މިހާރު ރާއްޖޭގައި ކުރިޔަށްދާ ސާފް ޗެމްޕިއަމްޝިޕްގައި ރާއްޖެ ކުޅޭ މެޗްތައް ސްޓެލްކޯގެ މާޓީވީ އިން އަޅުވާގޮތަށް ނިންމައިފިއެވެ.

ސްޓެލްކޯ އިން ބުނީ މިގޮތަށް އެ ކުންފުނިން ނިންމީ ގައުމީ ރޫހު އިތުރަށް އާލާކޮށް ވީހާވެސް ގިނަ ބަޔަކަށް ރާއްޖެ ކުޅޭ މެޗްތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. އަދި މިފަދަ ކޮންމެ ގައުމީ ކަމެއްގައި ބައިވެރިވެ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަކީ ސްޓެލްކޯގެ އަބަދުވެސް އަމާޒު ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

ސްޓެލްކޯގެ މާ ޓީވީ ހުންނާނީ ހެޑް އޮފީހުގެ ފުރަގަހުގައި ބޮޑުތަކުރުފާނު މަގަށްވާ ގޮތަށެވެ.

ދިވެހި ގައުމީ ޓީމަށް ކާމިޔާބު އެދެމުން ސްޓެލްކޯއިން ބުނީ އިރާދަކުރެއްވިއްޔާ މިފަހަރު ރާއްޖެ ސާފް ޗެމްޕިއަންޗިޕް ކާމިޔާބު ކުރާނެ ކަމަށެވެ.

ސާފްގެ ގައުމުތައް ބައިވެރިވާ މި މުބާރާތް ހަމައެކަނި ހޯސްޓު ކުރާނީ ރާއްޖެ އިންނެވެ. މި މުބާރާތް ފަށާފައިވާއިރު، މި މަހުގެ 16 ގެ ނިޔަލަށް މި މުބާރާތް ކުރިއަށް ދާނެއެވެ.

މިއީ ދިގު މުއްދަތަކަށްފަހު ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ބޮޑު މުބާރާތެކެވެ. އެންމެފަހުން ރާއްޖޭގައި ބައިނަލްއަޤްވާމީ ބޮޑު ފުޓުބޯޅަ މުބާރާތެއް ހޯސްޓުކުރީ 2014 ގައެވެ.

ރާއްޖެއިން މި މުބާރާތް ބޭއްވުމުގެ ބިޑު ކާމިޔާބުކޮށްފައިވަނީ ނޭޕާލް އާއި ވާދަކޮށްގެންނެވެ. މިފަހަރު ރާއްޖޭގައި މުބާރާތް ބާއްވާއިރު މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ގަލޮޅު ދަނޑުގައެވެ.

މި މުބާރާތުގެ މެޗުތައް ބާއްވާ ކޮންމެ ފަހަރަކުވެސް ގަލޮޅު ދަނޑު އެއްކޮށް އޮންނަނީ ފުރިފަ އެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތް ވެސް ވަރަށް ފޯރިގަދަކަމާއި އެކު ވަނީ ބާއްވާފައެވެ. ޓީވީން ދުރަށް ދައްކާ މި މުބާރާތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ފޯރިގަދަކޮށް ބަލާކަން ފާހަގަ ކުރެވެއެވެ.