ހަކުރު ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނެޝަނަލް ޑައެބެޓީސް ސެންޓަރ (އެންޑީސީ)ން ހިދުމަތް ދޭތާ އެއް އަހަރު ފުރިފައިވާއިރު، އެ ސެންޓަރުން މިހާތަނަށް 855 ބަލި މީހަކަށް ފަރުވާ ދީފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެންޑީސީން ދޭ ހިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ހަކުރުބައްޔާއި ގުޅުންހުރި ޓެސްޓުތައް ހެދުމާއި، ރިޕޯޓު ދޫކުރުން އަދި ހަކުރުބަލި ތަހައްމަލު ކުރާ ފަރާތްތަކުގެ ކެއުން ބައްޓަންކުރާ ގޮތާއިމެދު ޑައިޓީޝަނުން ލަފާދިނުން ހިމެނެއެވެ.

އައިޖީއެމްއެޗުން ބުނީ 855 މީހަކަށް ފަރުވާ ދީފައިވާއިރު، 241 މީހަކު އެ ސެންޓަރުން އީސީޖީ ހަދާފައިވާ ކަމަށެެވެ. އަދި ފަރުވާދީފައިވާ ތަނުން 10 މީހަކު ވަނީ ސެންޓަރުގެ ހިދުމަތް 11 ފަހަރެއްގެ މަތިން ހޯދާފައިކަން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ ދެ މީހަކު 13 ފަހަރު މަތިން އެ ސެންޓަރުން ހިދުމަތް ހޯދާފައިވާއިރު، 440 މީހަކު ދެފަހަރު މަތިން ހިދުމަތް ހޯދާފައިވާ ކަމަށެވެ.

އެންޑީސީން އެއް އަހަރު ފުރުން ފާހަގަ ކުރަމުންދާއިރު، ރާއްޖޭގެ ހުރޮހާ ރަށަކުން ހަކުރުބައްޔަށް ފަރުވާދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، އަތޮޅުތެރޭގައި މިކަމާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި، ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ އިތުރުން ހަކުރުބައްޔާއި ބެހޭގޮތުން ތަމްރީން ޕްރޮގްރާމްތައް ހިންގައި ދިރާސާ ކުރުމުގެ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އެގޮތުން، ދާދި ފަހުން އައުޓްރީޗް ޕްރޮގްރާމެއް ހިންގުމަށް އެ ސެންޓަރުގެ ޓީމެއް ކުޅުދުއްފުއްޓަށި ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރާތް ކޮށްފައިވެއެވެ. މި ޒިޔާރާތުގެ ތެރެއިން ސްކްރީނިންގްް ޕްރޮގްރާމްތައް ހިންގައި، ހުރިހާ އުމުރުފުރާއެއްގެ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަ ކޮށްލެވެއެެވެ.