ފާއިތުވި ފަސް އަހަރު ތެރޭގައި ބައެއް މެމްބަރުންގެ ވާހަކަތައް ހުރި ގޮތުން ގައުމީ ސަލާމަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު މީހަކު އެ މަނިކުފާނުގެ ގެކޮޅަށް ވަތް މައްސަލައިގައި ހުށަހެޅި މައްސަލައަށް ބަހުސް ކުރައްވަމުން ޝަރީފް ވަނީ ރާއްޖޭގެ ސަލާމަތާ ގުޅޭ ގޮތުން ހިނގާ ނުރަނގަޅު ބައެއް ކަންކަމަކީ މަޖިލިހުގެ މެމްބަރުން ދައްކަވާ ވާހަކައިގެ ނަތީޖާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުންގެ ވާހަކަތައް ހުންނަނީ ސަލާމަތީ ބާރުތަކުގެ "އަތް ފަތް ބުރިކުރާ" ގޮތަށް ކަމަށާއި، އެގޮތަށް ވާހަކަދައްކައިގެން ރާއްޖޭގެ ސަލާމަތާ ގުޅޭ ކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެކަން ރަނގަޅު ކުރެވޭނީ އެންމެން އެކުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ވަރަށް ގިނަ ބޭފުޅުން މިކަމާ ހިތްޕުޅު ހަމަޖެހިވަޑައެއް ނުގަންނަވާނެ. ވޭތުވެ ދިޔަ ހަތަރު ފަސް އަހަރަށް ބަލާ އިރު މި މަޖިލީހުގައި ދެކެވި ދިޔަ ކޮންމެ ވާހަކަ އަކީ ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކާއި ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަން ޑީމޯރަލައިޒް ވާ ފަދަ އަޑުތަކާއި ބަހުސްތައް، ހިތާމަ އާއި އެކު ދަންނަވަން މި މަޖިލީހުގެ ބައެއް މެމްބަރުންގެ ވާހަކަތަކުގެ ނަތީޖާކަން އެއީ." ޝަރީފް ވިދާޅުވިއެވެ.

މިހާރު ނިރުބަވެރިންގެ ނުރައްކާތެރިކަން އިތުރަށް ބޮޑުވެފައިވާ ކަމަށާއި އެ ފަދަ މީހުން ބޭނުން ކުރަނީ ޒަމާނީ ވަސީލަތްތައް ކަމަށް ވާއިރު އެ މީހުން ހުއްޓުވަން ޒަމާނީ ފެންވަރަށް ފެތޭ ވަސީލަތްތައް ކަމާއި ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި ގާނޫނީ ބާރު ހޯދާ ދިނުމާއި ، މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ހޯދާ ދިނުމަކީ ފާޑުކިޔުމުގެ ބަދަލުގައި މަޖިލީހުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މެމްބަރުންގެ ވާހަކަތަކުން ސަލާމަތީ ޚިދުމަތްތަކަށް ނުރަނގަޅު އަސަރު ކުރާ ކަމަށް ޝަރީފް ވިދާޅުވުމުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ އެ ވާހަކަތަކަށް ރައްދުދެއްވާފައެވެ. ސިޔާސީ ބަޔަކު ދައްކާ ވާހަކަތަކަކުން ދިފާއީ ހިދުމަތްތަކަށް އަސަރު ކުރާ ނަމަ ސުވާލު އުފައްދަން ޖެހެނީ އެ ހިދުމަތް ދޭން ތިބި މީހުން ތަމްރީނު ކޮށްފައިވާ ގޮތާ މެދުގައި ކަމަށް މީކާއިލް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިމާރުލްގައުމު

    ކަލޭމެން ދޯ އެކަން ކުރީ. ކަލޭމެންގެ ޑިފެންސް މިނިސްޓަރާ ފޮރިން މިނިސްޓަރާ ހެލްތް މިނިސްޓަރާ މިތަނަށް އިންޑިއާ އައްޕުޑިއާ ސިފައިން އަރުވާ ހަނގުރާމަކޮށް ދިވެހި ސިފައިން މަރަން ގޮވާ ހެދީ ވެރިކަމުގެ ދަހިވެތިކަމުގަ.

    12