ކްލަބް ހައުސް މެދުވެރިކޮށް "ވަގުތު" އިން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމް "ހަވާސް" ގެ 12 ވަނަ އެޕިސޯޑްގެ މެހެމާނެއްގެ ގޮތުގައި އެމްޑީޕީގެ މާލެ ސިޓީގެ ރައީސް ޝިފާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުގެ މަގާމު ފުރުއްވި ޝިފާއަކީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ކަނބަލުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަނބަލެވެ.

ޝިފާއަކީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ކަނބަލެވެ. އަދި މާލޭގެ މޭޔަރުގެ މަގާމަށް ވެސް ވަޑައިގެންނެވި ފުރަތަމަ ކަނބަލެވެ. އަދި ރާއްޖޭގެ ސިޓީއެއްގެ މޭޔަރަކަށް ފުރަތަމަ ވެވަޑައިގެންނެވި ކަނބަލަކީ ވެސް ޝިފާއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝިފާއަށް ޕާޓީ ތެރެއިން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ މާލެ ސިޓީ މޭޔަރުގެ ކެންޑިޑޭޓްގެ އެތެރޭގެ ޕްރައިމަރީގައެވެ. އެހެންވިޔަސް އާ ހިތްވަރަކާއެކު އެނބުރި ވަޑައިގެން ޕާޓީގެ މާލެ ސިޓީގެ ރައީސް ކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ.

ޝިފާގެ ސިޔާސީ ހަޔާތާއި، އެމްޑީޕީގެ އެތެރޭގެ މަސްރަހާއި، ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން މާދަމާ ހަވީރު 4:00 ޖަހާއިރު އޮންނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވާނެއެވެ. "ވަގުތު" އާއި އާންމުންގެ ފަރާތުން ކުރިމަތިވެގެންދާނެ ސުވާލުތަކަށް ޝިފާ ޖަވާބު ދެއްވާނެއެވެ.

މި ޕްރޮގްރާމްގެ ނަން ކަމުގައިވާ "ހަވާސް" ގެ މާނައަކީ ފަސް ޚިއްސެވެ. މި ޕްރޮގްރާމް މެދުވެރިކޮށް "ވަގުތު" އިން މަސައްކަތް ކުރަނީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ތިއްބަވަން ޖެހޭ ސިޔާސީ ލީޑަރުންގެ "ފަސް ޚިއްސު" ގެ ނިޔަތާއި ޖަވާބު ނުލިބި ހުރި ގިނަ ސުވާލުތަކުގެ ޖަވާބު ހޯދުމެވެ.

"ހަވާސް" ގެ މެހެމާނުންގެ ލިސްޓު

  1. އަލީ އާޒިމް (އެމްޑީޕީ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު)
  2. ޑރ. މުހައްމަދު ޝަހީމް (ޕީޕީއެމްގެ އެޑްވައިޒަރު، ކުރީގެ އިސްލާމިކް މިނިސްޓަރު)
  3. އަލީ ހުސައިން (ކެންދޫ ދާއިރާގެ ޖޭޕީގެ މެންބަރު)
  4. އުމަރު ނަސީރު (ޑީއެންއޭގެ މުއައްސިސް، ކުރީގެ ހޯމް މިނިސްޓަރު)
  5. އަހްމަދު މަހްލޫފް (ޔޫތު މިނިސްޓަރު، އެމްޑީޕީގެ މެންބަރު)
  6. އަހްމަދު އާމިރު (އެމްޑީއޭގެ ނައިބު، ކުޑަހުވަދޫ ދާއިރާގެ މެންބަރު)
  7. ޝިދާތާ ޝަރީފް (އެމްއެންޕީގެ މެންބަރު، ކުރީގެ ޖެންޑާ މިނިސްޓަރު)
  8. އަހްމަދު ޝިޔާމް (ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު)
  9. މުހައްމަދު ނާޒިމް (އެމްއެންޕީގެ މުއައްސިސް، ދަނގެތި ދާއިރާގެ މެންބަރު)
  10. އާދަމް ޝަރީފް (ޕީއެންސީ ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު)
  11. އިބްރާހީމް ރަޝީދު (މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު)
  12. ޝިފާ މުހައްމަދު (އެމްޑީޕީ މާލެ ރައީސް، މާލޭގެ ކުރީގެ މޭޔަރު)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ލާދީނީ ނަޝީދުގެ ފަހަތުން އުޅޭ މީހެއް. ރައްޔިތުން ގެ ބައިވަރު ލާރި ކައިގެން ކީއްކޮއްދެވުނީ ޝިފާއަށް؟

  2. Anonymous

    ތިޔަ ފިކުރު ތަކަކީ މިހާރު ބޮޑު ބަލާއަކަށް ވެފައިވާ ކަމެއް. ސިޔާސީ ވަބާއަށް ވާސިލްކޮއްދޭ އެންމެ ވަރުގަދަ އެއްޗަކީ ތިޔަ ބުނާ ފިކުރުތައް. ރީނދޫ ފިކުރު، ހަރުކަށި ފިކުރު، ޖަނާވާރުގެ ފިކުރު، ފިކުރީ ހަނގުރާމަ، ފިޔާތޮށި ހުން.
    ހެއްވާ ކަމަކީ ދެއިރަށް ދެމޫނު ހުންނަ ކުލަތައް ވެސް ގިނަވުން. ސަބަބަކަށް ދާއިރު ދަންނަވަންޖެހެނީ ހިތުގެ އިޚްލާސްތެރިކަމުގެ މައްސަލަތައް.
    އެހެންގޮސް ދާދި މިދާކަށް ދުވަހު ދޮންކެޔޮގަނޑަކަށް ޖައްސާފައި އިން ހާލު ވެސް އަދި ހަނދާނެއްް ނުނެތޭ.