ކޮވިޑް-19 ފެތުރޭތީ މޮނިޓަރިން ހާލަތުގައި އޮތް ރަށްތަކުގެ އަދަދު 16 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ލިސްޓުގައިވާ ގޮތުން މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ބަންދުގައި އޮތީ އޮގަސްޓު މަހު 28 ވަނަ ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫއެވެ.

މި ރަށްތަކުގެ އިތުރުން ދެން މޮނިޓަރިން ހާލަތުގައި އޮތީ ސ. ހުޅުމީދޫ، އާއި ގއ. ގެމަނަފުއްޓާއި ގއ. މާމެންދޫ، ތ. ދިޔަމިގިއްޔާއި ށ. މާއުނގޫދޫ އާއި ފ. ނިލަންދޫ އާއި ނ. ވެލިދޫ އަދި އދ. އޮމަދޫއެވެ.

އެޗްޕީއޭ އިން އެންމެ ފަހުން މޮނިޓަރިން ހާލަތަށް ގެނައީ ލ. ފޮނަދޫ އާއި ދ. މާއެނބޫދޫ އާއި މ. ވޭވަށް އަދި ލ. ގަމެވެ. މި ހަތަރު ރަށަކީ މި މަހުގެ ތެރޭގައި މޮނިޓަރިން ހާލަތަށް ގެނައި ހަތަރު ރަށެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. އެގޮތުން އިއްޔެ މި ބައްޔަށް ފައްސިވެފައި ވަނީ 46 މީހުންނެވެ.

ރާއްޖެ އިން މިހާތަނަށް 85،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި 83،000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވި އިރު މި ބަލީގައި ނިޔާވެފައި ވަނީ 233 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު