އަންނަ އޮގަސްޓްމަހުގެ ތެރޭގައި ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ވިދާޅުވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުހައްމަދު ހުޝާމް ވިދާޅުވީ މިހާރު ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ލައިން ސަބްގްރޭޑިންކޮށް ނިންމާލެވިފައިވާ ކަމަށެވެ. އަދި ރަންވޭ ސަބްބޭސް އެޅުމުގެ މަސައްކަތްވެސް ފެށިފައިވާ ކަމަށާއި އެ މަސައްކަތުގެ 20 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށެވެ.

އަދި ސަބްބޭސްގެ މަސައްކަތް ނިމުމުން އެޅުމަށް ހަމަޖެހިފައިވާ އޭބީސީ ލެޔަރ އަށް ބޭނުންވާ ތަކެތި މިހަމުގެ 8 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ދާނެ ކަމަށް ހުޝާމް ވިދާޅުވިއެވެ. އަދި މިމަހުގެ 15 ހިސާބުގައި އޭބީސީ އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

އަދި އޭބީސީގެ މަސައްކަތް ނިމޭވަރަކުން ތާރު އަޅަމުންދާނެ ކަމަށާއި އެއްކޮށް އޭބީސީ އަޅާ ނިމެންދެން ނުތިބޭނެ ކަމަށެވެ.

"މި ޕްރޮޖެކްޓްގައި ނުތިބޭނެ އެއްކޮށް އަޅާ ނިމެންދެން. އެއް ލެޔަރ އެޅެމުންދާ ވަރަކަށް އަނެއް ލެޔަރ ގެ މަސައްކަތް ފަށާނެ." ހުޝާމް ވިދާޅުވިއެވެ.

އޭގެ އިތުރުން މި ޕްރޮޖެކްޓްގައި މަސައްކަތް ކުރިއަށްދަނީ ބާރު ސްޕީޑެއްގައި ކަން ފާހަގަކޮށް ހުޝާމް ވިދާޅުވީ އޮގަސްޓްމަހުގެ ނިޔަލަށް ތާރުއަޅާ ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އަދި އެހެންމެ ޓާމިނަލް ސަރަހައްދަށް ހިކިވެލި އަޅާ ކޮންމްޕްރެސް ކުރަމުންދާ ކަމަށާއި ޓާމިނަލް އިމާރާތް ކުރުމުގެ މަސައްކަތްވެސް މިމަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އެޅުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ފެބްރުއަރީމަހުގެ ތެރޭގައި އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ރަންވޭ އެޅުމުގެ އިތުރުން ކުޅުދުއްފުށީ އެއާޕޯޓުގެ ޓެކްސީވޭ އާއި އޭޕްރަން ހެދުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ކުޅުދުއްފުށި އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެއާޕޯޓްގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރީ 53.9 މިލިއަން ރުފިޔާ އަށް 160 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ކުޅުދުއްފުށީގައި އަޅާ ރަންވޭގެ ބޮޑު މިނުގައި 1.2 ކިލޯ މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީއިން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް މި އަހަރުގެ އޮގަސްޓު މަހުގައި ފުލައިޓް ޖައްސަން ފަށާނެ ކަަމަށް ރައީސް ޔާމީން ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous
  2. ކުޅުދުއްފުށި މަވެސް

    ކުޅުދުއްފުށި އެއާޕޯޓު ހެދެން އޮތީ އަދި 10 ވަރަކައް ގޯތި ނަގައިގެން. ޔާމީންއައް އަދި އެމީހުން ވައްދާނެ ތަނެއް ނުދެއްކޭ. ވީމާ ދެންއައްނަ މަސް ތެރޭގަ ކިހިނެއް އެއާޕޯޓު ހަދާނީ. ޢަދި ރަންގަޅައް ނުވެސް ހިއްކޭ އެތަން. ޔާމިން އަހަރެމެން ގުބޯ ހައްދަން ނުޅޭ.

  3. ތެދު ވާނީީ ތެދައް

    އެތަން 2018 އޯގަސްޓް މަހު ގެ ނިޔަލައްް ނިންމާނުލެލެވޭނެކަމުގެ1000% ޔަގީން އެކަމަކުު ނިމޭނެ ތޯޗެ ކޮންމެސް ދުވަހަކުން