ޏ. ފުވައްމުލައް ސިޓީން ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން މީހަކަށް އެ ސިޓީގެ ކައުންސިލުން ދޭން ނިންމާފައިވާ ފައިސާގެ އިނާމާއި ރެސްޓޯރެންޓް ވައުޗާ ގުރުއަތުން ހޮވުން ފަރާތްތަކަށް ހަވާލު ކޮށްފިއެވެ.

ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ މި ވެކްސިން ޕްރޮގްރާމްގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ފައިސާގެ އިނާމެއްގެ ގޮތުން ދޭން ނިންމާފައިވަނީ 1،000 ރުފިޔާއެވެ.

ގުރުއަތުން ހޮވުން ފަރާތަކަށް އިނާމް ހަވާލުކުރަނީ، ފޮޓޯ:ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގެ މޭޔަރު އަބްދުﷲ ރަފީގް "ވަގުތު" އަށް ވިދާޅުވީ، ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވަނީ އެސިޓީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ހަމަ ކުރުމަށް ކުރިއަށް ގެންދާ ކެމްޕޭނުގެ ތެރެއިން ކަމަށެވެ. އަދި ރެސްޓޯރެންޓްތަކުން ކެއުން ހަމަ ޖައްސަނީ އެއީ އެ ރެސްޓޯރެންޓްތަކުން ސްޕޮންސަރ ހަމަ ޖެހިގެން ކަމަށް ރަފީގް ވިދާޅުވިއެވެ.

"ވެކްސިން ޖަހާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން މީހަކަށް މިދެނީ 1،000 ރުފިޔާ. އަދި އިތުރު ފަސް މީހަކަށް ދެ މީހުން ދެމީހުން ހިމެނޭ ގޮތަށް ރެސްޓޯރެންޓަކުން ހިލޭ ކެއުމުގެ ފުރުސަތު ވެސް އެބަ ދެން" ރަފީގު ވިދާޅުވިއެވެ.

މި ކެމްޕޭން ފަށާފައިވަނީ އޮގަސްޓް މަހުގެ 26ވަނަ ދުވަހުއެވެ. އަދި އިއްޔެއާއި ހަމައަށް މި ކެމްޕޭން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އަދި މިހާރު އެ ސިޓީގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު ކަނޑައެޅިފައި އަދަދަށް އަރާފައިވާއިރު، ޕީސީއާރް ނަތީޖާއާ ނުލާ ދަތުރު ކުރެވޭ ރަށްތަކުގެ ލިސްޓަށް އެ ވަނީ ވަނީ އަރާފައެވެ.

ރާއްޖެއިން މިހާތަނަށް 728،000 މީހުން ކޮވިޑް-19 ވެކްސިން ޖަހާފައިވެއެވެ. އަދި އޭގެ ތެރެއިން 336،000 މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. މިއާއިއެކު ރާއްޖެއިން ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އިންސައްތަ ވަނީ 63.3އަށް އަރާފައެވެ.