ދީބާޖާ ކުންފުންޏަށް ބަދަލު ނަގައި ނުދިނުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ތިންވަނަ ފަހަރަށް މި ޝަރީއަތް ފަށައިގެން ދީބާޖާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ މަރުހަލާގައި އެންމެ ފުރަތަމަ ދީބާޖާއަށް ބަދަލު ދޭން ހުކުމްކޮށްފައި ވަނިކޮށް، އެ ކޯޓުގައި މައްސަލަ އަލުން ރިވިއުކޮށް ބާތިލްކުރިއެވެ. އެކަމަކު އެ ހުކުމް ބާތިލް ކުރީ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ދީބާޖާއަށް ދީފައެވެ.

ދީބާޖާއިން މި މައްސަލަ ސުޕްރީމް ކޯޓުގައި އަލުން އިސްތިއުނާފް ކުރުމުން، އެ ޝަރީއަތުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދީބާޖާގެ ވަކީލް މުހައްމަދު ހަލީމް އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ފާހަގަ ކުރެއްވީ މީގެ ކުރިން ފާހަގަ ކުރައްވާފައިވާ ނުކުތާތަކެވެ.

މި ގޮތުން ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓަށް ދައުލަތުން ހުށަހެޅީ ގާނޫނުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތު ފަހަނައަޅައި ދިޔަ ފަހުންނެވެ. އެ ކަން ވެގެން ދިޔައީ ދަށު ކޯޓުގެ ޝަރީއަތް ނިމުނުގެ ގޮތުގެ ރިޕޯޓް ލަސްވުމާއި އެ މައްސަލައާ ހަވާލުވެ ހުންނެވި ވަކީލުގެ އިހުމާލުންނެވެ.

ދީބާޖާގެ ގިނަ އިސްތިއުނާފީ ނުކުތާތައް އޮތީ އެ ކަމުގެ މައްޗަށް ބިނާކޮށްފައެވެ. މި ގޮތުން އިސްތިއުނާފަށް 90 ދުވަހުގެ މުއްދަތެއް ގާނޫނުގައި އޮތަސް މުއްދަތަށް އަމަލު ކުރުން ލާޒިމުނުވާ ޚާއްސަ ހާލަތްތަކެއް ގާނޫނުގައި އޮތުމުން އެއާ ގުޅުވާފައި މައްސަލަ ބަލައިގަތީ ގާނޫނާ ޚިލާފަށް ކަމަށް ވަކީލް ވިދާޅުވިއެވެ

މި ގޮތުން ގާނޫނުގައި އޮންނަނީ ދައުލަތަށް އަމިއްލަ ބާރު ނުފޯރުވޭ ހާލަތެއް ކަމަށާއި އެހެންވިޔަސް މުއްދަތު ލަސްވިކަމަށް ދައުލަތުން ބުނާ އެއް ހާލަތަކީ ދައުލަތަށް ބާރު ފޯރުވޭނެ ހާލަތެއް ކަމަށް ހަލީމް ވިދާޅުވެއެވެ. އަދި އެ ހާލަތެއް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްތިއުނާފީ ނުކުތާތައް ހުށަހެޅުއްވުމަށް ފަހު ދީބާޖާގެ ވަކީލް ހަލީމް ވިދާޅުވީ ދީބާޖާއަށް ލިބިދޭ ގެއްލުމުގެ ހިސާބުތައް ވަޒަންކުރީ ބައިނަލް އަގްވާމީ އޮޑިޓް ފާމްއެއްގެ އޮޑިޓަށް ރިއާޔަތްކޮށް ކަމަށް ވިޔަސް ހައި ކޯޓާއި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ދައުލަތުން އެ ހިސާބުތައް "ވަންހާނާ ކުރި" ކަމަށެވެ.

އެއިން އެނގޭ ކަމަކީ މި މައްސަލައިގެ ޝަރީއަތް ގެންދިއުމުގައ ދައުލަތުގެ ނިޔަތް ރަނގަޅު ނޫން ކަމަށް ވަކީލް ވިދާޅުވިއެވެ. އަދި އެ ކަންކަމަށް ރިއާޔަތްކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި އެ ނުކުތާތަކަށް ޖަވާބު ދެއްވަން ދައުލަތަށް ފުރުސަތު ދެއްވާނެ ކަން އަންގަވައިފައެވެ.

މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަލީ ރަޝީދެވެ. ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ދީބާޖާ މައްސަލާގައި ކަން ހިނގި ގޮތް:

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު 2010 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރިއެވެ.

އެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން 2019 ގައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. ސިވިލް ކޯޓުގެ ހުކުމް އެގޮތަށް އައީ ދީބާޖާ އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ނަގައި ދިނުމަށް އެދިފައިވަނިކޮށެވެ.

ދީބާޖާއަށް ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން ހުކުމް ކުރުމާ ގުޅިގެން، މި ސަރުކާރުގައި ކޯޓުން ބޭރުގައި މައްސަލަތައް ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމިޓީން ވަނީ ދީބާޖާއާ އެކު މަޝްވަރާކޮށް 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ލަފައާ އެ ގޮތަށް ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ނިންމެވިއެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކުރައްވައި އެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ބަންޑާރަ ނައިބަށް އެމަނިކުފާނު އެންގެވީ މިދިޔަ ޖެނުއަރީ މަހުގައެވެ.

މި މައްސަލައިގެ ދައުލަތުގެ ސްޓޭންޑް ބަދަލު ކުރީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ އައިސް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ބަންޑާރަ ނައިބު ހާޒިރު ކުރުމަށް ފަހު އެ ކޮމިޓީން ވެސް އެ ގޮތަށް ލަފާ ދިނުމުންނެވެ.

މި މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުގެ ހުކުމަށް ރުޖޫއަވެ ދީބާޖާއިން ބޭނުންވާނަމަ އަލުން އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި ބެލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކާފަބޭ2020

    2022ހުގެ ބަޖެޓުގެބޮޑުބައިހުލިކޮށްލަންތައްޔާރުވީތޯ؟ 2023ގެ ކުރިންދެމުނުވަރަކަށްދަމައިގެން އެންމެންބަޗައިގެންދާން އަދިވެސް ރުފިޔާފައިސާމަދުވަނީތޯ؟

    10
  2. ހުވަދޫ ބެއްޔާ

    ހޫން. ރަށު ތެރޭ ކިޔާ މިވެސް އެއުޅޭ މަނީ ހެއިސްޓު ގުރޫޕަށް ފައިސާ ގަޑެއް ނުހައްގުން ދޭން ހިންގާ ޖަރީމާ އެކޭ. ތިބެމާ ބަލަން އުތަ؟

    10
    1
    • ހެހެހެ

      ބަލަން ތިބޭނެކަމެއްނެތް އަތް ހޫރާ

  3. ދަރަނި ދަންތުރަ

    ދިވެހިންގެ ހަޒާނާ ނޮޅާ ވީދާ އިރައިގެން ކައި ހުސްކޮށްފި ރީނދޫ ގުރޫޕު ދިވެހިންގެ ހަލާކު

    10
  4. އަބުދުﷲ

    ސިޔާސީ މީހުންގެނުބައި ކަމުން މިރާއްޖެ ސަލާމަތް ކުރުމުގެ މަސައްކަތަކީ ޢާއްމުކޮށް ހުރިހާދިވެހި ރައްޔިތުން ޚާސަކޮއް ތައުލީމީ ޒުވާނުންގެ މައްޗައް އޮތް ކިފާޔަތުގެ ފަރުޟެއްކަމުގައި މިހާރު މިވަނީ ވެފަ. މިގޮތައް މަކަރުވެރި ބައެއްގެ އަތްދަށުގަ މިހާގިނަ ދުވަސް ވުމަކީ މުސްތަގުބަލުގެ ޖީލުތަކުން އަހަރަމެންނައް ލައުނަތްދޭނެެ އަދި ލަދުގަންނާނެ ކަމެއް.!!!!!!!!

    2
    1
  5. އަބުދުﷲ

    މިސިޔާސީ ނިޒާމެކޭ ބޭރުގެ ބާރަކުން ދިވެހިންގެ މައްޗައް ވެރިކަން ކުރުމެކޭ މާބޮޑުތަފާތެއް ހުރިކަމެއްނޫން. ..... އެމީހުންވެސް ތަނައްލިބޭ ހުރިހާއެއްޗެއް އެމީހުންނާ ގުޅުންހުރިމީހުންނައް ދީގެން ކާނީ އާދައިގެ ރައްޔިތުންނަކީ އެމީހުން ޓެކްސްނަގާ ބައެއްގެ ގޮތުގަ ބައިތިއްބާނީ.