ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަނުކުރެވޭ މަންޒަރު އެއްވެސް ވަރަކަށް ނުފެންނަ ކަމަށް ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

"އަވަސް" ނޫހުގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޖަމީލްއަށް އަމާޒު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޖަމީލް ވިދާޅުވީ އޭނައަށް ލިބިފައިވާ ސިޔާސީ ހަޔާތުގެ ތަޖުރިބާއިން ގަބޫލު ކުރެވޭ ކަމަކީ 2023 ގައި ޔާމީން ވާދަކުރައްވާނެ ކަމުގައެވެ. އެ ނޫން ގޮތަކަށް މަންޒަރު ނުފެންނަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކަމުގައި އުޅޭތާ ލައްކަ ދުވަސްވެއްޖެ، ރައީސް ޔާމީނަށް ވާދަނުކުރެވޭނެ މަންޒަރެއް އެއްވެސް ވަރަކަށް ނުފެނޭ، އެ ހިސާބު އެ ޖައްސަވާ ގޮތެއް އެއްވެސް ވަރަކަށް ނުފެނޭ." އިސް ގާޒީ ކަމާއި ވަޒީރު ކަން ވެސް ކުރެއްވިި ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ކުރިއަށް އޮތް ވިއްސަކަށް އަހަރުގައި ވެސް ރިޔާސީ އިންތިޚާބުތައް ބޭއްވޭނީ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބަސް އޮވެގެން ކަމަށެވެ.

ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮތީ އެމްޑީޕީއާއި ޕީޕީއެމްގެ ސަޕޯޓަރުން ކަމަށާއި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނުހިނގާ ކަމަށް އެމްޑީޕީގެ ގިނަ ސަޕޯޓަރުން ވެސް ގަބޫލު ކުރާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ދެހާސްއަށްވަނަ އަހަރު އެންމެ ފަހު ވަގުތު ނަޝީދަށް ވާދަކުރަން ފުރުސަތު ލިބުނު ކަން އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވީ "މޭޒު ދޮށުން ވެސް ނިމިގެން ދާނެ ގޮތްތައް ގާނޫނުގައި ވެސް އޮންނަ" ކަމަށެވެ.

ޔާމީން ބޭރަށް ފޮނުވާލަން ސަރުކާރުން ކުރާ މަސައްކަތުގެ އިތުރުން ބޭރު ބައެއް ގައުމުތަކުން ވެސް އިނާޔަތްތަކާއެކު ހުންނެވޭ ގޮތަށް ފުރުސަތު ވެސް ލިބުނު ކަމަށް ޖަމީލް ވިދާޅުވިއެވެ. އެހެންވިޔަސް މަޑުކުރައްވަނީ "ރައީސް ޔާމީން ކޮންމެ ވެސް ހިސާބެއް ޖައްސަވައިގެން" ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެހެންވެ ޔާމީނަށް ވާދަކުރަން މި ސަރުކާރުން ފުރުސަތު ނުދެވޭނެ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

އެހެންވިޔަސް ޕީޕީއެމްއާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލުން ވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅައިފައެވެ. އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ އެމަނިކުފާނުގެ މައްޗަށް އުފުލާ ދައުވާތަތަކީ "ސިޔާސީ ދައުވާތަކެއް" ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    އިންޝާ ﷲ. ﷲ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެން ވޭ.

  2. އަބުދުﷲ

    ކަލެޔަޢް ރަނގަޅުވާނެ ޔާމީނަށް ބައިވެރި ނުވެވުނީމަ.

  3. އަހުސަން

    ވައްކަން ކޮށްގެން ސާބިތު ވެފައި ތިބ ބޮޑެތި ވަގުން ދެން ކޮން އިންތިހާބެއްގަ ބައިވެރި ކުރުވަންތަ ޖަމީލު މިއުޅެނީ. ހީހީ ހަލާކު. ދުވަހަކުވެސް ތިކަމެއް ނުވާނެ.