އެކައުންޓުން ކުރި މުއާމަލާތްތަކީ މީގެ ކުރީގައި ހިންގި މުއާމަލާތްތަކަށް ވުރެ މާ ބޮޑެތި ފައިސާގެ މުއާމަލާތް ކަމަށެވެ. ޚިޔާނާތުގެ ތަހުގީގު ފެށިގެން އައި އިރު އެސްއޯއެފްގެ އިސް މީހުން ރާއްޖޭގައި ނެތް ކަމަށާއި އެހެންވެ އެ ކުންފުނީގެ މައްޗަށް ތަހުގީގު ކުރެވިފައި ނުވާ ކަމަށް ދައުލަތުން ވިދާޅުވެއެވެ.

އޭގެ ފަހުން ދައުލަތުން ދެން ވިދާޅުވީ މައްސަލައިގެ ތަހްގީގު ފުރިހަމަ ކުރުމަށް އެސްއޯއެފްގެ ވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެހެންކަމުން އެސްއޯއެފްއަށް ދައުވާ ނުކުރަން ނިންމާފައިވާކަމަށެވެ.

އެސްއޯއެފްއަށް ދައުވާ ނުކުރަން ނިންމިއިރު، ޔާމީންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރަށް ވުރެ މާ ބޮޑެތި އަދަދުތަކުން ފައިސާ ޖަމާވި ފަރާތްތަކުގެ ތަހުގީގު ނުނިމޭތޯއާއި އެ ފަރާތްތަކަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައިވޭތޯ ވެސް އަޒްމިރަލްދާ ސުވާލު ކުރެއްވިއެވެ.

އޭގެ ޖަވާބުގައި ދައުލަތުން ވިދާޅުވީ އަދީބު، ޒިޔަތު، ޔާމީން، އަޒީޒް ފަދަ ބޭފުޅުންގެ ތަހުގީގު އަވަސް ވެގެން ދިޔައީ އެ ފަރާތްތައް ފުރުއްވަމުން ގެންދަވާ މަގާމުގެ ގޮތުން ވިޔަފާރިއާއި އިތުރު އާމްދަނީ ހޯދަން ނޯންނާތީ ފައިސާ ތަހުލީލު ކުރަން އަވަސްވެގެން ދިޔައީ ކަމަށެވެ. އެހެންވިޔަސް އަބަދުވެސް ވިޔަފާރި މުއާމަލާތްތައް ކުރާ ވިޔަފާރިތަކާއި ކުންފުނިތަކާއި ވަކި ފަރުދުންނަށް ލިބިފައިވާ ފައިސާ ތަހުލީލު ކުރުމުގައި ވަގުތުތަކެއް ނަގާނެ ކަން ދައުލަތުން ފާހަގަ ކުރެއްވިއެވެ.

އެއް މިލިއަން ޑޮލަރާ ގުޅޭ ގޮތުން ވެސް ސުވާލުތަކެއް

އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ކަމާއި އެ ފައިސާއަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ދައުލަތުން ކަނޑައެޅި ގޮތަކާ ގުޅޭ ގޮތުން ވެސް ސުވާލު ކުރެވުނެވެ.

ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ވިދާޅުވީ އެ ގޮތަށް ނިންމި މައިގަނޑު އެއް ސަބަބަކީ، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ އެސްއޯފްއަށް ޖަމާވުމަށް ފަހު ކުރިން މުއާމަލާތް ނުކުރާ ވަރުގެ ބޮޑެތި ފައިސާތަކުގެ މުއާމަލާތް ކޮށްފައި އޮތުމުން ކަމަށެވެ.

އެސްއޯއެފް އިން އޭގެ ފަހުން ފައިސާ އިންވެސްޓް ކޮށްފައި ހުރިކަން ވެސް ފާހަގަ ކުރައްވައި ދައުލަތުން އިންވެސްޓް ކުރި ފައިސާއަކީ ދައުލަތުގެ ފައިސާ ކަމުގައި ބެލޭވެނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އޭގެ ފަހުން ޔާމީންގެ އެކައުންޓްއަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމާއި އެ ފައިސާ ޖަމާކުރި ތާރީޚާއި ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތްތައް ހިންގުނު ތާރީޚާއި އެ ރަށް ދޫކުރި ތާރީޚާއި އެސްއޯއެފްގެ ޗެކް ސްޓޭޓްމަންޓްއާއި ހުރިހާ ކަމަކަށް ބެލުމުން އެ ފައިސާއަކީ ވޮޑަމުލާ ދޫކޮށްގެން ލިބެން ޖެހޭ ފައިސާ ކަން ދަލާލަތުކޮށްދޭ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން ޔާމީން ވަނީ މީގެ ކުރިން ދައްކަވާފައިވާ ވާހަކަތައް ދައްކަވާފައެވެ. މި ގޮތުން އެއީ އަދީބު އަތުގައި ހުރި ޔާމީންގެ ކެމްޕޭން ފައިސާ ދެއްވަން އެދިވަޑައިގަތުމުން ޖަމާކޮށްދިން ފައިސާ ކަމަށް ވިދާޅުވިއެވެ.

ފައިސާ ޖަމާ ކުރަނީ އެސްއޯއެފް އެކައުންޓުން ކަން ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މުއާމަލާތް ހިނގިއިރު އެސްއޯއެފްއާއި އެމްއެމްޕީއާރުސީގެ ވާހަކަ ދެކެވިފައި ނުވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އަޑުއެހުމެއް ދެން އޮންނާނީ އަންނަ ހަފުތާ ހޯމަ ދުވަހު

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރު މަހާޒް ވިދާޅުވީ ދެން އަޑުއެހުމެއް އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ. އެ އަޑުއެހުމުގައި ފުރަތަމަ ކަމަކަށް އޮންނާނީ ޔާމީންގެ ފަރާތުން ހުށަހަޅުއްވާ އާ ހެކިތައް ޝަރީއަތަށް ހުށަހެޅުއްވުން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ މަރުހަލާގައާއި ހައި ކޯޓުގެ މަރުހަލާގައި ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައި ނުވާ ބައެއް ހެކިތައް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާއިރު އޭގެ ބައެއް ކަންކަން އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

މި ގޮތުން އަދީބުގެ އަތުގައި ޔާމީންގެ ފައިސާ ހުރި ކަން އެނގޭނެ ހެކިތަކާއި ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދުއާ ބައްދަލުނުވާ ކަން ސާބިތު ކުރަން ވެގެން އަދީބާއި މުއައްވިޒާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ޗެޓްލޮގްތައް ހިމެނެއެވެ.

އެ މަރުހަލާއަށް ފަހު ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުން އޮންނާނެއެވެ. ވަގުތު އޮތް ނަމަ، އެއާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަބޭ

    މިސަރުކާރުގެ މަދުމީހަކުނޫނީ އެންމެން އެމްއެމްޕީއާރުސީ ފައިސާއިން މަންފާހޯދައިފި އެހެންކަމުން ދައުލަތަތް މިވަނީ މިމައްސަލާގަ އެސްޢޯއެފްއައް ދައުވާނުކުރެވޭ ހާލަތައްގޮސްފަ

    48
    1
  2. ހުޝާމް

    ތިރީސްފަސްމިލިއަން ގެންގޮސްދިނީވެސް އެސްއޯ އެފުންތަ
    އެހެންވިއްޔާ އެމީހުންނަކައް ދައުވާއެއްނުކުރެވޭނެތާ

    45
    1
  3. އައްޔަ

    ބޮޑު ކަމެއް މީ ތަރައްގީގެ ރާނީ

    18
    2
  4. ދަރަނި ދަންތުރަ

    ދައުލަތުން ތިޔަދައްކަނީ ތުއްތުކުދިން ދައްކާކަހަލަ ވާހަކަ ބޮޑެތި ބުުތާނުދޮގު ހަދައިގެން ރައީސް ޔާމީނު ބޮޅުގައި ވަގުބަދުނާމު އަޅުވާފަ ހައްގުނޫން އަނިޔާ ތިޔަދެނީ ، އަހަރެން ބޭންކު އެކައުންޓު ހުޅުވިތާ 2 ދުވަސް ފަހުން ބަޔަކު ބޭންކު ލޫޓުވާލީ ، އޭގެ 2 ދުވަސް ފަހުން އަހަރެންގެ އެކައުންޓަށް މުސާރަ ޖަމާކުރީ ، ދެން އަހަރެންގެ ބޮލުގައި ބޭންކު ލޫޓުވާލި ކަންތަށް އަޅުވާލެވޭނެތަ ؟

    43
    1
  5. ރައްޔިތުންގެ ޚިޔާލު

    ދައުލަތުން ވިދާޅުވަނީ 70 މިލިއަން ޑޮލަރު ކައްވާލިފަރާތުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާކަމަށެވެ. އެހެންވީމާ ދައުލަތުން ތިޔަވަނީ ރައްޔިތުންނަށާއި ޤައުމަށް ބޮޑުތަނުން ޚިޔާނާތްތެރި ވެފައެވެ.

    56
    2
  6. އަފިރިން

    ރައީސް ޔާމީންގެ ވަކީލުން ދިފާއީހެކިތަކަށް ރިއާޔަތްކޮށް ހަވާލާ ދިނުމުގައި ބޭރުގެ ބައެއް ގައުމުގެ ގާނުނުތަށް ނެގުމުން ދައުލަތަށް އެކަން ހަޖަމެއްނުވި. ޢެކަމު މިއަދު ދައުލަތުން ރިއާޔަތް ކުރުމުގައި ބޭރުގެ ގާނޫނުތަށް ނެގުމުން ދައުލަތް ގޮތް ހުސްވެފައި އޮތްވަރު ހާމަވޭ. ރޔ މިނިވަން ކުރޭ. ތިމައްސަލަ އަކީ ސިޔާސީ ބޭނުމެއްގަ އުފައްދައިގެން ހިންގާ ބާތިލް ސަރީއަތެއް

    59
    1
  7. އައިމިނެ

    މި ދައުވާ ބާތިލްވެއްޖެނަމަ ވަގުންނަށް ލިބޭނެ އިތުރު ހިތްވަރެއް. ކުދި ކުދި ވައްކަން ކުރުމުގެ ބަދަލުގައި މިލިއަނުން ބިލިޔަނުން ގުނާލެވޭ ކަހަލަ ވައްކަން ކުރަން ދެވޭ ދައުވަތެއް،

    6
    47
  8. ޙައްވަ

    ޔާމީން މިނިވަންވާނެ ޖަލުގައި އޮންނަންޖެހޭނީ ޔާމީން އެކަންޏެން ނޫން ހައްގައް ނަސްރުލިބޭނެ

    39
    1
  9. ތިއްތި

    އެސްއޯ ކުންފުންޏަށް ދައުވަ ނުކޮށް ޢަދުލުގެ ކަންފުޅެއްނެތް މީހުންގެ ނިންމުން ބަލައެއް ނުގަނެވޭނެ މީ ބޮޑުވަރެއް ކޮބާ ތިޔަބުނާ ހެޔޮނިޔަތް

  10. ށަވިޔަނި

    ރައީސް ޔާމީނަކީ ގަޓުހުރި ތެދުވެރި ލީޑަރެއް ﷲގެރަޙްމަތް އެމަނިކުފާނަށް މިންވަރު ކުރައްވާށި އާމީން