އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު މީހަކު އެ މަނިކުފާނުގެ ގެކޮޅަށް ވަތް މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ފާޑުވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗްވުމާއި ގުޅިގެން ސިރާޖު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ އަށް ވާހަކަދައްކަވަމުން ސިރާޖު ވަނީ އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި މެދު ސުވާލު އުފެދިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދިންތާ ފަސް މަސް ދުވަސް ވަރު ފަހުން ކަން ފާހަގަކުރައްވާފައެވެ.

އެހަމަލާ ދިނީ ރައީސް ނަޝީދަށް ދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން އެންމެ އެކަށީގެންވާ ގޮތުގައި ނުދެވިގެން ކަމަށް ވާއިރު އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަނުމާއި މެދު ހޯމް މިނިސްޓަރ އިމްރާން ދައްކަވާ ވާހަކަތަކުން އެއީ އާދައިގެ ކަމެއް ކޮތަށް ދޭހަވާކަމަށް ސިރާޖު ވިދާޅުވިއެވެ. އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި އެއަށް ވުރެ ސީރިއަސްކޮށް އެފަދަ މައްސަލަތައް ބަލަން ޖެހޭ ކަމށް ސިރާޖު ވިދާޅުވިއެވެ.

"އަޅުގަނޑު އެންމެ ބޮޑަށް ކަންބޮޑުވަނީ ޝޭހް އިމްރާން ވަރަށް އާދައިގެ ގޮތަކަށް ވަރަށް ފަސޭހައިން އެއީ ބޮއިގެން އުޅޭ ކުއްޖަކު ކުރި ކަމެކޭ ވިދާޅުވީމަ. އެއަށް ވުރެ ސީރިއަސްކޮށް މިކަހަލަ މައްސަލަ އެބަ ނަގަން ޖެހޭ. ތަނެއް ގޮއްވާލާނެ ކަމަށް ބުނީމަ އެއީ ގޮއްވާލާނެ ކަން ގަބޫލުކުރަން އެބަޖެހޭ." ސިރާޛު ވިދާޅުވިއެވެ.

ސިރާޖު ވަނީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް އެއްވެސް މީހަކަށް އެއްވެސް ހާލަތެއްގައި ވަދެވިގެން ނުވާނެ ކަމަށާއި އެ މަނިކުފާނުގެ ގެކޮޅުގެ ކެމެރާތަކާއި ވެސް އެއްވެސް ހާލަތެއްގައި އެއްވެސް ފަރާތަކަށް ކުޅެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. ޚާއްސަކޮށް ބޮޑެތި ހައްސާސް މައްސަލަތައް ސުޕްރީމްކޯޓުގައި ކުރިއަށް ދާއިރު އެ މަނިކުފާނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ސިރާޖު ވިދާޅުވިއެވެ. މިހާރު ދައުލަތުގެ ދެ ބާރުގެ ވެރިންގެ ސަލާމަތަށް ނުރައްކާވެފައިވާ ކަން ފާހަގަކުރައްވާ ސިރާޖު ވަނީ ކަންކަން އެމަގުން ހިނގަމުން ގޮސް އެއްވެސް ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތަށް ނުރައްކާވުމަކީ ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން މިހާރަށް ވުރެ ހަރުދަނާކޮށް އެ މައްސަލަ ބަލާ، ފިޔަވަޅު އަޅަން ޖެހޭ ކަމަށް ސިރާޖު ވިދާޅުވިއެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ގެކޮޅުގެ ސީސީޓީވީ ކެމެރާ ހަލާކޮށްލައި، ސެކިއުރިޓީ ފޫއަޅުވާލި އުމުރުން 45 އަހަރުގެ ދިވެހި ފިރިހެންމީހާ ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން އަންގާފައިވާ ފުލުހުން ވިދާޅުވެއެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ފޫއަޅުވައިލި މައްސަލައިގައި އެމްޑީޕީ އާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަރާތްތަކަކުން ވަނީ އެމްއެންޑީއެފުން މުއުތަސިމަށް ފޯރުކޮށްދެމުންދާ ސަލާމަތީ ހިދުމަތް ވަރުގަދަ ކުރުމަށް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުވާލު

    އުއްތަމަ ފަނޑިޔާރަށް ސެކިއުރިޓީ ދޭން ޖެހޭނީ މާރިޔާ. ފުލުހުންނަކީ މިހާރު އެއްވެސް ބައެއްނޫން. ސްޓްކާ ޖަހަން ތިބޭބައެއް.

  2. ކޮލުކަށި

    މާއިސްކޮޅަށްތެރިން ބޮޑުވެގެން އުޅޭއިޒަތްތެރިޅއއްމީ

  3. މުހަންމަދު

    މާރިޔާމެން އިސްތިހުފާދީފައި ގޭގައި ތިބެންވީނު...މީހަކު އުއްތަމަ ފަޑިޔާރުގޭގެ ފުޅަލި މޮހާލިއިރުވެސް ރޭކާއެއްނުލި.