ކަރެކްޝަނަލް ސާވިސްގެ ނަން ބަދަލުކުރަން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާންއެވެ. މި އިސްލާހުގައި ވަނީ މަޖިލީހުން އެ އިސްލާހު ފާސްވެ ތަސްދީގު ކުރާ ދުވަހުން ފެށިގެން ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސް އަށް ބަދަލު ކުރުމަށެވެ.

އަދި އެ ސާވިސްއަކީ މިހާރު ވެސް އޮންނަ ގޮތަށް ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ އަދި ޔުނިފޯމު އެޅި އޮފިސަރުން ހިމެނޭ މަދަނީ ހިދުމަތެއްގެ ގޮތުގައި ހަމަޖެއްސުމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އެ ގާނޫނަށް އިތުރު އިސްލާހުތަކެއް ވެސް ވަނީ ހުށަހަޅާފައެވެ. އެގޮތުން މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމުގެ ބާރު ކޮމިޝަނާ އޮފް ޕްރިޒަންސް އަށް ދިނުމަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ޝަރަފްގެ ނިޝާން ދޭނީ މިނިސްޓަރު ކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.

މީގެއިތުރުން ޕްރިޒަން އޮފިސަރުންނާއި މުއައްޒިފުން ކުރާ ކުށްތައް ބަލައި ފިޔަވަޅު އެޅުމަށް ޑިސިޕްލިނަރީ ބޯޑެއް އެކުލަވާލުމަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

ޕެރޯލްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.