ފުލުހުން ތަހްގީގު ކުރަމުން ގެންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ތަހްގީގަށް މީހަކު ފުލުހަށް ހާޒިރުވާން އަންގައި އިއުލާންކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ތ. ތިމަރަފުށި، މުލިމަތީގެ، ޙަސަން ވަޙީދު (24އ) އަކީ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ.

އޭނާ ފުލުހަށް ހާޒިރުވާން އިއުލާން ކުރީ ޙަސަން ވަޙީދު ދިރިއުޅޭތަނެއް އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ އާއި ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ފުލުހަށް ހާޒިރު ކުރަނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށާއި މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ޙަސަން ވަޙީދު ހާޒިރުވާންޖެހޭނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް 2021 އޮކްޓޯބަރ 6 ވަނަ ދުވަހުގެ 14:00 އަށް ކަމަށް ވެސް ފުލުހުންގެ އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

ފަހަކަށް އައިސް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެފައެވެ. އެފަދަ މައްސަލަތަކުގައި ހިމެނޭ ގިނަ ބަޔަކު ހޯދަން އެކިފަހަރުމަތިން ފުލުހުން އިއުލާން ކޮށްފައި ވެއެވެ.