ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އުމުރުން ހަ އަހަރުގެ ކުއްޖެއް ނިޔާވުމާއި ގުޅިގެން އެރަށުގެ ޒުވާނުންތަކެއް ހޮސްޕިޓަލް ދޮށަށް އެއްވެ މުޒާހަރާ ކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އުމުރުން ހަ އަހަރުގެ އެ އަންހެން އެކުއްޖާ ނިޔާވެފައިވަނީ ބަނޑުގައި ރިއްސާ ހޮޑުލަވާތީ ހޮސްޕިޓަލަށް ގެންގޮސްފައި އޮއްވާ އެތަނުން ކުއްޖާގެ ގަޔަށް ޖެހި ނުބައި އިންޖެކްޝަނެއްގެ ސަބަބުން ނޭވާލުން ހުއްޓިގެންނެވެ.

"ވަގުތު"އާ ވާހަކަ ދެއްކި ސަދާގެ ބައްޕަ ސައުދުﷲ އަހުމަދު ބުނީ، ހޮސްޕިޓަލުން އިންޖެކްޝަން ޖެހިތާ ފަސް މިނެޓް ތެރޭގައި ސަދާގެ ހަރަކާތް ހުއްޓުނު ކަމަށެވެ. އަދި ސަދާގެ ހަރަކާތް ހުއްޓިގެން ތިން ފަހަރަށް ސީޕީއާރް ވެސް ދިން ކަމަށް ސައުދުﷲ ބުނެފައި ވެއެވެ.

މި ހާދިސާއާއި ގުޅިގެން ހޮސްޕިޓަލް ދޮށަށް އެއްވެ މުޒާހަރާ ކޮށްފައިވާ ޒުވާނުން ވަނީ އެެ ރަށު ހޮސްޕިޓަލަށް ފެންވަރު ރަނގަޅު ޑޮކްޓަރުން ފޮނުވުމަށް ގޮވާލައިފައެވެ. ބޮޑު އާބާދީއެއް އޮންނަ އެރަށުގެ ހޮސްޕިޓަލުގައި ތިބީ "ސާޓިފައިޑް" ޑޮކްޓަރުން ކަމާއިމެދު ޝައްކު އުފައްދާ، އިހްތިޖާޖުގެ ބައިވެރިން ވަނީ އެފަރާތްތަކުގެ އިސްތިއުފާއަށް ގޮވާލައިފައެވެ.

ފަރުވާ ކުޑަވިޔަސް މިއީ ތަންފުކެއް ބޮޑުވަރު ކަމަށް އެއްބަޔަކު ގޮވާފައިވައިރު މި ހޮސްޕިޓަލުން ރަނގަޅު ފަރުވާއެއް ނުލިބޭކަމަށް ބުނެފައިވެެއެވެ.

މި މުޒާހަރާ ކުރިޔަށް ގޮސްފައިވަނީ މިއަދުގެ ހަވީރުއެވެ. އިހުތިޖާޖުގެ ބައިވެރިން ހޮސްޕިޓަލުގެ ގޯތިތެރެއަށް ވަނަނުދިނުމަށްޓަކައި ފުލުހުން ވަނީ ހުރިހާ ފަރާތަކުން މަގު ބަންދުކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.