ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރައްވާ ސުވާލުތަކަށް، ވެރިކަންކުރާ ކޯލިޝަން ގައި ހިމެނޭ އަދާލަތުގެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޖަވާބު ނުދެއްވުމަށް ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲއަށް މަޖިލީހުގެ ރިޔާސަތުން އަންގައިފިއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެކަމަށް އިލްތިމާސް ކުރެއްވި ކާށިދޫ ދާއިރާގެ މެންބަރު އަދި ޑިއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް އިމްރާން ދެއްވި ޖަވާބާ ގުޅިގެންނެވެ.

ފުލުހުންގެ އޮފިސަރުންތަކެއް ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ނިންމުމާއި ގުޅޭ ގޮތުން ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ޝިޔާމްގެ ކުރައްވާ ސުވާލުތަކަށް ޖަވާބު ދިނުމަށް މިއަދުގެ ޖަލްސާއަށް އިމްރާން ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.

ސުވާލުކުރުމަަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު، އިމްރާންއާ ސުވާލު ކުރެއްވީ އަދާލަތު ޕާޓީގައި ނިރުބަވެރިކަމަށް ހިތްވަރުދޭ ބަޔަކު ތިބިތޯ އާއި ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އެ ފަރާތަތްތަކަށް ފިޔަވަޅު ނާޅަނީ ކީއްވެގެންތޯއެވެ.

އެ ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގައި ނިރުބަވެރިކަމަށް އަދި ހަރުކަށި ފިކުރަށް ހިތްވަރުދޭ ބަޔަކު ނުދިބޭނެ ކަމަށެވެ. އަދި އެފަދަ ފުރުސަތެއް އެ ޕާޓީގެ އެއްވެސް މެންބަރަކަށް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޓެރަރިޒަމް މަނާކުރާ ގާނޫނޫގެ ދަށުން އެމީހަކާމެދު ފިޔަވަޅު އަޅަން ޖެހޭ އެއްވެސް މީހަކު އަދާލަތުގައި ބަހައްޓައިހެން ނުތިބޭނަން. ޓެރަރިޒމްގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭ މީހަކު އަދާލަތަކު ނުހުންނާނެ" ޖާބރިު ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ ޖަވާބަށް ފަހު މަޖިލީހުގެ ރައީސް އިވާ ވިދާޅުވީ ޖާބިރުގެ ސުވާލު އަމާޒުކުރެއްވީ އަދާލަތު ޕާޓީގެ ލީޑަރާ ނޫން ކަމަށާއި، އެ ސުވާލަށް އިމްރާން ޖަވާބު ދެއްވަން ޖެހޭނީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދާލަތު ޕާޓީގެ ރައީސަކާއި ނުވަތަ މެމްބަރަކާއި ސުވާލު ކުރުމުގެ އުސޫލެއް ކަނޑައެޅިފައެއް ނުވާނެ" އިވާ ވިދާޅުވިއެވެ.