ދިވެހިރާއްޖެ އިން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެ އިންޑިއާ ދެމީހެއްގެ އަތުން 5.24 ލައްކަ ރުޕީސް (ދިވެހި ރުފިޔާ އިން ބަލާނަމަ -/109000 ރުފިޔާ) އަތުލި އިންޑިއާ ބައެއްގެ މައްސަލަ އިންޑިއާގެ ފުލުހުން ތަހްގީގު ކުރަން ފަށައިފިއެވެ.

މުމްބާއީގެ ފުލުހުން އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ދެމީހަކަށް ރާއްޖެ އިން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ ދެމީހަކަށް ލަނޑު ދީފައި ވަނީ ދެއަންހެނެކެވެ. ވަޒީފާ ހޯދަން އުޅުނީ 29 އަހަރުގެ ފިރިހެނަކާއި އޭނާގެ އެކުވެރިއެކެވެ.

މައްސަލަ ތަހްގީގު ކުރަމުންދާ ފުލުހުން ބުނާ ގޮތުގައި ވަޒީފާ ހޯދައިދޭ އެޖެންޓުން ކަމަށް ބުނާ މީހުން، ދެމީހެއްގެ އަތުން ފައިސާ ފުރަތަމަ އަތުލީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެއީ އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމުގެ ކުރިންނެވެ. ފައިސާ އަތުލުމަށް ފަހު ވަޒީފާއަށް ރާއްޖެ ނާދެވި ލަސްވާން ފެށުމުން ދެމީހުން ވެސް ވަނީ އެޖެންޓުން ކައިރީ އެކަމުގެ ޝަކުވާ ކޮށްފައެވެ. އޭރު އެޖެންޓުން ބުނަމުން ގެންދިޔައީ ކޮވިޑްގެ ސަބަބުން ރާއްޖެ އިން ވިސާ ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.

ކޮވިޑްގެ ސަބަބުން ފައިސާ އިތުރަށް ދައްކަން ޖެހޭ ކަމަށް ބުނެ ވަޒީފާ ހޯދަން އުޅުނު ދެމީހުންގެ އަތުން އެޖެންޓުން ވަނީ ފަހުން ވެސް ފައިސާ އަތުލާފައެވެ.

ނަމަވެސް އެންމެ ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރ އީމެއިލް މެދުވެރިކޮށް ދެމީހުންނަށް ވެސް ވަނީ ރާއްޖެ އިން ވިސާ ހަމަ ޖެހުނު ކަމުގެ ލިޔުމެއް ފޮނުވާފައެވެ. އެއީ އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ލިޔުމެކެވެ. އިންޑިއާ ފުލުހުން ބުނާ ގޮތުގައި އެއީ ސައްހަ ލިޔުމެއް ނޫންކަން ތަހްގީގަށް ވަނީ ކަށަވަރު ވެފައެވެ.

ވިސާ ހަމަޖެހުނު ކަން އެނގި އީމެއިލްއަށް ފަހު ރާއްޖޭގެ ދެ ކުންފުންޏެއްގެ ނަމުގައި ވެސް އެމީހުންނަށް އީމެއިލް ކޮށްފައި ވެއެވެ. މިހާރު އެނގިފައިވާ ގޮތުގައި އެދެކުންފުނީގެ ތެރެއިން އެއްކުންފުންޏަކީ ވުޖޫދުގައި ވެސް ނެތް ކުންފުންޏެކެވެ. ދެވަނަ ކުންފުންނިން ވަނީ އެކުންފުނިން އޮފާ ލެޓާއެއް ނުފޮނުވާކަން ކަށަވަރު ކޮށްދީފައެވެ.

ވަޒީފާ ހޯދަން އުޅުނު ދެމީހުން ވަނީ އެމީހުންނަށް ލިބުނު "ވިސާ" އާއި ސިޓީތައް ހިފައިގެން ރާއްޖެ އައިސްފައެވެ. ނަމަވެސް ރާއްޖެއަށް އެތެރެނުވެވި އެމީހުން ޖެހުނީ އަލުން އަނބުރާ އިންޑިއާ އަށް ދާށެވެ. އެހިސާބުން އެމީހުންނަށް އެޖެންޓުގެ އެއްވެސް ޚަބަރެއް ނުވެއެވެ.

މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށް އިންޑިއާ ފުލުހުން ނުބުނެއެވެ.