އަތޮޅުތަކުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައިނުވާތީ، އެކަމުގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް މިރޭ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ޖަމާކޮށް ނިމޭނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ މި މަހުގެ މުސާރަ ލަސްވެެގެން ދިޔައީ ސިސްޓަމަށް މުވައްޒަފުންގެ މައުލޫމާތު އެޅުމުގައި ދިމާވެގެންދިޔަ ދަތިކަމެއްގެ ސަބަބުން ކަމަށެވެ.

"މި ހުރިހާ ދުވަހުވެސް އަތޮޅުތެރޭގެ މުވައްޒަފުންގެ މުސާރަތައް އެކްސެލް ޝީޓުގައި އެ ފަރާތްތަކުން ފޮނުވަނީ. މި މަހުން ފެށިގެން މިނިސްޓްރީއިން ނިންމީ ސިސްޓަމެއްގެ ތެރެއިން އެކަންކަން ކުރިޔަށް ގެންދަން. ދެން މުސާރަތައް ލަސްވެގެން ދިޔައީ އެ ސިސްޓަމަށް މުވައްޒަފުންގެ މައުލޫމާތު އެޅުމުގައި ދިމާވި ލަސްކަމެއްގެ ސަބަބުން" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މި ނިންމުން ނިންމާފައިވަނީ އެކްސެލް ޝީޓުގައި މުސާރަތައް ފޮނުވުމުގެ ސަބަބުން ބައެއް މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ މަހު ބައެއް މުވައްޒަފުންނަށް އޮޅިގެން ބޮޑު މުސާރަ ޖަމާވެފައިވާކަން ފާހަގަ ކުރެއްްވިއެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް އޮޅިގެން ބޮޑު މުސާރަ ޖަމާވުމާ ގުޅިގެން އޭރު ނެރުނު ބަޔާނެއްގައި ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ 1،796 މުވައްޒަފަކަށް އޮޅިގެން ފައިސާ ޖަމާކުރެވުނު ކަމަށެވެ. އެ މިނިސްޓްރީން ބުނީ އޮޅިގެން މުސާރަ ޖަމާކުރެވުނީ މުސާރަ ޝީޓުގެ އަދަދުތައް އިސްފަސް ވުމުން ކަމަށެވެ. މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މުސާރައިގެ ކަންކަން މިހާރަށްވުރެ ހަރުދަނާ އުސޫލެއްގެ ތެރެއިން ރާވާފައިވާ ކަމަށްވެސް އެ މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އޮޅިގެން ގިނަ ބަޔަކަށް މުސާރައަށްވުރެ ބޮޑު އަދަދުތަކެއް ފައިސާ ޖަމާވިކަން ފިނޭންސް މިނިސްޓްރީގެ ސަމާލުކަމަށް އައީ އެކަން ހިނގިތާ އެއް ދުވަސް ފަހުންނެވެ. އޮޅުމަކުން މުސާރަ ޖަމާކުރެވުނު މީހުންގެ ތެރެއިން ބައެއް މީހުންނަށް 70،000 ރުފިޔާ ޖަމާކުރެވިފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ލިބެން ޖެހޭ މުސާރައަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް މުސާރަ ޖަމާވެފައިވާ ސަރުކާރު މުވައްޒަފުންގެ ތެރެއިން 32 މުވައްޒަފަކު އެ ފައިސާ ދީފައިނުވާ ކަމަށާއި، މި ފައިސާ އަނބުރާ ނުދައްކާ ފަރާތްތަކަށް ދެން މުސާރަ ޖަމާވާއިރަށް އެބައިއުނިކޮށްފައި ޖަމާކުރާ ގޮތަށް ނިންމާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢހ

    ދޮގު، ސިޔާސީ މަގާމްތައް އަދިވެސް އުފައްދަނީ، ސިވިލްސާވިސް އޮޔާދިޔަސް ކިބުލައް އޯކޭ... މިދެން ބޑ ނުހޮރުއްޕާނެއް.

  2. މަސްއޫދު

    ތިޔަގޮތައް ތިޔަބުނީ މީގެ ކުރިން 1 ގައި މުސާރަ ޖަމާކުރޭ! މިސަރުކާރުގެ ފިނޭންސް މިނިސްޓަރ ތިޔަ ދައްކަނީ މުސާރަ ދޭނެ ފައިސާ ދައުލަތުގައި ނެތީތޯ؟

  3. ޒިމް

    އަހަރެންގެ އެކައުންޓަށްވެސް މުސާރަ ޖަމާކޮށްލަދޭތި! އެކަމް އަހަރެންމީ ސަރުކާރު ވަޒީފާއަކު އުޅޭމީހެއްނޫން..

  4. Anonymous

    އާމިރޫ ކަލޭމެންގެ މުސާރަ މަސްނުނިމެނީސް ލިބެއެއްނު އެހެންވީމަ ހާސްވާނެ ކަމެއްނެތް ، އަދި މުސާރަ ބޮޑުވޭތޯ ތަންކޮޅެއް ގާތްކޮއް އުޅެވޭތޯބަލާ ރޯޔަލް ބޭފުޅުންނާ.

  5. ޢަލީ

    މިއަދަކީ 4 އޮކްޓޫބަރ އަދިވެސް ޖަމާނުވޭ ، މިރެއަކީ ކޮބާބާ