ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓްތައް ހިފަހައްޓައިދިނުމުގެ އަމުރު ނެރެނުދޭން ހައިކޯޓުން ނިންމުމާއި ގުޅިގެން އަލީގެ ޕާސްޕޯޓުތައް ހިފަހައްޓަން ސުޕްރީމް ކޯޓަށް ހުށަހެޅުމާއި މެދު އާދިއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ވިދާޅުވެއްޖެއެވެ.

ޕީޖީން މިގޮތަށް ވިދާޅުވެފައި ވަނީ އަލީގެ ޕާސްޕޯޓުތައް ހިފަހައްޓަން ހައިކޯޓުގައި އަމުރަކަށް އެދުމުން އެއަމުރު ނެރެ ނުދިނުމުންނެވެ.

ކުރިން ވެސް ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓެއް ހިފަހައްޓަން ދައުލަތުން އެދުމުން ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން އެ އަމުރު ނެރެނުދިނެވެ. އަލުން ހުރިހާ ޕާސްޕޯޓެއް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދިގެން އަމުރު ނެރެ ނުދިނުމުން ހައި ކޯޓަށް އަނެއްކާ ވެސް ދައުލަތުން އިސްތިއުނާފް ކުރިއެވެ.

ނަމަވެސް ހައިކޯޓުން ފަހުންވެސް ވަނީ ޕާސްޕޯޓްތައް ހިފަހައްޓައިދިނުމުގެ އަމުރު ނެރެނުދޭން ނިންމާފައެވެ.

ކޯޓުން އިއްްޔެ ނެރުނު ހުކުމުގައި އޮންނަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެދެވެނީ ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން ކަމަށެވެ. އަދި ކޯޓުން ހުއްދަ ދީގެން ފުރައި ފަހުން ދެން އެދުނު ނަމަވެސް އެ ގޮތަށް އަމުރު ނެރެދެވޭނެ ހަމައެއް ވެސް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ހައި ކޯޓުގެ އަމުރުގައިވެއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ އިންކާރު ކުރައްވައެވެ. އެ ތުހުމަތުތަކަކީ އޭނާ ފްރޭމް ކުރަން ކުރި ކަމެއް ކަމުގައި ވިދާޅުވެއެވެ. އެ ކަމުގެ ފަހަތުގައި ތިއްބެވީ އެމްޑީޕީގެ ބައެއް ބޭފުޅުން ކަމުގައި އަލީ ވަހީދު ވިދާޅުވެއެވެ. އެއީ އއ. އުކުޅަހުގައި އޮތް އެމްޑީޕީގެ ކޮންގްރެސްގައި "ބަޣާވާތް ކުރި" ބައެއް ކަމަށް އަލީ ވިދާޅުވެއެވެ.

އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވަން ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީޑު އެ ހުއްދަ ދެއްވީ ހަތަރު މަސް ދުވަހުގެ އެއްބަސްވުމަކަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ.

އެ މުއްދަތު ހަމަވި ފަހުން އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގެން ޝަރީއަތް ގެންދަވަން ނިންމެވިއެވެ. އަޑުބަރޭއަށް ފިޔަވަޅެއް އަޅަން ވެސް ކްރިމިނަލް ކޯޓުން ނުނިންމަވައެވެ. އެ ކަން އެ ގޮތަށް ނުވާނެ ކަމަށް ވިދާޅުވެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔައެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތަށް ހާޒިރުވާން އަލީ ވަހީދަށް ނޯޓިސް ދިނެވެ. އެކަމަކު ކޯޓަށް ހާޒިރުނުވުމުން އެ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި އަލީ ވަހީދުގެ މައްޗަށް ދެ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް ސުޕްރީމް ކޯޓުން އިއްވިއެވެ.

އިނގިރޭސިވިލާތުގައި އަލީ ވަހީދު ހައްޔަރު ކުރީ ސުޕްރީމް ކޯޓުން ޖަލު ހުކުމް ވެސް އިއްވި ފަހުންނެވެ. އިނގިރޭސިވިލާތުގެ ޖަލުގައި އަލީ 16 ދުވަހު ހޭދަ ކުރެއްވުމަށް ފަހު ދިވެހި ނޫސްވެރިންނާ އޮންލައިންކޮށް ބައްދަލު ކުރެއްވުމަށް ފަހު ސަރުކާރުގެ އިސް ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެންމެ ބޮޑަށް ފާޑުވިދާޅުވީ ޕީޖީ ހުސައިން ޝަމީމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ކޯޓަށް ގޮސް ޕާސްޕޯޓް ހިފަހައްޓަން ތިޔަ އުޅެނީ ކޮން ޖޯކަރުކަމެއްކުރަންބާ. އަލީ ހުރީ އިގިރޭސިވިލާތުގެ ޕާސްޕޯޓް އޮތީ އަލީއަތުގަ. ޕާސްޕޯޓްގަ އަތްލެވޭކަށް ނެތް. ސަރުކާރުން އަލީއާ ކުލެނ ބެނުންނަމަ ކޯޓް އަމުރެއް ނުނެރުނަސް އިމިގްރޭސަނުން ޕާސްޕޯޓް ކެންސަލަ ކޮށްފިކަމަށް ކަނޑައެޅުމުން ޕާސްޕޯޓަކަށް ދަތުރެއްނުކުރެވޭނެ. ކޮންމެހެން ކެންސަލްކުރި ޕާސްޯޓް އަލުން ކެންސަލަކުރުމުގެ ބޭނުމަކީ ކޮބާ ؟ކުޑައިރު ލޮނުޒިޔާރަތްކޮޅުގަ ކުޅޭ ކުދިންކޮޅު ހަދާހެން މިފަހަރު ކަލޭ ނުލައްވާނަން ބުނާހެން ޖޯކު ގޮތަކަށް ޕާސްޕޯޓާ ނުކުޅެ ހަދުދަނާ މީހަކަށް ވެ ބަލަ.