ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން އިތުރު ތިން ރަށެއް ބަންދު ކޮށްފިއެވެ.

ކޮވިޑާއި ގުޅިގެން މިއަދު ބަންދު ކޮށްފައިވާ ރަށްތަކަކީ ނ. ވެލިދޫ، އދ. މަހިބަދޫގެ އިތުރުން އެ އަތޮޅު އޮމަދޫއެވެ. މި ތިން ރަށް ވެސް ބަންދު ކޮށްފައިވަނީ އެރަށުގައި ކަރަންޓީނުގައި ނެތް ބަޔަކު ކޮވިޑަށް ފައްސިވެގެންނެވެ.

ވެލިދޫ ކައުންސިލްގެ މެމްބަރު މުހައްމަދު އަލީ "ވަގުތު" އަށް ވިދާޅުވީ، އެރަށުން އެންމެ ފުރަތަމަ ފައްސިވެފައިވަނީ ރަށުން މާލެ ދިޔަ މީހަކު އަލާމާތްތަކެއް ހުރެގެން ޓެސްޓް ހެދުމުން ކަމަށެވެ. އޭނާ ފައްސިވުމާއި ގުޅިގެން އޭނާ އާއި ގާތުން އެއްތާވި މީހުން ހޯދައި ސުންކު ނެގި ކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ.

"އޭނާއާއި ބައްދަލުވެފައި ހުރި ގްރޭޑް 5 ގައި ކިޔަވާ ކުއްޖަކު ކޮވިޑަށް ފައްސިވީ، ދެން އޭގެ ފަހުން އެކުއްޖާ އާއި ބައްދަލުވެފައިވާ މީހުންގެ ސުންކު ނަގައި މިހާރު ރަށުގެ ޖުމްލަ ފައްސި އަދަދު 11 އަށް މިވަނީ އަރާފައި" މުހައްމަދު އަލީ ވިދާޅުވިއެވެ.

ސްކޫލް ކުއްޖަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން މިވަގުތު ހަމަ އެކަނި ސްކޫލަށް ހާޒިރުވެގެން ކިޔަވައިދޭން ނިންމާފައިވަނީ 9 އާއި 10 ގެ ދަރިވަރުންނަށް ކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ.

މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު އަލީ ވިދާޅުވީ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މާލެއިން ރަށަށް ކަރަންޓީނަށް ގޮސް ތިބި ބަޔަކު ފައްސިވެގެން އެމީހުންނާއި ގާތުން އެއްތާވި މީހުން ހޯދައި ބެލި ބެލުމުން އެމީހުންގެ އާއިލާ ބަޔަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން ކަމަށެވެ. އެގޮތުން ރަޝާދު ވިދާޅުވީ، ޖުމްލަ 10 މީހަކު އެރަށުން މިހާރު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

މިއަދުގެ ވަގުތެއްގައި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ، ރަށުން ފައްސިވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ތިން މީހުން ކަމަށާއި އެމީހުން ފައްސިވުމާއި ގުޅިގެން އެމީހުންނާއި ގާތުން އެއްތާވި 54 މީހެއްގެ ސުންކު މިހާތަނަށް ނެގިފައިވާ ކަމަށެވެ.

މި ތިންރަށް މޮނިޓަރިންގެ ހާލަތަށް ގެނައުމާއި އެކީ މިވަގުތު ކޮވިޑް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އަދަދު ވަނީ 16 އަށް އަރާފައެވެ.