ދިވެހިރާއްޖޭގެ އިސްނެގުމާއެކު ސާފު، ސިއްހަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓެއް އޮތުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގެއްކަމަށް ފުރަތަމަ ފަހަރަށް އ.ދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުން ފާސްކޮށްފިއެވެ.

މިދިޔަ މަހުގެ 13 އިން ފެށިގެން ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 48 ވަނަ ބައްދަލުވުމުގައި ސާފު، ސިއްހަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނީ ހައްގެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

އެ މަސައްކަތަކީ ރާއްޖެއިން އިތުރު ހަތަރު ގައުމަކާއެކު (މޮރޮކޯ، ސްވިޒަރލޭންޑް، ސްލޮވީނިއާ އަދި ކޮސްޓަރިކާ) އިސްނަގައިގެން ފާއިތުވީ އަހަރުން ފެށިގެން ކުރަމުން އައި ބުރަ މަސައްކަތުގެ ނަތީޖާއެވެ.

އެ ނިންމުން ފާސްކޮށްފައިވަނީ ވޯޓަކުންނެވެ. ކައުންސިލްގައި ތިއްބަވާ 47 މެމްބަރުންގެ ތެރެއިން މި ގަރާރާ އެއްކޮޅަށް ވޯޓުލާފައި ވަނީ 43 ގައުމުންނެވެ. ވަކި ގޮތަކަށް ވޯޓު ނުލާ ހަތަރު މެމްބަރުން ތިބިއިރު، އެގަރާރާ ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓުލާފައިއެއް ނުވެއެވެ.

އެގޮތުން ސާފު، ސިއްޙަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނީ ހައްގެއްކަމަށް ގަބޫލުނުކުރާ އެއްވެސް ގައުމެއް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ނެތްކަން މިވޯޓުން ހާމަވެގެން ދެއެވެ. ފާއިތުވީ އަހަރުން ފެށިގެން، ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ ރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފީހުން މި ހައްގު އދ ގައި ކަނޑައެޅުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރިއެވެ.

އެގޮތުން ޖެނީވާގައި އެކި ވޯރކްޝޮޕްތަކާއި ބައްދަލުވުންތައް ބާއްވައި، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލާއި އދ ގެ އާންމު މަޖިލީހުގައި މިކަމަށް ތާއިދު ހޯދުމުގެ ގޮތުން ވަކާލާތު ކުރިއެވެ. މިގޮތުން މިކަމުގައި ރާއްޖެއާއި އެކު މަސައްކަތްކުރި އެހެން ގައުމުތަކާއި ގުޅިގެން ހުށަހެޅުނު ބަޔާންތަކަށް 69 އަށް ވުރެ ގިނަ އދގެ މެމްބަރު ގައުމުތަކުން ތާއިދުކޮށްފައިވާ އިރު، މި ގަރާރު ފާސްކުރުމަށް އެއް ލައްކައަށް ވުރެ ގިނަ ކުޑަކުދިންނާއި ޒުވާނުން އަދި 1300 އަށް ވުރެއް ގިނަ މަދަނީ ޖަމިއްޔާތަކުންވަނީ އދ އަށް ގޮވާލާފައެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިއަދު ނިންމާފައިވާ މިނިންމުމަކީ، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ދުނިޔޭގައި އެޅިގެންދިޔަ އިންގިލާބީ ފިޔަވަޅެކެވެ. މި ނިންމުމުގެ ސަބަބުން ސާފު، ސިއްޙަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނުންގެ ދިރިހުރުމުގެ ހައްގާއި ސީދާ ގުޅިފައިވާކަމެއްކަމަށް ގައުމުތަކުން ވަނީ ބަލައިގަނެފައެވެ. އަދި، ޖައްވު ސާފުކޮށްބެހެއްޓުމާއި، ރައްކާތެރި މާހައުލެއް ބިނާކުރުމަށާއި ތިމާވެއްޓަށް ގެއްލުންހުރި ވިހަ ގޭސްތައް ޖައްވަށް ބޭރުކުރެވޭ މިންވަރު މަދުކޮށް ތިމާވެށި ހިމާޔަތްކުރުމަށް މި ގަރާރުގައި ގޮވާލާފައިވެއެވެ.

ގަރާރު ފާސްވުމުން ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުމަކީ އިންސާނީ ހައްގެއްކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިނުވާ ގައުމުތަކަށް އެކަން ގާނޫނު އަސާސީގައި ހިމެނުމަށް އިތުރަށް ބާރުއެޅިގެންދާނެއެވެ. އަދި، މި ނިންމުމުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމަށް ގައުމުތަކުން ކުރަމުންގެންދާ މަސައްކަތާ ގުޅޭގޮތުން އދއަށް ޖަވާބުދާރީވާން ޖެހުމާއެކު، ގައުމުތަކުގެ ތިމާވެއްޓާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަށް އިތުރަށް ހަރުދަނާކުރެވިގެންދާނެއެވެ.

މި ކާމިޔާބީއަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގެންފައިވާ މިންވަރު ހާމަވެގެންދިޔަ ކަމެކެވެ. ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ހާމަވެގެންދިޔަ އަލިގަދަ ދަލީލެކެވެ