ފުޓްބޯޅަ އަކީ އެކުޅިވަރަށް ލޯބި ކުރާ ކޮންމެ މީހެއްގެ އިހުސާސްތަކާ ނިކަން ވަރުގަދައަށް ކުޅެލާ ފޯރިގަދަ ކުޅިވަރެކެވެ. ފުޓްބޯޅައަށް ލޯބި ކުރާ ވަކި އުމުރެއްގެ ބަޔަކު ނެތެވެ. ކޮންމެ އުމުރެއްގެ މީހަކީ ވެސް ކޮންމެ ވެސް އެއް ޓީމަކަށް ލޯބި ކުރާ އެޓީމެއް ދެކެ ފަހުރުވެރިވާ ބައެކެވެ.

މި ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުޅެމުން ދާއިރު، މުބާރާތުގައި މިރޭ ދިވެހި ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗަކީ މުބާރާތުގައި މިހާތަނަށް ކުޅުނު އެންމެ ފޯރިގަދަ އަދި ސަޕޯޓަރުންގެ އަޑު ނުކުނޑޭ މެޗު ކަމަށް އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ. މެޗު ފެށުމުގެ 3 ވަރަކަށް ދުވަސް ކުރިން ދިވެހިން ތިބީ ކުޅިބަލަން ތައްޔާރުވެގެންނެވެ. ހަމަ އެފަދައިން މާލޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުން ވެސް ދިޔައީ މެޗަށް ވަރަށް ވަރުގަދަ އަށް ތައްޔާރުވަމުންނެވެ. އެއީ އަމިއްލަ ގައުމުވީތީ އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ކުޅުނު މެޗުގެތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އެހެން ނަމަވެސް ބަންގްލަދޭޝްގެ ބައެއް ސަޕޯޓަރުންނަށް ވަނީ ހިތްދަތި ކަންތައްކަކާއި ކުރިމަތިވެފައެވެ. އެއީ 200 މީހުންނަށް ޓިކެޓް ވިއްކާތީ އެންމެ އެދެވޭ ވަރަށް ސަޕޯޓަރުންނަށް ޓިކެޓް ނުލިބުމުންނެވެ. މިކަން ކުރީ ގަވައިދުގެ ތެރެއިން ނަމަވެސް ދެން ކަންތައް ވެދިޔަގޮތް ގަބޫލެއް ނުކުރެވެއެވެ.

ބައެއް ދިވެހިން ވަނީ މި ހާލަތުގެ ނާޖައިޒު ފައިދާ ނަގައިގެން ޓިކެޓު "ބެލްކްމާކެޓް" ގައި ވިއްކާފައެވެ. 75 ރުފިޔާއަށް ވިއްކި ޓިކެޓު ބްލެކް މާކެޓްގައި ނުވަތަ ކަޅު ބާޒާރުގައި ދިވެހިން ދިޔައީ 200 ރުފިޔާއިން ފެށިގެން 2،000 ރުފިޔާއަށް ވިއްކަމުންނެވެ. އެހާލުގައި ވެސް ބަންގްލަދޭޝް ރައްޔިތުން ތިބީ އެޓިކެޓު ގަނެގެން މެޗު ބަލަން ވަދެވޭނެ ކަމަށް އުއްމީދު ކޮށްގެންނެވެ.

ބަންގްލަދޭޝްގެ ސަޕޯޓަރަކު ދިވެހި ދިދަ އާއި ބަންގްލަދޭޝް ދިދަ ހިފައިގެން-- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

އެހެން ނަމަވެސް ކަންވީ މުޅިން ހީވެސް ނުކުރާ ގޮތަކަށެވެ. ދިވެހި ސަޕޯޓަރުންނަށް ވަނީ ހާއްސަ ސަރަހައްދެއް ކަނޑައަޅާފައެވެ. ބަންގްލަދޭޝް ސަޕޯޓަރުންނަށް ވަނީ ހާއްސަ ސަރަހައްދެއް ކަނޑައަޅާފައެވެ. ބަންގްލަދޭޝް ރައްޔިތުންނަށް ދިވެހިން އަތުން ގަތް ޓިކެޓަށް ދަނޑަކަށް ނުވަދެވުނެވެ. ހޭދަކުރެވުނީ ބޭކާރު ފައިސާތަކެކެވެ.

މިކަމުގެ ސަބަބުން ދިވެހިންނާއި ބަންގްލަދޭޝް މީހުންނާއި ދެމެދު ފުޓްބޯޅައިގެ ރޫހުގެ ތެރެއިން ވަރަށް ވަރުގަދަ ވާދަވެރިކަމެއް އުފެދުނެވެ. މިއާއި އެކު އެގައުމަށް ނިސްބަތްވާ ބައެއް މީހުން ރާއްޖެއާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުން ގެންދިޔައިރު، އެއަަށް ވުރެން ވަރުގަދައަށް ބައެއް ދިވެހިން ވެސް ދިޔައީ އެމީހުންނާ ދިމާލަށް އެއްޗެހި ކިޔައި ރައްދު ދެމުންނެވެ.

ކަންމިހެން އޮތް ނަމަވެސް، ދެ ގައުމުގައި ވެސް ގިނައީ އެއް ގައުމު އަނެއް ގައުމަށް އިހުތިރާމް ކުރާ މީހުންނެވެ. ހާއްސަކޮށް މާލޭގައި ތިބި ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ކިބައިން މިކަން ފެނުނެވެ. އަދި މިރޭގެ މެޗުން ވެސް މިކަން ވަނީ ފެނިގެން ގޮސްފައެވެ.

މީގެ ކުރިން ކުޅުނު މެޗުތަކަށް ފަހު މާލޭގައި އުފާ ފާޅު ކުރަން އެމީހުން ބޭއްވި ސައިކަލު ބުރެއްގައި ބަންގްލަދޭޝްގެ ދިދައާއި އެއްކޮށް ރާއްޖޭގެ ދިދަ ވެސް ވިހުރުވަމުން ގެންދިޔަ ކަމީ މިކަން ސާބިތުކޮށްދޭ ހެއްކެކެވެ.

ބަންގްލަދޭޝް މީހުން ބޭއްވި ސައިކަލު ބުރުގެ ތެރެއިން-- ފޮޓޯ: އިމޭޖެސް.އެމްވީ

މިރޭގެ މެޗުން ވެސް އިދިކޮޅު ޓީމުގެ ސަޕޯޓަރުންގެ ފަރާތުން މިފަދަ އެތައް ރީތި ސިފަތަކެއް ފެނިގެން ދިޔައެވެ. ހަބަރުގެ އެންމެ މަތީގައި އެވާ ފޮޓޯއަކީ މިރޭގެ މެޗުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނު އެއް ފޮޓޯއެވެ.

"އަހަރެމުން ލޯބިވަނީ ބަންގްލަދޭޝް ދެކެ، އަދި އަހަރެމުން އިހުތިރާމު ކުރަނީ ދިވެހި ރާއްޖެއަށް" މިފަދައިން ލިޔެފައިވާ ބޯޑެއް ހިފައިގެން ހުރި މީހާ އެ ދެއްކީ ފުޓްބޯޅައިގެ ތެރެއިން އަސްލު ފެންނަން ޖެހޭ ރިވެތި ނަމޫނާއެވެ.

މިރޭގެ މެޗުން ރާއްޖެ މޮޅުވެފައިވާއިރު، ބަންގްލަދޭޝް ޓީމުގެ ސަޕޯޓަރުންނަށް އެއްޗެހި ކިޔައި ފުރައްސާރަ ކުރުމުގެ ބަދަލުގައި ރިވެތި ބަސްތައް ރައްދުކޮށް ނިންމާލުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. މިގޮތަށް ކަންތައް ކޮށްފިނަމަ، މީގެ ކުރިއެކޭ އެއްފަދައިން ރާއްޖެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިނަމަ، ފައިނަލުގައި ރާއްޖެއާއި ދެކޮޅަށް ކުޅޭ މެޗުގައި ބަންގްލަދޭޝް މީހުން ރާއްޖެއަށް ސަޕޯޓް ކުރަން ގަލޮޅު ދަނޑު ފުރާލާނެ ކަމުގެ އެއްވެސް ޝައްކެއް ނެތެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަސަނާ

    ރާއްޖޭގެ ގިނަ މީހުންގެ ނުހުންނާނެ މިހާރު ރަނގަޅު ޑިސިޕްލިނެއް. ކެނެރީގޭ ކަލޭގެ މި ގައުމުގެ ރައްޔިތުންގެ ލަދުހަޔާތް ކަނޑުވާލުމުގެ ސަބަބުން، މީހުންނަށް އިހުތިރާމް ކުރުން މި ގައުމުގެ ރައްޔިތުންގެ ކިބައިން ވަނީ ނެތިގެން ގޮސްފައި.

    85
    5
  2. ޙަދިސައިބު

    ޢެމްޑީޕީ ވުޖޫދުވިފަހުން ދިވެހިންވަނީ ލަދުހަޔާތް ކެޑިފައި!

  3. Anonymous

    ވަރަށް ރަނގަޅު ވާހަކައެއް ތިބުނީ އެމީހުންގެ އިހްތިރާމް ބަލައިގަތުންވެސް އަދި އެމީހުންނަށް އިހްތިރާމްކުރުންވެސް މުހިންމު.

  4. ދައްތަ

    އިހުތިރާމާއި ގަދަރުކުރުމާއި ކެތްތެރި ކަން ގެއްލުވާލި ބަޔަކު އެކަން އަލުން ދިވެހިންނަށް ދަސްކޮށްދޭން އުޅުން ރަގަޅު..މަސްބާނާގެން އައިސް ކަތީބުގެ މޭޒުމައްޗައް މަސް އުކާލުން..ފުލުހުންގެ ގަޔަށް ވެހިކަލް އެރުވުން، ތަޅަން އެންގުން . ބިރަކާއި ނުލާ މަޖާކުރަން ބުނުން...މިހެން ގޮސް ރައްޔަތުން ހަޔާތް ކަޑުވާލާފަ ނިކުމެ ދިވެހިން ހަލާކު ކުރަން ބަޔަކު އެބައުޅެޔޭ ބުނީމަ އަހަހަރެމެން ހައިރާނެއް ނުވޭ..

  5. ނިކް

    ނޫސްވެރިންވެސް ކަންކަން ގޯސްނޮކޮށް ކޮށްމެ ބަޔަކުވެސް ކޮށްމެ ޤައުމެއްގާ އުޅެންވާނީ އެޤައުމެއްގާ ހެދިފައިވާ ގަވާއިދާ އެއްގޮތައް ހަދާންކޮށްދޭށެވެ.

  6. ޙަސަނާޔަށް ރައްދެއް

    ކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަސްރާނީއަކަށް ނުވަތަ އެނޫން ވެސް ޖާހިލަކަށް ހަދަނީ ކެނެރީގޭ ނަޝީދުތޯ ޔަޤީންކޮއްލެއްވުމަށް ރަސޫލުﷲ ގެފާނުންގެ މިކަމާ ގުޅުން އޮތް ޙަދީސް ބައްލަވާލެއްވުމަށް އިލްތިމާސްކުރަން. އަޅުގަނޑަކީ ކެނެރީ ފިކުރާއި އަދި އެނޫންވެސް އެއްވެސް ކުލަ ފިކުރަކަށް އީމާންވާ މީހެއް ނޫން. އެހެން ނަމަހީވެސްް
    ޤަބޫލުކޮއްފާނޭ މީހަކު ޤަބޫލުކޮއްފާނެ. އެކަމަަކު އަޅުގަނޑަށް ތިޔަ ވިދާޅުވި އެއްޗެއް ޤަބޫލެއް ނުކުރެވޭ. ނުވެެސް ކުރާނަން މެޔަ.
    ސަބަބަކީ އަޅުގަނޑަކީ ﷲ އާއި އެކަލާނގެ ފޮތަށް އީމާންވެގެން ހުރި މީހަކަށް ވާތީ.

  7. ސަޓޯ

    މައުމޫނު ބާލަން ކެނެރީގެ ނަޝީދު ދިވެހީންގެ ލަދުހަޔާތް ކެނޑުވީ.. މިހާރު އެއޮތީ އަތައް ގޮވާފަ.. ބަންގާޅިން ވެސް މާ ޑިސިޕްލިން....