ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ނައިބް ރައީސް ކަމުގެ މަގާމަށް މޯލްޑިވްސް ގޭސްގެ އެމްޑީ ޝަޒައިލް ޝިޔާމް އިންތިހާބު ކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ އެ ޕާޓީގެ ނެޝަނަލް ކޮންވެންޝަންގައި އެކްސްކޯ ކޮމިޓީއަށާއި ޕާޓީގެ މުހިއްމު މަގާމުތަކަށް ބޭފުޅުން ވަނީ އިންތިހާބުކޮށްފައެވެ.

ޝަޒައިލް، ނައިބް ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީމިނިސްޓަރު ޝިމާޒް އަލީއާ ވާދަކުރައްވައެވެ. ޝަޒައިލްއަށް ލިބިވަޑައިގެންނެވީ 62 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ 58 އިންސައްތައެވެ. ޝިމާޒް އަށް ލިބިވަޑައިގަތީ 44 ވޯޓެވެ. ނައިބް ރައީސް ހޮވަން 106 ބޭފުޅަކު ވަނީ ވޯޓުލާފައެވެ.

ޝަޒައިިލަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން ސަސްޕެންޑްކުރި ބޭފުޅެކެެވެ.

ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެގެން އައީ މި ސަރުކާރުގައި އެފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ގާއިމް ކޮށްފައިވާ "ވިސްލްބްލޯ ޕޯޓަލް" އަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެއީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

ޝަޒައިލްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ބެލިއިރު އެފަދަ ކަމެއް ސާބިތުވެފައިނުވާތީވެ އޭނާގެ ވަޒީފާ ވަނީ މިހާރު ރުޖޫއަ ކޮށްފައެވެ.

އެމްއާރްއެމްގެ މިއަދުގެ އިންތިހާބަށް ބަލާއިރު، އެ ޕާޓީގެ އަންހެން ނައިބް ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ އާމިނަތު ނާދިރާއެވެ. ނައިބް ރައީސްކަމަށް އެހެން ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީވެ އޮޓޮމެޓިކުން ނާދީރާ ވަނީ އެ މަަގާމަށް އިންތިހާބުވެފައެވެ.

ޕާޓީގެ ޒާއިމްގެ މަގާމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންތިހާބުވެވަޑައިގެންނެވިއިރު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ މައުމޫނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫންއެވެ. މި ދެ މަގާމަށް އެހެން ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ.

އެ ކޮންވެންޝަންގައި އަންހެނުންގެ ކައުންސިލަށާއި ޒުވާނުންގެ ކައުންސިލަށްވެސް މެންބަރުން ވަނީ ހޮވާފައެވެ. އަންހެނުންގެ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވީ އާރިޒާ ރަޝީދެވެ. އަދި ނައިބް ރައީސްކަމަށް އިންތިހާބުވީ ހައްވާ އިއްފަތެވެ. ޒުވާނުންގެ ކައުންސިލްގެ ރައީސްކަމަށް އިބްރާހިމް ފަރުހާދު އިންތިހާބުވިއިރު ނައިބަކަށް އިންތިހާބުވީ އާމިނަތު ރިފްގާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަންތިރި

    ޤަބީލާ ކަންޒާބުއާ ގުޅިގެން މަކަރާ ހީލަތުން ވިލިނގިލީގެ ބިންތައް ލޫޓުވާލާ، ގަދީމީ ލޫޓްވުން ދެމެހެއްޓުމަށް އެކި ޕާޓީތަކަށް ވަނަސް، ތަޢުލީމީ ޒުވާނުން ނިކުމެ ވިލިނގިލި ސަލާމަތްކުރާނެ.

  2. އަބުދުﷲ

    މރމ އާގުޅިގެން އުޅޭ މީހުން ވިސްނަބަލަ މިތާގަ މިއޮތް ޑުރަގު ކަރެޕްޝަން ނާއިންސާފު ލޫޓުވުން.!!!!! މރމ ގެ ވެރިކަމަކީ ރަނގަޅު ތެދުވެރި ނިޔަތެއްގަ ކުރިޔައް ދިޔަ 30 އަހަރުގެ ވެރިކަމެއްނަމަ މިހާ ގޯސްމީހުން މިތާގަ އުފެދިފަ ވާނެބާ؟ ކާރީގަ ތިބި ޒުވާނުންނައް ފެނުނު މަގުން އެމީހުން މިހާރު މިދަނީ އެމީހުންނެކޭ ޕެސެފިކް ކަނޑު މެދުގަ އޮޔާ ގޮސް ލޮކޭޝަން ގެއްލިފަ ތިބި ބައެކޭ ކޮބައި ތަފާތެއް؟؟؟؟؟