ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން 2018 ފެބުރުވަރީ 1 ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން، މާލޭގައި ހިންގި މުޒާހަރާތަށް ކޮންޓްރޯލް ކުރަން މަސައްކަތްކުރި ފުލުހުންނާ ކުރިމަތިލި ދެ ފުލުހުން ކަމަށްވާ، ސ.ހިތަދޫ ގްރޭލައިޓް، މުޙައްމަދު ޝާމިން އާއި ދަފްތަރު ނަންބަރު ރސ 10142، ފާއިޒު މުޙައްމަދުގެ މައްޗަށް ދައުލަތުން އުފުލި ހަތަރު ދައުވާއާއި ގުޅިގެން ވަކީލަކު އައްޔަން ކުރަން އަށް ދުވަހުގެ ފުރުޞަތެއް ދީފިއެވެ.

ޕޮލިސް ކޯޕްރަލް ސ.ހިތަދޫ ގްރޭލައިޓް، މުޙައްމަދު ޝާމިން އާއި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ދަފްތަރު ނަންބަރު ރސ 10142، ފާއިޒު މުޙައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ދައުވާއާއި، ޤާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަދި ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިތުރުން އާންމު މަސްލަހަތަށް ގެއްލުންހުރި ޢަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަތަކުގައި މިއަދު ބޭއްވުނު ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފްގެ މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން، ފުލުހުންގެ ތެރޭގައި އާއްމުކޮށް އަމަލުކުރާ އުސޫލާ ހިލާފަށް ޕޮލިސް ސްޕެޝަލް އޮޕެރޭޝަންގައި މަސައްކަތްކުރަން އަރީފް ތައްޔާރުކުރި ފުލުހުންގެ ލިސްޓުގައި މި ދެ ފުލުހުންގެ ނަން ހިމެނޭއިރު، އެކެއް ފެބުރުވަރީ ވަނަ ދުވަހުގެ ރޭ ފުލުހުންގެ އެޗް.އާރު ޑިޕާޓްމަންޓުން އެންގުމުން އެސްއޯ އަށް ޑިއުޓީ ރިޕޯޓް ކުރުމަށްފަހު ޑިއުޓީގައި އިޅުމުގެ ތެރޭގައި، ޗައިނާ އެމްބަސީ ކައިރީގައި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ޖަހާފައިވާ ބެރިކޭޑް ކައިރީގައި މުޒާހަރާގެ ވައިވެރިންނާއެކު ހުރެ، ބެރިކޭޑްތައް ކޮށްޕާ، ފުލުހުންނާ ކުރިމަތިލައި، ޤާނޫނީ ގޮތުން ލިބިފައިވާ އިމުގެ ބޭރުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގައި، ޤާނޫނު ތަންފީޛުކުރާ ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި، ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ އިތުރުން އާއްމުންގެ މަސްލަހަތަށް ގެއްލުންވާގޮތަށް ޝާމިން އާއި ފާއިޒް އަމަލު ކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލުން ކްރިމިނަލް ކޯޓުގައި ވިދާޅުވީ، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ދައުވާއާއި، ޤާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞަދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަދި ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ސާބިތު ވެއްޖެނަމަ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ. އަދި އާންމު މަސްލަހަތަށް ގެއްލުންހުރި ޢަމަލެއް ކުރުމުގެ ކުށުގެ ދައުވާ ސާބިތު ވެއްޖެނަމަ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގައި ދައުވާލިބޭ ދެ ފުލުހުންވެސް ބުނެފައިވަނީ މައްސަލައާއިގެން ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށާއި، ވަކީލަކު އައްޔަން ކުރަން އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީ ނިންމެވީ މިހިނގާ ޖުލައި މަހުގެ 10 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަކީލަކު އައްޔަން ކުރުމަށް ފުރުޞަތު ދިނުމަށެވެ.

މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، މިމަހުގެ 10 ވަނަ ދުވަހަށް ފަހު ބާއްވާ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވެގެން އައުން އެދޭ ކަމަށާއި، ވަކީލަކު އައްޔަން ނުކުރެވުނު ނަމަވެސް އެދުވަހު ޝަރީއަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.