ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ލިބޭ" އިން ހއ.ދިއްދޫ ދެސްކޫލްގެ ޓީޗަރުންނަށް ހަދިޔާ ދީފިއެވެ.

ލިބޭ އަކީ މާލެ އަށާއި އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މުދާ ފޮނުވައިދޭ ގޮތައް އޮންލައިން ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ. އެކުންފުނީގެ ފިހާރައެއް ދިއްދޫގައި ވެސް ހިންގަމުން ގެންދެއެވެ.

ލިބޭ އިން ވަނީ ދިއްދޫގައި ހުންނަ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ 80 ޓީޗަރުންނަށާއި ގާޒީ މުހައްމަދު ޕްރީސްކޫލްގެ އަށް ޓީޗަރުންނަށް ހަދިޔާ ދީފައެވެ.

ލިބޭގެ އޮފިޝަލަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެކުންފުނިން ޓީޗަރުންނަށް ހަދިޔާ ދިނީ ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. "ޓީޗަރުންނަކީ މުޖުތަމައު ބިނާ ކުރުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅުން. ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަޅުގަނޑުމެން ޓީޗަރުންނަށް ހަދިޔާ ދިނުމުގެ މަޤުސަދަކީ ޓީޗަރުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުން." ލިބޭގެ އޮފިޝަލް ބުންޏެވެ.

ލިބޭ އިން ބުނީ ކުރިއަށް އޮތްތަނުގައި ވެސް އިޖުތިމާއީ ޒިންމާގެ ދަށުން އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.