ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު އެ ސިޓީގައި ރައްޔިތުން ތަމްސީލުކުރަން އެކަކަށް ވުރެ ގިނަ މެމްބަރުން އިންތިހާބު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބް ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނަށް ރިޔާއަތްކޮށް ހުޅުމާލެ ދާއިރާ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2019 ވަނަ އަހަރުއެވެ. މިހާރު އެ ދާއިރާ ތަމްސީލު ކުރައްވަނީ އެމްޑީޕީ މެންބަރު އަލީ ނިޔާޒު (ނިޔާ)އެވެ.

"ވަގުތު"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަބީބް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް ދިރިއުޅެން ފަށާއިރު އެ ރައްޔިތުންނަށް ބޭނުންވާނެ ގިނަ ހިދުމަތްތަކަކާއި އެ މީހުންގެ ހައްގުތަކަށް ވަކާލާތު ކޮށްދޭނެ ރައްޔިތުންގެ މަންދޫބަކު ހުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"އާބާދީ ބޮޑުވަމުންދާ ނިސްބަތުން ބަލާއިރު ހުޅުމާލޭގައި އިތުރު މެންބަރަކު ހުންނަން ޖެހޭ" ހަބީބް ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން އީސީން އަދި އެއްވެސް ގޮތެއް ނިންމާފައެއް ނުވެއެވެ.

މިއީ ހަބީބްގެ އަމިއްލަ ވިސްނުމެއް ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެއަށް ގޮތެއް ނިންމާނީ ދެން އޮންނަ 2024 އޮންނަ މަޖިލީހުގެ އިންތިހާބުގައި ދާއިރާތައް ކަނޑައަޅާއިރު ކަމަށެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހަކަށް ނުވަތަ ފަސް ހާސް މީހުން ހަމަނުވާ ކޮންމެ އިދާރާ ދާއިރާއަކަށް މެންބަރަކު އިންތިހާބު ކުރަން ވާނެެއެވެ. ރަޖިސްޓްރީ ކުރެވިފައިވާ އާބާދީ ފަސް ހާހަށްވުރެ އިތުުރުވާނަމަ އާބާދީގެ ފުރަތަމަ ފަސް ހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސް ހާސް މީހަކަށް މެންބަރަކު ހުންނަ ޖެހެއެވެ.