ށ. ބިލެތްފަހީގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ މިއަދު އެރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވި ގޮތުގައި ބިލެތްފަހި ތަރައްގީ ކުރުމަށް އެމަނިކުފާނު ގިނަގުނަ ވިސްނުންފުޅުތަކެއް ގެންގުޅުއްވާ ކަމުގައެވެ.

ބިލެތްފަހީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ، ހއ. ހދ. އަދި ށ. އަކީ ޓޫރިޒަމްގެ ދޮރު ހުޅުވާލައި އޭގެ ނަފާ ވަރަށް ބޮޑަށް ވައްދަން ޖެހިފައިވާ އަތޮޅުތަކެއް ކަމަށެވެ. އެގޮތުން ބިލެތްފަހި ކައިރީގައި ވެސް ރިސޯޓްތަކެއް ތަރައްގީ ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަންކަމަށް ހުރަސް އެޅެނީ ދަތުރުފަތުރުުުގެ ކަންތައް ހުރިގޮތުން ކަމަށާއި އެހެން ކަމުން އެރަށުުގައި އެއާޕޯޓެއް އަޅުއްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެރަށް ކައިރީގައި ރިސޯޓެއް އެޅުމަށް ބޭރުގެ އިންވެސްޓަރަކު ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަން ވެސް ރައީސް ވިދާޅުވިއެވެ.

"އެއާޕޯޓަކީ ހުރިހާ އެންމެންވެސް އިންތިޒާރު ކުރާ އެދޭ ކަމަކަށް ވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބިލެތްފަހީގެ ބޮޑު ފަޅު ހިއްކުމުން މުޅި ހުޅުމާލެއާ އެއްވަރުގެ ބިމެއް ލިބިގެންދާނެ ކަމަށާއި އެ ބިމުގެ ފައިދާ ހާސިލް ކުރާނެ ކަމަށެވެ.

"އެފަޅުގެ ބޭނުން، އިގްތިސާދީ ގޮތުން ހިފެން ފެށީމާ ބިލެތްފައްސަކީ މި ހިސާބުގަނޑުގައި އޮތް އެންމެ ތަނަވަސް ރަށަަށް ވެގެން ދިޔުމަކީ ބިލެއް ފަހީގެ ރައްޔިތުންގެ އުންމީދު. ތިބޭފުޅުންގެ އުންމީދުގައި ކުަލަޖައްސައިދޭނީ އިރާދަ ކުރައްވިއްޔާ އަޅުގަނޑު." ރައީސް ވިދާޅުވިއެވެ.

މިއަދު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް އިންވެސްޓަރުން ގެނައުމުގައި ރައްޔިތުންގެ ދައުރާއި ބެހޭގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ އަމާން ރީތި ގައުމެއްގެ ގޮތުގައި ބޭއްވުމަށް ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާވަހަރު އަލީ

    ނަރުދޫގަ ވެސް އަޅައިދީބަލަ.. ހަާދަ ހެއްވައެ ދެން

  2. ރައްޔިތުމީހާ

    ނޫނޭވާ އެއާރޕޯޓު ފޯރިގަދަ... މުޅި ގައުމުގައި އެއަރޕޯޓް... ބޯހަލާކު

  3. ރައްޔިތު މީހެއް

    މިދެން ބޮޑުވަރު. ކުދި ކުދި ރަށްރަށު އަޅައިގެން ވާނީ ކޯޗަކައްތަ. ދިސް އިޒްމ ޓޫމަޗް!!!!!!!

  4. ހައިރޯ

    ދައްކާނެ ވާހަކައެއް ނެތިގެން ތިހެން ހަމަ ހުރެލާފަ ބުނާ އެއްޗަކަށް މިހާރު ނުވިކޭނެ. ކަމެއްކުރަން ވިސްނުން ގެންގުޅެމޭ ބުނީމަ ނިމުނީކީ ނޫން. މަށަށް ވަރަށް ޖޯކު ދެން.