ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފް ޝަރީއަތުގައި އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ޝަފައީ ހެކިންތައް ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މިއަދުގެ އަޑުއެހުން ފަށަމުން ހެއްކާއި ގުޅޭ ގޮތުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ އެ ދެ ހެކިންނަކީ ދަށު ކޯޓުގެ މަރުހަލާގައި ވެސް ޔާމީނަށް ހުށަހެޅެން އޮތް ދެ ހެކި ކަމުގައި ބެލެވޭތީ އެ ދެ ހެކިން ބަލައިނުގަންނަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ދެ ހެކިންގެ ގޮތުގައި ޔާމީން ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދުއެވެ.

ޔާމީންގެ ފަރާތުން ހުށަހެޅުއްވި ކިތާބީ ހެކިތައް ބަލައިގަންނަން މަހާޒް ތާއީދު ކުރެއްވިއެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ވީޑިއޯ ފައިލްއަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދުގެ އޯޑިއޯ ފައިލްއަކާއި، އަދީބާއި މުއައްވިޒާ ދެމެދު މުއާމަލާތް ކުރެވިފައިވާ ޗެޓް ލޮގެއް ވެސް ހިމެނެއެވެ.

މި ރައުޔައަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއާއި ޑރ. އަޒްމިރަލްދާ ޒާހިރު ތާއީދު ކުރައްވާފައިވެއެވެ.

މިއީ ހައި ކޯޓުގެ މަރުހަލާ ވެސް ނިމުނު ފަހުން ލިބުނު ހެކިތަކެއް ކަމުގައި ޔާމީންގެ ވަކީލުން ސުޕްރީމް ކޯޓުގައި ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ. ނަމަވެސް ދައުލަތުން ސުޕްރީމް ކޯޓުގައި ވިދާޅުވެފައި ވަނީ ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑަމުއްލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.

ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެދުރުބެ

    ފައިސާ ހުރިއްޔާ ސަލާމަތްވާނެ. ޤާނޫނަކީ ނިކަމެތިންނަށް އޮތްއެއްޗެއް.

    3
    5
  2. ޙަބޭ

    މީހަކުގެ މައްޗައް އެއްވެސް ސައްކެއްނެތް މިންވަރަށް ކުށެއް ސާބިތު ނުވާހާހިނދަ އެއީ މަޢުސޫމް މީހެއް. ޜޔ އަށް ހުކުމްކުރި ހިސާބުން މިމީހުން ބުނާކަހަލަ، ހުކުމް އެއޮތީ ކޮށްފައޭ، ދެން ހެއްކާ ގަރީނާ ހޯދައިގެން މިކަމުން ސަލާމަތްވާން ނޫޅޭށޭ.

    10