އައިއެސް ޖަމާއަތުން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައިކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ ޝަރީއަތް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 ގައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ހައި ކޯޓުން އަމީން މިނިވަން ކުރަން ހުކުމް ކުރީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި އަމީންގެ މައްޗަށް ދައުވާކޮށްފައި ނުވާތީ ކަމަށް ބުނެއެވެ.

ފަހުން ހައި ކޯޓުން ވަނީ އޭނާ މާލެ ފުރުން މަނާކޮށް މޮނިކޮން އަމުރެއް ނެރެފައެވެ. މާލޭގައި އުޅުނަސް، އޭނާއަށް ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ގެއިން ބޭރަށް ނުކުތުން ވެސް މަނާ ވާނެ ކަމަށް ހައި ކޯޓުން ނެރެފައިވާ އަމުރުގައިވެއެވެ.

ހައި ކޯޓުގެ ނިންމުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނީ، އެ ކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު މާނަކޮށްދީފައި ވަނީ ރަނގަޅަކަށް ނޫން ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާ ކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައި ކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާ ކަމަށް ވެސް ހުސައިން ޝަމީމް ވިދާޅުވެއެވެ.

އަމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.