އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ދައްކަވާ މޫނު ހުންނަވާ ގޮތާއި އޭނާގެ އަމަލުތައް ހުންނަވަނީ އެހެން ގޮތަކަށް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އޮތް ދުވަހުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި މަހްލޫފަށް ވާދަކުރަން ފުރުސަތު ދިން ގޮތަކާއި އުސޫލެއް ސާފު ނުވާ ކަމަށް ހަސަން ލަތީފް ވިދާޅުވުމާ ގުޅިގެންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އޮވެގެން އެންމެ ފުރަތަމަ އިންތިޚާބުގައި ވާދަކުރަން ފުރުސަތެއް ނުދިނެވެ. އެކަމަކު އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން އެ ފުރުސަތު ދިނުމުން މަހްލޫފް ވަނީ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައެވެ. އެ އިންތިޚާބުގައި އެންމެ ބޮޑު ތަފާތަކުން ކާމިޔާބުކުރި އެކަކީ ވެސް މަހްލޫފެވެ.

"އަވަސް" ނޫހުގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މަހްލޫފް ވިދާޅުވީ އެންމެ ފުރަތަމަ ވެސް އޭނާއަށް ވާދަކުރުމުގެ ފުރުސަތު ނުދިނީ އެ ނަތީޖާ ނެރެގެން އިންތިޚާބު ކާމިޔާބު ކުރާނެ ކަން އެނގޭތީ އެ ގޮތް ބޭނުން ނުވާ ބަޔަކު އެ ފުރުސަތު ނުދިނުމަށް ކަމަށެވެ.

"އަޅުގަނޑަށް ލިބިދާނެ ނަތީޖާއެއް ބަލަން ބޭނުން ވެގެން ބަލަން ނުކެރިގެން ކުރި ކަމަކީ. ކޮރަޕްޝަންއަކީ ވެސް އަދި ހަމައެކަނި އެމްއެމްޕީއާރުސީ ކޮރަޕްޝަންއެއް ނޫން. އެމްޑީޕީގައި އެބަ ތިބި އެތައް މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހުން، ހަމަ ވާދަކުރެވޭ،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވަނީ ވާދަކުރުމުގެ ފުރުސަތު ދިން ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ދެއްކެވި ވާހަކަތަކަށް ވެސް ރައްދު ދެއްވައިފައެވެ. އޭނާ ސިފަ ކުރެއްވީ އެއީ "އެންޓި ކެމްޕޭން"އެއްގެ ގޮތުގައެވެ.

މީގެ ކުރިން މަހްލޫފް ފާހަގަ ކުރައްވާފައިވާ ގޮތަށް، އެ ޕްރޮގްރާމްގައި ވެސް ވަނީ ހަސަން ލަތީފްގެ ނުރުހުން މަހްލޫފަށް އޮތް ކަމަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިންތިޚާބުގެ ކަންތައްތައް ކަމަށް ވިދާޅުވެފައެވެ.

ހަސަން ބޭނުންވީ އެ އިންތިޚާބު "އޮޅުވާލަން" މަހްލޫފް އެހީތެރިވެދިނުމަށް ކަމަށާއި އެކަމަކު އެއީ އޭނާ ހުރި މަގާމުގެ އިހްތިސޯސް ވެސް ހިނގާ ކަމެއް ނޫން ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"ޗެއާޕާސަން ދައްކަވަނީ އެހެން މޫނެއް، އަމަލުތައް ހުންވަނީ އެހެން ގޮތަކަށް، އަޅުގަނޑަށް ވަރަ ހަޑި ލަދުވެތި ކަމަކަށް އެ ފެންނަނީ،" މަހްލޫފް ވިދާޅުވިއެވެ.

"އެ ވަރުން ވެސް އިންތިޚާބަށް ދުވަހަކަށް ވެފައި ވަނިކޮށް އެމްޑީޕީގެ ޗެއާޕާސަން ޕްރެސް ކޮންފަރެންސްއަކަށް އަރައި އެ ނިންމުން ގަބޫލު ކުރަން ދަތި ކަމަށް މި ބުނަނީ. ހަމަ ސީދާ އެންޓި ކެމްޕޭން ކުރީ."

އެކި ތުހުމަތުތައް އޭނާގެ މައްޗަށް ކުރަމުން ދިޔައީ އިންތިޚާބުގެ ނަތީޖާ ނެރޭނެ ކަން އެނގިގެން ކަމަށް ތަކުރާރުކޮށް މަހްލޫފް ވިދާޅުވިއެވެ. ކެމްޕޭން ކުރަން ވެސް ލިބުނީ އެންމެ 15 ދުވަސް ކަމަށާއި އެ މުއްދަތުގައި ވެސް ކެމްޕޭން ކޮށްގެން އެންމެ ރަނގަޅު އެއް ނަތީޖާ ނެރެވުނު ކަން އޭނާ ވަނީ ފާހަގަ ކުރައްވައިފިއެވެ.

"މި ކުލަ ބަދަލުކޮށްގެން އައި ބޯވައެކޭ، އެމްއެމްޕީއާރުސީ ވަގެކޭ، މި ހުރިހާ އެއްޗެއް ގޮވީމަ ވެސް ރައްޔިތުން ބަލައިގަތީމަ ހިތްހަމަޖެހޭ،" އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ މެދު ހިތްހަމަޖެހޭ ކަން މަހްލޫފް ހާމަ ކުރައްވަމުން ވިދާޅުވިއެވެ.