ރާއްޖޭގައި ކްރިޕްޓޯކަރަންސީ ބަލައިގަންނަ ފުރަތަމަ ރިސޯޓުތަކުގެ ތެރޭގައި ކްރޮސްރޯޑްސްގައި ހިންގާ ހާޑް ރޮކް ހޮޓެލް އާއި ސައި ލެގޫން މޯލްޑިވްސް ހިމެނިއްޖެއެވެ.

އެސް ހޮޓެލްސް އެންޑް ރިސޯޓްސްއިން މާލެ އަތޮޅުގައި ހިންގާ ހާޑް ރޮކް ހޮޓެލް އާއި ސައި ލެގޫން މޯލްޑިވްސް ރިސޯޓުން ޑިޖިޓަލް ފައިސާ ނުވަތަ ކްރިޕްޓޯކަރެންސީ ބަލައިގަންނަން ފެށުމާއި އެކީ އެ ދެރިސޯޓު ވެގެން ގޮސްފައިވަނީ ރާއްޖޭން ކްރިޕްޓޯކަރެންސީ ބޭނުން ކުރާ ފުރަތަމަ ދެ ރިސޯޓަށެވެ.

އެސް ހޮޓެލްސްއިން ބުނީ ދެ ރިސޯޓުން ޑިޖިޓަލް ފައިސާ ބޭނުން ކުރަން ފަށަނީ ކްރިޕްޓޯކަރެންސީ ވިޔަފާރީގެ ދުނިޔޭގައި މަޝްހޫރު ޕްލެޓްފޯމެއް ކަމަށްވާ އެފްޓީއެކްސްއާ ގުޅިގެން ކަމަށެވެ.

މިވަގުތު އެ ދެ ރިސޯޓުން ބޭނުން ކުރަމުން އަންނަނީ ޔޫއެސްޑީ ކޮއިންސް (ޔޫއެސްޑީސީ) އާއި ޓެދާ ޓޯކެންސް (ޔޫއެސްޑީސީ) އެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު ކްރިޕްޓޯކަރަންސީ ބަލައިގަންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން ރިސޯޓަށް އަންނަން ބޭނުންވާ ފަރާތްތަކަށް ބުކިން ހެދުމުގައި ފަސޭހަތަކެއް ވެގެން ދާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ބަންދުކުރި ކްރޮސްރޯޑްސް އާއްމުންނަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. މާލެއިން ފުރައިގެން ލޯންޗެއްގައި 15 ވަރަކަށް މިނެޓް ތެރޭ ދެވޭ ކްރޮސްރޯޑުން ބުނީ، އާއްމުންނަށް އެތަން ހުޅުވާލާއިރު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކަށް އަމަލު ކޮށް މީހުންގެ ރައްކާތެރިކަމަށް އެތަނަށްދާ މީހުން 72 ގަޑިއިރު ހަމަނުވާ ނައްސި ޕީސީއާރު ޓެސްޓެއް ގެންދަން ޖެހޭނެ ކަމަށެވެ.