ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް އއ. މަތިވެރިން، ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލަން އެ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރް މިއަދު މަޖިލީހުގައި ގޮވާލައްވައިފިއެވެ.

ޖާބިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ކޯޓު އަމުރުގެ ދަށުން މަތިވެރިން ހައްޔަރުކުރީ 29 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ.

ސަރުކާރުގެ ފަރާތުން، ކުރެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަނީ އަބްދުލްހަކީމް ހުށަހަޅުއްވާފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޒަރީރް ވިދާޅުވީ މަތިވެރިން ހައްޔަރުކުރި ދެ މީހުންނަކީ ރަށުގައި ގެސްޓުހައުސް ވިޔަފާރި ހިންގަމުން އަންނަ ބައެއް ކަމަށެވެ.

ޒަރީރު ވިދާޅުވީ ބަޔަކު ހައްޔަރުކޮށްގެން، ކުދިއަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކިތަންމެ އިސްލާހެއް ގެނަޔަސް ޒުވާނުން ހިތްހަމަ ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ސަރުކާރަށް ގޮވާލަން ވަގުތުން ވަގުތަށް އެ ދެ ޒުވާނާ މިހާރުން މިހާރަށް މިނިވަންކުރަން" ޒަރީރު ވިދާޅުވިއެވެ.

ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން އޭނާއާ ދެކޮޅަށް އެ ރަށު ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. މައްސަލަ ގޯސްވީ އެރަށުގައި ހުންނަ އޭނާގެ ގެސްޓްހައުސް، ބިމަށް ކުލި ނުދައްކާ ކަމަށް ބުނެއެވެ. ނަމަވެސް އެ ވާހަކަތައް ޖާބިރު ދޮގުކުރައްވައެވެ.