އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުން ދޫކޮށްލަން އެދިފައިވަނިކޮށް އެއީ ނުކުރެވޭނެ ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ވިދާޅުވީ ސިޔާސީ ކުލަ ޖެހިގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

"އަވަސް" ނޫހުގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޖަމީލް ވިދާޅުވީ ކަފާލާތުގެ ކަންކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރުންގެ ވިސްނުން ވެސް ދެ ފަޅިއަކަށް ހުރިއިރު، އެއިން އެއް ބޭފުޅެއް ކަމުގައިވާ ފާއިޒްގެ ވިސްނުން ވެސް ހާމަ ކުރެއްވީ އެންމެ ފަހު ވަގުތު ކަމަށެވެ.

"ފާއިޒް ވެސް ވިދާޅުވެފަ އެބަވޭ [ކަފާލާތު] ނުދެވޭނެއޭ. އެކަމަކު މިހާ ދުވަސްވީ އިރުގައި އެ ބޭފުޅާގެ އަޑެއް ވެސް މި ކަމުގައި ނީވޭ." ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.

އިސް ގާޒީ ކަމާއި ޖަސްޓިސް މިނިސްޓަރު ކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވީ ގާނޫނީ ވާހަކަތަކާއި ނުކުތާތައް ފާހަގަ ކުރައްވަން ވާނީ އޭގެ އިލްމީ ހުއްޖަތުތައް ދައްކުވާފައި ކަމަށެވެ. ފާއިޒްގެ ވާހަކަ ހުންނެވީ ސިޔާސީ ކުލަ ޖެހިގެން ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒްގެ ވިސްނުމަކީ ހަގީގަތުގައި ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިގެން،" އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރުގެ މަގާމު ވެސ ފުރުއްވަމުން ގެންދަވާ ޖަމީލް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ބެންޗު އެކުލަވާލިއިރު ނަޝީދު އެންމެ ބޮޑަށް އެދިވަޑައިގަތް ކަމަކީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ފާއިޒް ގެނައުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ވަކި ބަޔަކާ ޖެހުނީމަ ސިޔާސީ ފިކުރުގެ ތެރެއިން އެއްޗެއް ވިދާޅުވީމަ އެއީ އެހާ ބޮޑަކަށް ގާނޫނީ ވާހަތަކެއް ކަމަކަށް ނުބެލެވޭ،" ޖަމީލް ވިދާޅުވިއެވެ.

މީގެ ކުރީގައި ހައި ކޯޓުގައި ކަފާލާތުގެ ދަށުން ބަޔަކު ދޫކޮށްލާފައިވެއެވެ. އަދި އޭރު އެ ކަމަށް ދައުލަތުން ދެކޮޅުވެ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކޮށްފައެއް ވެސް ނުވެއެވެ. ޔާމީންގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ބެންޗަށް އޭގެ ލިޔެކިއުން ވެސް އަރުވައިފައެވެ.

މި ގޮތަށް ކަފާލާތުގެ ދަށުން ދޫކޮށްލި އެއް ބަޔަކީ ޔާމީންގެ ވެރިކަމުގައި އޭރު ޖަލު ހުކުމް އިއްވެވި އިދިކޮޅު ސިޔާސީ ލީޑަރުންނެވެ. އޭގެ ތެރޭގައި ޔާމީންގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި، މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ފާރިސް މައުމޫންގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވެސް ހިމެނެއެވެ.

މައުމޫން، ފާރިސް އަދި ގާސިމްގެ މައްޗަށް ހުކުމެއް އޮއްވައި ރިޔާސީ އިންތިހާބުގެ ފަހުން އެ ބޭފުޅުން ކަފާލާތުގެ ދަށުން ދޫކޮށްލީ އެކަމަށް އެ ބޭފުޅުން އެދުމުން ހައި ކޯޓުންނެވެ. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން ވެސް ސުޕްރީމް ކޯޓަށް ދައުލަތުން ހުކުމް ރިވިއު ކުރަން ހުށަހެޅި މައްސަލާގައި އަމުރު ނެރެދީފައިވެއެވެ.

ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމެވީ އެމަނިކުފާނު ކަފާލާތުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމުގައެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ހިމެނޭ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ބައި ތަންފީޒު ކުރަން ފަސްކުރުމުގެ އަމުރެއް ނެރެދީފައިވެއެވެ. އެމަނިކުފާނުގެ ވަކީލުން ގަބޫލު ކުރައްވަނީ ސުޕްރީމް ކޯޓުގެ ޝަރީއަތް މިހާތަނަށް އައީ ވަރަށް އިންސާފުވެރިކޮށް ކަމަށެވެ.

ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ނޮވެމްބަރު 28، 2019 ގައެވެ. އެއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާ ކުރި ކަމުގެ ތުހުމަތުގައެވެ. އެއީ ގއ. ވޮޑަމުލާގެ ފައިސާ ކަމަށް ދައުލަތުން ފުރަތަމަ ވިދާޅުވިއެވެ. އެއީ އެ ރަށުގެ ފައިސާ ކަން ނޭނގޭ ކަމުގައި ވެސް ވިދާޅުވުމަށް ފަހު، އެއީ އެ ރަށުގެ ފައިސާ ކަމުގައި ފަހުން ދައުލަތުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލލ

    މިދެބޭފުޅުން ނަކީ އެއް ބޯޑިން ސްކޫލް ގައި އެއް ކޮޓަރިއެއްގައި އެއް ކުލާސް ރޫމް ގައި އުޅުއްވި ދެބޭފުޅުންތޯ ؟

    • ނައިކް

      ހޫން.. ކުރީގެ ނަަިބު ޖަމީލާ ކުރީގެ އުއްތޭ ފާއިޒު އަފި ޑރ ޑީޑީވެސް ސިޔާސީ ފިކުރުގެ މީހުން....

  2. ވަހީދު ބެ----

    އެ ނޫން ގޮތެއް އޮންނާނެތަ؟ މީނަ ހާދަހ ފަހަތުގައޭ އުޅެނީ

    3
    1
  3. ޑައެލޯގް

    ޖަމީލު ތިޔަދެއްކީ %100 ގެވާހަކައެކެވެ. ތިޔަފާއިޒަކީ ރީދޫކުއްޖެކެވެ. އޭނާއަކީ މ. ލަކީސްޓަރ ގައި ދިރިއުޅުނުމީހެކެވެ. އހަރެންގެ ގާތުގައިވެސް އެމްޑީޕީއަށް ތާއިދުކޮށް ޕާޓީވާހަކަ ދައްކާފައިވެއެވެ.

    24
    4
  4. ބަލީނު

    ޖަމީލަކީ ކިބުރުވެރިކަމާ ބޮޑާކަމާހެދީ މަރުދަން ޖެހޭ މީހެއް! ކުރީގެ ރައީސް ޔާމީން ޖަމީލު މި ގެންގުޅެނީ ވަކި މަގްސަދެއްގަ! މީނާގެ ގޮތް ރައީސް ޔާމީންއަށް ނޭނގޭތީއެއް ނޫން! ޢެކަތި ފުޅަށް އަނެކަތި ފުޅަށް! ޥަރަށް ވެދުން

  5. ޙުސައިން

    މީގެ ކުރީގައި ހައި ކޯޓުގައި ކަފާލާތުގެ ދަށުން ބަޔަކު ދޫކޮށްލާފައިވޭ. އޭރު އެ ކަމަށް ދައުލަތުން ދެކޮޅުވެ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކޮށްފައެއް ވެސް ނުވޭ. އޭރުވެސް އެވިދާޅުވާ ކުރީގެ އުއްތަމަ ހުންނަވާނެ. އެކަމު ދެކޮޅެއް ނަހައްދަވާ. މިދެން ބޮޑުވަރު