ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ އަމަލުތައް ހުންނެވި ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުންނެވީ "ޝޮކެއްގައި" ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާގައި މެންބަރު އަސްލަމަށް މެންބަރު ނާޒިލްގެ ކުރިމަތި ފަރާތް ދެއްކި ކަމުގެ ތުހުމަތުގައި މަޖިލީހުގެ ސުލޫކު ކޮމިޓީއަށް މައްސަލައެއް ވަނީ ވައްދައިފައެވެ. އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.

އޭގެ ފަހުން އަސްލަމް އައްޑޫ ހިތަދޫގައި ދިރިއުޅުއްވަމުން ގެންދެވި ގެކޮޅުގައި ރޯކޮށްލަން ބަޔަކު ވަނީ މަސައްކަތް ކޮށްފައެވެ. އެކަމުގެ ފަހަތުގައި ވެސް ނާޒިލްގެ އަތެއް އޮތް ކަމުގެ ތުހުމަތު ކުރެވެއެވެ.

މިކަމާ ގުޅޭ ގޮތުން "ވަގުތު" އިން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ އޭނާގެ އަނބިކަނބަލުންގެ ގޯތީގައި ބަޔަކު ރޯކޮށްލަން މަސައްކަތް ކުރި ސަބަބެއް އަދި އޭގެ ފަހަތުގައި ތިބި ބަޔަކު އޭނާއަށް ސާފު ނުވާ ކަމަށެވެ.

އެހެންވިޔަސް އަސްލަމް "ވަގުތު" އާ ވާހަކަ ދައްކަވަމުން ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ހިނގި ބައެއް ކަންކަން ޚިއްސާ ކުރައްވައިފައެވެ. އަދި އެއްވެސް މީހަކަށް ދެރައެއް ދިނުމުގެ ނިޔަތުގައި ކަމެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިލްގެ މައްސަލައެއް އަސްލަމް ހުށަހެޅުން

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސް ކަމަށް ނާޒިލް ކުރިމަތިލެއްވި އިރު އެ ވޯޓާއި އައްޑޫ ސިޓީގެ ރައީސްގެ ވޯޓު ނާޒިލް އަމިއްލައަށް ގުނަމުން ދިޔަ ވީޑިއޯއެއް މީސް މީޑިއާއަށް ވަނީ އާންމުވެފައެވެ.

އަސްލަމް ވިދާޅުވީ އެ ވީޑިއޯތައް ނެންގެވީ އޭނާ ކަމަށް ވިދާޅުވެ އެމްޑީޕީގެ އެތެރޭގައި ވެސް ވާހަކަތަކެއް ދެކެވެމުންދާ ކަމަށެވެ. އެކަމަކު އެ ވީޑިއޯ ނެގި ބޭފުޅެއް އަސްލަމަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެހެންވިޔަސް އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ ވީޑިއޯއާއެކު މައްސަލަ ހުށަހެޅުއްވި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވި ގޮތުގައި، އެތެރޭގެ އިންތިޚާބެއްގައި ގޯހެއް ހިނގިކަން އެނގުމުން އެ ކަން ރިޕޯޓް ކުރުމަކީ އޭނާގެ ފަރުދީ މަސްއޫލިއްޔަތެކެވެ.

"މިއީ އަޅުގަނޑުގެ މަސްއޫލިއްޔަތެއް، އަޅުގަނޑު ކުރިހާ ވެސް ކަމަކީ އަޅުގަނޑުގެ މަސްއޫލިއްޔަތެއް އަދާކުރުން، އެ ކަން ރިޕޯޓް ކުރުން،" އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ހިނގި ކަންކަމުގެ ވާހަކަ ދައްކަން ބޭނުމެއް ނުވި

މަޖިލީހުގައި ހިނގި ކަންތައްތަކާ ގުޅޭ ގޮތުން އަސްލަމްއާ ސުވާލު ކުރުމުން އެ ވާހަކަ ދައްކަވަން އަސްލަމް ބޭނުމެއް ނުވިއެވެ. ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލެއް އަސްލަމް ނުދެއްވައެވެ.

އަސްލަމް ވިދާޅުވި ވާހަކައަކީ ނާޒިލްގެ އަމަލުތައް ފެނިގެން އޭނާ "ޝޮކެއްގައި ހުރި" ކަމަށެވެ. އަދި މަޖިލީހުގައި "ކަމެއް ހިނގައިގެން އުޅޭ" ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި "އެހެންވާ ކަންތަކާއި އަޅާނުލާ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގައި ނާޒިލްގެ ކުރިމަތި ފަރާތް ދައްކާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އަސްލަމް ދޮގެއް ނުކުރައްވައެވެ. އެ ނުހިނގާ ކަމެއް ކަމަށް ވިދާޅެއް ނުވެއެވެ. ވިދާޅުވަނީ އެ ކަމާ ގުޅޭ ގޮތުން މާ ގިނަ ވާހަކަތައް ދައްކަވަން ބޭނުން ނުވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން "ވަގުތު" އިން ސުވާލު ކުރުމުން މަޖިލީހުގެ މީޑިއާ ކޮމިއުނިކޭޝަން ޑިރެކްޓަރު ޒިޔާއު ވިދާޅުވީ މެންބަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި އެ ގޮތަށް މެންބަރަކު ހުށަހަޅުއްވާ މައްސަލައެއް އެ އޮންނަ އުސޫލުގެ ތެރެއިން ބަލާނެ ކަމަށެވެ.

މި ޚަބަރާ ގުޅިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ފާޑުކިއުންތައް ނާޒިލްއަށް އަންނަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރީތި މޫސަ

    ކީއްވެތޯ ޝޮކެއްގައި ހުންނަވަންވީ މަޖުލީސްތެރޭ ކޮންމެކަމެއްކުރިޔަސް ކޮންމެއެއްޗެއް ގޮވިޔަސް މެންބަރުންގެ އިއްޒަތްތެރިކަމުން އެޅޭނެ އެއްވެސް ފިޔަވަޅެއްނޯންނާނެ އެހެންނޫންނަމަ ދީނޭކިޔައިން ގޮވޭއެއްޗިއްސަށް ފިޔަވަޅުއެޅުނީސް ނޫންތޯ؟

    21
  2. އަޙްމަދު

    އަސްލަމް ނާޒިލްއާއި ދިމާލަށް އެއްޗެއް ނުބުނެ ނާޒިލް ހަމަ ހުރެފަކާ ރުޅިއެއް އަންނާނެހެނެއް ހީއެއްނުވޭ!

    5
    18
  3. އަލިފުތާ

    ރައްޔިތުން މިތިބީ މާބޮޑު ޝޮކެއްގައި! ސުވާލަކީ މި މެންބަރު މެންބަރު ކަމަށް ކުފޫ ހަމަވޭ ތޯއެވެ؟ މެންބަރު ކަމުން ވަކިވާނެތޯއެވެ؟ ނޫނީ ވަކި ކުރެވޭނެ ގޮތްތަކެއް އޮންނާނެ ތޯއެވެ؟

    25
    2
  4. ސައިނާ

    އައްނި އަށް ކަމުދާ މީހުން މަޖްލީހައް ހޮވީމަ ވާނެ ގޮތް ތިފެންނަނީ

    35
  5. ހަސަނާ

    މޑޕ ބައިގަނޑަށް އެހެންވީމަ ގޯސްވީ ވީޑިއޯކުރި މީހާ ދޯ؟

    މި މީހުންގެ ނުބައިނުލަފާކަމުގެ ކޮޅެށް އޮވޭތަ؟!

    1
    1
  6. ރާއްޖެތެރެ

    ވެރިކަމައް އައީވެސް އޮޅުވާލައިގެން

  7. އަޅާނުލާ

    ޕާޓީގެ އެއް މެމްބަރު އަނެއް މެމްބަރަށް ޖިންސީ ފުރައްސާރަކޮށް ހަދާއިރުވެސް ޕާޓީ މީހުންނަށް ހެޔޮވެފަ އަނގައިންވެސް ނުބުނެ އެ ތިބެނީ. މިފަދަ ހުރިހާ ހުތުރު އަމަލެއް ހިނގުމަކީ މިމީހުންގެ ޕާޓީ މީހުންނަށް ހަމަ އާއްމުކަމަކީ. އެއް މެމްބަރަށް ނަފްސާނީ ގެއްލުންވެ ކައުންސެލިންގ ހޯދާ ހިސާބުގަ މިހާރު އެހުރީ.

  8. Anonymous

    ރުޅިއައިއްޔަ ޖެހޭތަ އެފަރާތް ދައްކަން؟

  9. ޓެލެކޮމް

    ބުއްޅަޔާ އޭނަގެ ފަހަތުން ދުވާ ގުރޫޕް އެންމެންގެވެސް ހާލު...ޝޮކުގަ ތިބެންޏާ ކަލޭމެން އަބަދުވެސް ޝޮކުޖެހިޖެހި ތިބޭނީ...