"އިހްލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން ހުއްދަ ބާތިލްކޮށްފިއެވެ.

ކަރިޝްމާ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މ.ކެލަން މުހައްމަދު އިސްމާއިލް ދެފަހަރަށް ހުށަހަޅައިގެން ވެސް ހުއްދަ ނުލިބުމުން އޭނާ އެންމެ ފަހުން އިލެކްޝަނަށް ހުށަހެޅީ އިޚްލާސްތެރި ޕާޓީ މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދުމުގެ ހުއްދައަކަށެވެ. އެ ހުއްދަ ކޮމިޝަނުން އޭނާ އަށް ދީފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އީސީން ބުނި ގޮތުގައި ހުއްދަ ބާތިލް ކުރީ މުހައްމަދު އިސްމާއިލްގެ އެދުމުގެ މަތިންނެވެ.

ކަރިޝްމާ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މުހައްމަދު އިސްލާއީލް އެންމެ ފުރަތަމަ ހުށަހެޅީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން މިދިޔަ މަހު ވެސް އޭނާ ވަނީ އެނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައެވެ.

ކަރިޝްމާ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެވެން ނެތްކަން އަންގާ މިދިޔަ މަހު އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މުހައްމަދު އިސްމާއީލް ހުށަހަޅާފައިވާ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމުން 3000 މީހުންގެ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ. އެމަސައްކަތް ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. 3000 މެންބަރުން ހަމަކުރުމުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭނީ ދިހަހާސް މެންބަރުން ހަމަވުމުންނެވެ.

މިހާރު ރާއްޖޭގައި ދިހަ ސިޔާސީ ޕާޓީއެއް އެބައޮތެވެ. އަދި އިތުރު ދެޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.