ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުން، މިރޭ 20:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށަހެޅޭނީ ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށް ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާ މެދުގައެވެ. ރައީސް ސޯލިހްގެ ފެކްޝަނުން ބުނާ ގޮތުގައި އިންތިހާބުގައި ލިބުނު ގޮނޑިތަކާ އެކުގައި އެ ފެކްޝަނަށް ގައުމީ މަޖިލިހުގެ ފުރިހަމަ ކޮންޓްރޯލް ވަނީ ލިބިފައެވެ. އެއީ 100 އަށް ވުރެ ގިނަ ގޮނޑިއެވެ.

އިންތިޚާބުގައި ވާދަކުރެއްވި ވަޒީރުންނާއި އަދި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ވަނީ ގައުމީ މަޖިލިސް އިންތިޚާބުވެފައެވެ. އޭގެ ތެރޭގައި އެންމެ ފަހު ވަގުތު ވާދަކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ހިމެނިވަޑައިގަންނަވައެވެ. މަހުލޫފްއަކީ މިފަހަރުގެ އިންތިޚާބު އެންމެ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އެއް ކެންޑިޑޭޓްއެވެ.

އޭގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވެސް ހިމެނިވަޑައިގަންނަވައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު