ރާއްޖޭގެ ކުންފުނިތަކުގެ ވިޔަފާރިތައް ރާއްޖޭގެ ސަރަހައްދުން ބޭރުގައި ފުޅާކުރުމުގެ ވިސްނުން ގެންގުޅުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރު، އެހެން އިލްތިމާސް ކުރެއްވީ ސްޓެލްކޯގެ "ސްޓެވޯ ވޯކްޝޮޕް" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

އެ ވޯކްޝޮޕުން ގިނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭއިރު، ސްޓެލްކޯއިން އެސެމްބެލްކޮށް ޖެނެރޭޓަރުވެސް ރާއްޖޭގެ ބާޒަރަށް ނެރެން ވަނީ ނިންމާފައެވެ.

ފައްޔާޒު ވިދާޅުވީ އަމިއްލަ ޖެންސެޓްތައް އެސެމްބެލްކުރަން ފެށުމުން އެ ތަކެތީގެ އަގުހެޔޮވެ، ރާއްޖޭގެ އިގްތިސާދުން ބޭރުވާ ދިވެހި ފައިސާ ހިފެހެއްޓޭނެ ކަމަށެވެ.

"އިގްތިސާދުން ބޭރުވާ ލާރީ ކޮންމެވެސް ވަރަކަށް ހިފެހެއްޓޭނެ ފުރުސަތުތަކެއް ލިބޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން" އޭނާ ވިދާޅުވިއެވެ.

އެއަށް ފަހު މިނިސްޓަރު ވިދާޅުވީ ކުންފުނިތަކަށް ލިބިފައިވާ ތަޖުރިބާ ބޭނުންކޮށްގެން ބޭރުންވެސް ނަފާ ހޯދިދާނެ ކަމަށެވެ.

"ސަރުކާރުގެ ބޮޑެތި ކުންފުނިތަކާއި، ޕްރައިވެޓް ސެކްޓާގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޓެރިޓަރީން ބޭރަށް ވިސްނުން ބައްޓަން ކުރުމަށް އެދެން. އަޅުގަނޑު ގަބުލްކުރާ ގޮތުގައި ދުނިޔޭގައި އެތައް ގައުމުތަކެއް އެބަހުރި ސްޓެލްކޯ ފަދަ ކުންފުނިތަކަށް ރަނގަޅު ނަފާ ހޯދިދާނެ ގައުމުތައް އެބަހުރި" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރިނިވަބުލް އެނާޖީއަކީ ޓެކްނޮލޮޖީއަށް ދުވަހެއް ދުވަހަކަށް ބަދަލުވަމުން އަންނަ ސިނާއަތަކަށްވާއިރު، ރާއްޖެއަކީ ކުޑަ ގައުމަކަށްވީ ނަމަވެސް ދުނިޔޭގައި އެ ސިނާއަތުގައި ފައިހަމަކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސުލާހު

    ބޭރުގެ ބާޒާރައް ކިހިނެތް ނިކުންނާނީ ކޮމްޕުލަސެންޓު ވެރިންތަކެއް ކުންފުނިތަކައް ލައިގެން. މިތާމީ ހުސް މުންޑު ސޭޓުން އުޅޭގައުމެއް. ގިން ކުންފުނިތަކުގެ ވެރިންނައް އިނގިރޭސި ބަހުން ދެ ބަސް ނޫނީ ބުނެލާކައް ނޭނގޭނެ. ތަންކޮޅެއް ރަނގަޅު ފެންވަރުގެ އިނގިރޭސި ލިޔުމެއް ކިޔާލަަކަށެއް ނުކުރޭނެ. ދެން ކިހިނެތްތޯ ބޭރު ތަރައްގީވެފަ ތިބޭ ތަންތަނުގެ ކުންފުނިތަކާއި ވާދަކުރާނީ.

  2. ގާދިރު

    ކިހިނެއް ނުކުންނާނީ ކަލޭގެ ތިހިރަ ކޮރަޕްޝަނާހެދި ރަނގަޅު ޕުރޮޖެކްޓެއް އަންނައިރަށް ކަމިޝަސް ކަމިޝަން

  3. ލޅ

    ކަލޯ ސުލާހު އިލްމީ ދިރާސާތަކާއި ލިއުންތަށް ހުރީ ހަމައެކަނި އިގިރޭސި ބަހުންތޯ ؟ ތުރުކީ މެލޭޝިޔާ ބަލާބަލަ !

  4. ނުރަބޯ

    ފަޔާޒު މެން ހާދަ ގަމާރޭ. މި ގައުމުގައި ބަންގްލާ މީހުންނާއި އިންޑިޔާމީހުން ކަޑަތަކާއި ފިހާރަތައް ހިންގާގޮތަށް ބޭރުގެ އެއްވެސް ގައުމަކުން ވިޔަފާރިކުރުމަށް ހުއްދައެއް ނުދޭނެ. އެންމެ ފުރަތަމަވެސް ބަލަންވީ ބޭރުގައި ވިޔަފާރިކުރުމުގެ ހުއްދަތައް ހޯދާ ތިޔަކުރަން އުޅެނީ ފީސިބަލް ކަމެއްތޯ ބެލުމެއްނު. ހިތައްއަރާ އިރަށް ބޭރަށްގޮސް ވިޔަފާރިކުރެވޭބާ؟