މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނިތައް ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރަކަށްވާތީވެ އެ ދޫނިތަކަށް ގޯނާ ނުކުރަން އިޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އީޕީއޭއިން ބުނީ އެގޮތަށް ހިޖުރަކުރާ ދޫންޏަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތައް ކަމަށެވެ. ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން އެފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ، އެކަމަކީ އެ އެޖެންސީން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާކަމެއް ކަމަށް އީޕީއޭއިން ބުންޏެވެ.

"ފުޓްބޯޅަ ދަނޑުތަކުގައި އާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ މި އެޖެންސީއަށް ލިބެމުންދާތީ، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށްވެސް ނަސޭހަތްތެރިވަން" އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މި މޫސުމުގައި ރާއްޖެއަށް ގިނަ އަދަދަކަށް ޒިޔާރަތްކުރާ ދޮންދޫންޏާއި ދޮންދޫނި ލޯފިނދާއި މި ބާވަތުގެ ހުރިހާ ސޫތްޕަކީވެސް މަދިރި ކޮންޓްރޯލުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ، އަދި މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށްދިނުމުގައި އިސް ރޯލެއް އަދާކުރާ ދިރުންތަކެއް ކަމުގައިވަނީ ފާހަގަވެފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އެހެންކަމުން މިދަނޑިވަޅުގައި، މިބާވަތުގެ ހުރިހާ ސޫތްޕެއް ހިފުމާއި، އެއަށް ގޯނާކުރުމުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ދޫނި ހިފާ ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ތިމާވެއްޓަށްދޭ ގެއްލު ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" އާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބްރާހިމް

    ދޫނި ރާއްޖެއިން ދޫނިތަށްވެސް މިނިވަންކަމަށް މުޒާހިރާޖުރަނީ

  2. ކީލި

    ދޫނި ސޫފާ ސޫފި އަދި ވަލު ޖަނވާރުން ހިމާޔަތް ކުރާ އިރު އިންސާނުން ނަށް އޮއި ޙިމާޔަތަކީ ކޮބާތޯ ؟

  3. ރޯމީހާ

    މީހަކު ހައިރާނެއްނުވާނެތޯ މިހީވަނީ ރޯދަމަހުރޯދަ ކުރުކުރާޕޮރޮގްރާމްގައި އަރަތްކިޔާހެންކިޔާބަޔެއް ހެން އެއީ ދޫނިވެލާކަނހަބު ހިމާޔަތްކޮއްފައި އެސޮރުމެން ބިސްއަޅާ ހާލިހަދާނެ ތަނެއްނެތް ފަޅެއްގިރިއެއް ހަލެއްނެތް ވިއްކާނުލާ ހީހީ ހަލަކް