ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރެވިފައިވާ ކަމަށާއި ދެން އެންމެ އަވަހަށް ކުރިމަތިލާން ޖެހޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކުރިން ގައުމު ހިންގޭތޯ ބަލަން އެބަ ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހުގައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް ސޯލިހްއާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެމެދު ވާދަވެރިކަމެއް އުފެދިފައިވާ މި ދަނޑިވަޅުގައި އިބްރާހީމް ގެންދަވަނީ ދެ ރައީސުންނަށް ވެސް އަމާޒު ކުރައްވައި ބަހުގެ ހަމަލާތަކެއް ދެއްވަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސްގެ ފަޅި ގިނަ ކެންޑިޑޭޓުންތަކެއް ގޮނޑި ކާމިޔާބު ކުރެއްވިއެވެ. އެކަމަކު ރައީސް ނަޝީދު ވިދާޅުވަނީ ބަރުލަމާނީ ނިޒާމު ތާއީދު ކުރައްވާ 53 ބޭފުޅުން ހޮވުނު ކަމަށާއި ވަކި ބޭފުޅަކަށް ގައުމީ މަޖިލިހުގެ ކޮންޓްރޯލް ނޯންނާނެ ކަމަށެވެ.

މިކަމާ ގުޅިގެން އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިހުގެ ޕްރައިމަރީއާއި މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއާއި ކައުންސިލް އިންތިޚާބާއި އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ވެސް ނިމިފައިވާ ކަމަށެވެ.

2023 ގެ ރިޔާސީ ޕްރައިމަރީ ވެސް ފެށެން އުޅޭނެ ކަމަށާއި މި ދެމެދުން ލިބޭ ހަ މަހެއްހާ ދުވަސް ގައުމު ހިންގަން އުޅުމަށް ރައީސްއަށް އިބްރާ ގޮވާލެއްވިއެވެ. އަދި ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަން ރައީސްއަށް ހަނދުމަކޮށް ދެއްވިއެވެ.

 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ވެސް އޮތީ ރައީސްގެ މެޖޯރިޓީއެވެ. ނަޝީދުގެ ފެކްޝަންގެ މީހުން މަދެވެ. އަދި އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރުކަމުން ޕާޓީ ދެބައިނުވެ ހިފަހައްޓަވާނެ ކަމަށް ވިދާޅުވެފައިވެސް ވެއެވެ.

އެހެންވިޔަސް ދެ ރައީސުންގެ ވާދަވެރިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނައިރު، ސަރުކާރުގެ ސްޕީޑް ދަށްވެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކާއި ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެކަމަކު ސަރުކާރުގެ ބޭފުޅުން ވިދާޅުވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އިގްތިސާދީ ތަދުމަޑުކަމެއް އައުމުން ވެސް މަޝްރޫއުތައް މަޑުނުޖެހި ކޮންމެ ވެސް ވަރަކަށް ހިނގަމުންދާ ކަމަށެވެ.