ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހުޅުލޭގައި ބަހައްޓާފައި ހުންނަ ކަނޑުގެ ދިޔަވަރު ބަލާ ސްޓޭޝަނަށް ގެއްލުންތަކެއް ވެއްޖެއެވެ.

ހުޅުލޭގައި ބަހައްޓާފައި ހުންނަ ދިޔަވަރު ބަލާ ސްޓޭޝަނަކީ 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީގެ ސަބަބުން އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ދިމާވެދާނެ ސުނާމީއާ ބެހޭ އިންޒާރު ދިނުމުގެ ނިޒާމުގެ ބައެކެވެ. އިންޓަނޭޝަނަލް ޓާމިލު ކުރިމަތީ މުދާވީ ފަޅީގައި ބަހައްޓާފައި ހުންނަ މި ސްޓޭޝަން ބަލަހައްޓަމުން އަންނަނީ ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިންނެވެ.

މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް އަލީ ޝަރީފް "ވަގުތު" އަށް ވިދާޅުވީ، މެންދުރު ފަހު އެއާޕޯޓުގައި ދުއްވާފައި ދިޔަ ދިރާގުގެ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ދިޔަވަރު ބަލާ ސްޓޭޝަނަށް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން އެހަރުކޮށްފައި ހުންނަ 2 ފޫޓޫ 2 ފޫޓޫގެ ކޮންކްރީޓް ގަނޑުގެ އެއްފަޅިން ފަޅައިގެން ގޮސްފައިވާ ކަމަށާއި އޭގައި ހަރުކޮށްފައި ހުންނަ އެންޓެނާ މައުލޫމާތު ނަގާ ޑޭޓާ ލޮގާ ހުންނަ ފޮށިގަނޑު އެނބުރިފައި ހުރި ކަމަށެވެ.

އަލީ ޝަރީފް ވިދާޅުވީ، އެއީ މިވަގުތު ފެންނަން ހުރި ގެއްލުންތައް ކަމަށާއި މިވަގުތު ޑޭޓާއަށް މައްސަލައެއް ޖެހޭތޯ ބަލަމުން އަންނަ ކަމަށެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެކްސިޑެންޓުގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށާއި އަނިޔާވެފައި ވަނީ ތިން ފިރިހެނުންނަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޒަ

    އިންޑިއާގެ އެއްޗެއް ކަމަށްތިވާނީ، ތިސޮރު ދުވަސް ދިޔައީތި ،. ޢެކަމު ކޮނއކްރިޓް ބުޑު ހާދަބައްޔޭ ދޯ ،،،،،،،،،

  2. ކިނބޫރަސްގެފާނު

    ދިރާގު މީހުންލައްވާ ތިތަން މަރާމާތުކޮއް ގެއްލުމުގެ ބަދަލުހޯދާ