ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި ވަރަށް އިންސާފުވެރި ކަމަށާއި ކާފަލާތް ނުލިބުނަސް އެ ކަން މުހިއްމު ނޫން ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވެއްޖެއެވެ.

މިއަދު ސުޕްރީމް ކޯޓުގައި ނިމިދިޔަ ޝަރީއަތުގެ އަޑުއެހުން ނިންމުމަށް ފަހު އެ ކޯޓު ކައިރީ ނޫސްވެރިންނާ ބައްދަލު ކުރައްވައި ޔާމީންގެ ވަކީލުން ވިދާޅުވީ، އެ ޓީމުގެ އުއްމީދަކީ ސުޕްރީމް ކޯޓުގައި ދުނިޔޭގެ ގައުމުތަކުގައި މަނީ ލޯންޑަރިންގެ މަފްހޫމްގައިވާ ގޮތަށް މައްސަލަ ނިންމުމަށެވެ.

ދައުލަތުން ވަކާލާތު ކުރަމުން ދަނީ މުޅި ދުނިޔެ ދަންނަ މަފްހޫމްއާ ޚިލާފު މަފްހޫމެއް ކަމަށް ޖަމީލް ވިދާޅުވިއެވެ. މި ގޮތުން ޔާމީނަށް ކުރާ ތުހުމަތުގައި މަނީ ލޯންޑަ ކުރެވޭ ގޮތްތައް ކަމުގައިވާ ފައިސާ އޮޅުވާލުމާއި ސައްޚަ ފައިސާ ގޮތުގައި ދައްކަން ފައިސާ އެނބުރުމުގެ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ މިހާތަނަށް އައި އިރު ސުޕްރީމް ކޯޓުގެ މަރުހަލާ ދިޔަ ގޮތާ މެދު ގޮތް ހިތްހަމަޖެހޭ ކަމަށާއި މިހާތަނަށް ގެންދިޔައީ ވަރަށް އިންސާފުވެރިކޮށް ކަމަށެވެ.

ޖަމީލް ވިދާޅުވީ، އިސްތިއުނާފީ މަރުހަލާގައި ކަފާލާތް އޮތް ގޮތް ބަޔާން ކޮށްދިނުމަށް ޝަރީއަތުގައި ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ކަފާލާތުގެ ހައްގު ޔާމީނަށް ލިބެން ޖެހޭ ކަމަށާއި އެހެންވިޔަސް ދެ އަހަރެއްހާ ދުވަހު ޖަލު ހުކުމުގައި ހުންނެވުމުން އޭގެ މުއާލާތް ވެސް ކެނޑިފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެންގެ މުވައްކިލަކަށް [ރައީސް ޔާމީނަށް] މި ވަގުތަށް ކަފާލާތް އެހާ މުހިންމެއް ނޫން،" ޖަމީލް ވިދާޅުވިއެވެ.

މައިގަނޑު ކަންބޮޑުވުމަކަށް އޮތް ކަންތައް ކަމުގައިވާ ޖޫރިމަނާ ފައިސާގެ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް މި މަރުހަލާގައި ކާމިޔާބު ކުރެވިފައި އޮތް ކަން ޖަމީލު ފާހަގަ ކުރެއްވިއެވެ. އެހެންވެ މި މަރުހަލާގައި ޔާމީން ސަލާމަތްވާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމުގައި ވިދާޅުވިއެވެ.

"މި މައްސަލާގައި މި ދެއްކުނު ވާހަކަތައް ވަރަށް ކެތްތެރިކަމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަޑުއަހައިފިން، ވަރަށް އިންސާފުވެރިކޮށް މި މައްސަލަ ސުޕްރީމް ކޯޓުގައި ހިނގައިފި، އެ ގޮތަށް ގޮސްފިނަމަ ރައީސް ޔާމީން އިރާދަކުރެއްވިއްޔާ ބަރީއަވެގެންދާނެ،" ޖަމީލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތުގެ ޚުލާސާ

މިހާތަނަށް އައި އިރު ޔާމީންގެ ފަރާތުން އާ ހެކިތައް ހުށަހެޅުއްވިއިރު ޝަފައީ ދެ ހެކިން ކަމުގައިވާ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްއާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދުގެ ހެކި ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމާފައިވެއެވެ.

މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ވީޑިއޯ ފައިލްއަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދުގެ އޯޑިއޯއަކާއި، ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވާ ޗެޓް ލޮގްތަކެއް ޔާމީން ހުށަހެޅުއްވިއިރު އެ ހެކި ބަލައިގަންނަން ކޯޓުން ނިންމިއެވެ.

ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކޮށްދޭން ހުށަހެޅުއްވިއިރު މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އެ ފުރުސަތު ނުދެއްވުމަށެވެ. ނަމަވެސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރު ނެރެދިނެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

މިހާތަނަށް މައްސަލައިގެ އަޑުއެހުންތައް ބާއްވާ ނިމުނުއިރު ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމެވެ. ރިޔާސަތުން ވިދާޅުވި ގޮތުގައި, ސުޕްރީމް ކޯޓު ރިސެސަށް ދިޔުމުގެ ކުރިން ހުކުމް އިއްވުމަށް މަސައްކަތް ކުރައްވާނެއެވެ. ރިސެސަށް ދާން ދެން އޮތީ 56 ދުވަހެވެ.

ޔާމީންގެ މައްޗަށް ހިންގާ މައްސަލަތަކުގެ ޚުލާސާ

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ހުކުމް އިއްވި ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ. ނަމަވެސް ދައުލަތުން ސުޕްރީމް ކޯޓުގައި ވިދާޅުވެފައި ވަނީ ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑަމުއްލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.

ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. ނަމަވެސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިއަދުގެ ސަރުކާރުން ރ.ޔާމީންގެ މައްޗަށް ހުކުމް އިއްވާފައިވަނީ ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާއެއްކަމަށް ވާއިރު ދައުވާއުފުލި ދައުލަތުގެ މުރަނގަގަސްދޮށު ފަނޑިޔާރުންނަށް އެއީ ވޮޑަމުއްލާއާއިގުޅޭ ފައިސާއެއްކަމަށް ސުޕުރިބް ކޯޓުގައި ސާބިތުކޮށްނުދެވުނީމަ ބުނަނީ އެއީ ކޮންފައިސާއެއްކަން ބުނެދޭކަށް ނުޖެހޭނެޔޯ!!، ދައުލަތުގެ ފުންނާބުއުސް ހިސާނީނިޒާމާއި ޝަމީމީނިޒާމާއި ރިއްފަތީނިޒާމުން ހިންގައިގެން އުޅެނީ ކޮންފަދަ ހަރުދަނާކަމެއްނެތް ޝަރީޢަތެއްތޯ؟؟މިއީވެސް ސުޕްރިންކޯޓު ފަނޑިޔާރުން ފާހަގަކުރަންޖެހޭ ޕޮއިންޓެއް، މިއިންވެސް އެނގިގެންދިޔައީ އެއްވެސް ހަރުދަނާ އަސާސެއްނެތް އިލްޒާމެއް މީހެއްގެ ބޮލުގައަޅުވައި ފުރޭމްކޮށްގެން އުޅޭކަން، މީހަކުދެކެ ހަސަދަވެރިވިޔަސް ތަންފުކެއް ބޮޑުވަރު އަދި ރ.ޔާމީން މިނިވަންކޮށް ހުރިއްޔާ ތިމެންނަމެންނަށް ދެން ރައީސުކަން ނުލިބޭނެތީވެސް ބިރުގަންނާތީ ސަދޫމުގެ ޝަރީއަތާއި ސަދޫމު ވެރިކަންންގަނީ

  2. މެޑަމް ފާތު

    ހަޤީޤަތުގަ ޖަމީލު ބޭނުންވާގޮތް އެވީ. ޖަމީލު ބޭނުމެއްނުވާނެ ޔާމީނު މިނިވަންކުރާކަށެއް އޭރަކުންނެއްނު މީނައަށް ރިޔާސީ އިންތިޚާބުގަ ކުރިމަތިލެވޭނީ ޕީޕީ ޕީއެންސީ ކެންޑިޑޭޓެއްގެ ގޮތުގަ!

  3. ހުސެއިން

    ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް މިސަރުކާރުން ނުލިބޭނެ އޭ %200 ޔަގީކަން. ކޯޓަކަސް ، އެހެންތަނަކަސް އެތަންތަނުގައި ތިބީ ހަމަ އެއްބައެެއް. މިސަރުކާރު ވަރަށް ބިރުގަންނާނެ ރައީސް ޔާމީން މިނިވަން ކުރަން.